ވިޔަފާރި / ޚަބަރު
މި އަހަރުގެ މިހާތަނަށް 3.5 ބިލިއަން ރުފިޔާ އަރަނިކުރެވިއްޖެ

ރާއްޖޭގެ މާލީ ހާލަތުގެ މިސްރާބު ރަގަޅުވަމުން އަންނަކަމަށް ރައީސުލްޖުމްހޫރިއްޔާ، ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ދަޢުލަތުގެ ހުރިހާ ޚަރަދެއް ކެނޑުމަށްފަހު މި އަހަރުގެ މިހާތަނަށް 3.5 ބިލިއަން ރުފިޔާ އަރަނިކުރެވިފައިވާކަމަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ދަޢުލަތުގެ މާލީ ޙާލަތު ހާމަކުރައްވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވި ތަފާސްހިސާބުތައް ދައްކާގޮތުން، 1 ޖަނަވަރީ 2025 އިން ފެށިގެން 24 އެޕްރީލް 2025 ގެ ނިޔަލަށް ދައުލަތަށް ލިބިފައިވާ އާމްދަނީ އާއި ހިލޭ އެހީގެ ޖުމްލައަކީ 12.4 ބިލިއަން ރުފިޔާއެވެ. މި މުއްދަތުގައި 10.5 ބިލިއަން ރުފިޔާ ޚަރަދުވެފައިވާއިރު، ދަޢުލަތުގެ ޖުމްލަ ބަޖެޓުން 1.9 ބިލިއަން ރުފިޔާ އަރަނިވެފައިވެއެވެ. މިއާއެކު ބަޖެޓުގެ ޕްރައިމަރީ ބެލެންސަށް 3.5 ބިލިއަން ރުފިޔާ ވަނީ އަރަނިވެފައެވެ.
މިކަން އަޅުގަނޑުމެން ވަކި ތަރުތީބަކުން މެއިންޓެއިން މި ކުރަނީ. މި އަހަރުގެ އެކި މަސްމަހު މީޓް ކުރަންޖެހޭ ޓާގެޓުތަކެއް އެބަހުރި. އަޅުގަނޑު ރިޔާސީ ބަޔާނުގަ އިޢުލާންކުރިން މި އަހަރު ނިމޭއިރުގަ އަޅުގަނޑުމެންގެ ދަރަނި 9.4 ބިލިއަނަށް ކުޑަކުރަން ބޭނުންވާ ވާހަކަ ވެސް. ބޭރުގެ ދަރަނިތަކެއް ވެސް ދައްކަން އެބަހުރި. މި ހުރިހާ ކަމެއް މެނޭޖުކުރެވިގެން ގެންދިއުމަށްޓަކައި މި އަހަރުގެ މި ހިސާބަށް މިވަރުގެ ޕްރައިމަރީ ބެލެންސެއް މި ބެހެއްޓުނީ. އެއްގޮތަކަށް ވެސް ކަންކަމަށް ޚަރަދު ނުކުރާން ސޭވް ކުރަނީކީއެއް ނޫން. ކުރަންޖެހޭ ޚަރަދުތައް ވެސް އެބަކުރަން.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އަދި ދައުލަތުގެ މަނިޓަރީ ޙާލަތާ ގުޅޭ ޗާޓު ޙިއްސާކުރައްވައި، ރައީސް ވިދާޅުވީ މި ކަމުގެ ރާސްތާ ރަގަޅުކުރެވިފައިވާ ކަމަށެވެ. އެގޮތުން ސޮވެރިން ޑިވެލޮޕްމަންޓު ފަންޑަށް 30 އެޕްރީލް 2025 އާ ހަމައަށް 121 މިލިއަންޑޮލަރު ވަނީ ޖަމާކޮށްފައެވެ. މި ފަންޑުގައި 17 ނޮވެންބަރު 2023 ގައި ހުރީ 2 މިލިއަން ޑޮލަރާއި 2.4 މިލިއަން ރުފިޔާއެވެ.
މީގެ އިތުރުން، ދައުލަތުން ނަގާފައިވާ ލޯނުތައް ދެއްކުމަށް މި އަހަރުގެ މިހާތަނަށް 2.5 ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އޭގެ ތެރޭގައި 2022 ވަނަ އަހަރު ނަގާފައިވާ 100 މިލިއަން ޑޮލަރުގެ ލޯނު ވެސް ހިމެނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
އަދި ބޭރު ފައިސާގެ ޤާނޫނަށް ގެނައި ބަދަލުތަކުގެ ނަތީޖާއެއްގެ ގޮތުން، މިހާތަނަށް 214 މިލިއަން ޑޮލަރު ޓުއަރިސްޓް ފެސިލިޓީތަކުން ބޭންކުތަކަށް މާރުކޮށްފައިވެއެވެ. އަދި މި އެއްބާރުލުން ދެމެހެއްޓެނިވި ގޮތެއްގައި ޓުއަރިޒަމް ސިނާއަތުން ލިބޭނަމަ، ގިނަ ފައިދާތަކެއް ރައްޔިތުންނަށް ލިބިގެންދާނެކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ މީގެ ކުރިން ފާހަގަކުރައްވާފައިވެއެވެ. އޭގެ ތެރޭގައި ކްރެޑިޓް ކާޑުގެ ލިމިޓް ބޮޑުކުރުމާއި، ބޭރަށް ފުރާ ދިވެހިންނަށް ބޭންކު ރޭޓުގައި ޑޮލަރު ދެވޭ މިންވަރު އިތުރުކުރުން ހިމެނެއެވެ.