ޚަބަރު
ހީނަރުވުމެއްނެތި ފަލަސްތީނަށް އިންސާނީ އެހީ ލިބެންޖެހޭ: ބަންޑާރަ ނައިބު

އައިސީޖޭގައި ބަންޑާރަ ނައިބު ރާއްޖޭގެ ފަރާތުން ބަޔާން އިއްވަވަނީ ---
ހީނަރުވުމެއްނެތި ފަލަސްތީނުގެ ރައްޔިތުންނަށް އިންސާނީ އެހީ ލިބެންޖެހޭނެކަމަށް ދައުލަތުގެ ބަންޑާރަނައިބު އަޙްމަދު ޢުޝާމް ވިދާޅުވެއްޖެއެވެ. އުޝާމް މިފަދައިން ވިދާޅުވީ އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައިސީޖޭ)ގައި ރާއްޖޭގެ ފަރާތުން މިއަދު ނެރުނު ބަޔާނުގައެވެ.
އައިސީޖޭގައި ރާއްޖޭގެ ފަރާތުން ބަންޑާރަ ނައިބު ބަޔާނެއް ނެރުއްވީ، ޔަހޫދީން ފަލަސްޠީނަށް ދެމުންގެންދާ ޢުދުވާނީ އަދި ލާއިންސާނީ ޙަމަލާތަކާ ގުޅިގެން އަނިޔާ ލިބެމުންދާ މުސްލިމް އަޚުންނަށް އެހީ ފޯރުކޮށްދެމުންދާ ފަރާތްތަކަށް އަމާޒުކޮށް އިސްރާޢީލުން ހަމާލާދެމުންގެންދާތީ، އެކަމާ ގުޅިގެން އެ ކޯޓަށް ހުށަހަޅާފައިވާ މައްސަލައި ދިވެހި ސަރުކާރުގެ ފަރާތުން ބަޔާން އިއްވަމުންނެވެ.
ބަންޑާރަ ނައިބު ވިދާޅުވީ، ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުގައި ރާއްޖެއިން ކެނޑިނޭޅި ވަކާލާތުކުރާނެ ކަމަށާއި އަދި އިސްރާއީލުގެ ބާރުގެ ދަށަށް ގެނެސްފައިވާ ފަލަސްޠީނުގެ ބިންތަކުގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދެވޭކަން ކަށަވަރުކުރުން މުހިންމުކަމަށެވެ.
މީގެ އިތުރުން، ފަލަސްތީނުގެ ރައްޔިތުންނަށް އެހީދޭ އެކުވެރި ދައުލަތް (އދ) ތަކަށް ނިސްބަތްވާ ޖަމްޢިއްޔާތަކުގެ ބާރުކަނޑުވާލުމަށް އިސްރާއީލުން މަސައްކަތްކުރަމުން ދާތީ އެކަމާ ވެސް ވަނީ ކަނޑުބޮޑުވުން ފާޅުކޮށްފައެވެ.
އައިސީޖޭގައި ކުރިއަށްދިޔަ އަޑު އެހުމުގައި ރާއްޖޭގެ ފަރާތުން ބާރ އޮފް އިނގްލެންޑް އެންޑް ވޭލްސްގެ ދެ ވަކީލަކު ވެސް ވާހަކަފުޅުދެއްކެވިއެވެ. އެ ފަރާތްތަކުން ފާހަގަކުރެއްވި ގޮތުގައި، ބައިނަލްއަޤްވާމީ މުޢާހަދާތަކުގެ ދަށުން އިސްރާއީލުގެ ޒިންމާތަކުން ރެކުމަށްޓަކައި ޤައުމީ ސަލާމަތް އަދި ހަނގުރާމަވެރި ބޭނުންތެރިކަން ސަބަބެއްގެ ގޮތުގައި ދައްކަނީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފަށެވެ.
އ.ދ.އާއި އެހެނިހެން ބައިނަލްއަޤްވާމީ ޖަމިއްޔާތަކާއި އެހެން ޤައުމުތަކުން ފަލަސްތީނުގެ ޢާންމު ރައްޔިތުންނަށް ފޯރުކޮށްދެމުންދާ އިންސާނީ އެހީތެރިކަމަށް ޔަހޫދީން ދަނީ ހުރަސްއަޅަމުންނެވެ. މީގެ އަދި ޣައްޒާގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ޙަރަކާތްތެރިވަމުންދާ ފަރާތްތަކަށް އަމާޒުކޮށް އިސްރާއީލުން ދަނީ ލާއިންސާނީ ޙަމަލާތައް ވެސް ދެމުންނެވެ.