ވިޔަފާރި
"ފަވަރަ" ޚިދުމަތަށް ބުރޫއަރައިފި

ފަވަރަ ލޯންޗުކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން، ފޮޓޯ: މިހާރު
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ޤާއިމްކޮށްފައިވާ އިންސްޓަންޓް ޕޭމަންޓް ސިސްޓަމް، "ފަވަރަ" ޚިދުމަތަށް ބުރޫ އަރައިފިއެވެ.
ފަވަރައަކީ އެއް ބޭންކުން އަނެއް ބޭންކަށް ވަގުތުން ފައިސާ ފޮނުވުމަށް އެމްއެމްއޭއިން ދެމުން އަންނަ ޚިދުމަތެކެވެ. މިއީ ފަސޭހަ، އަވަސް، އަދި ރައްކާތެރި ޕޭމަންޓް ޚިދުމަތެއް ފޯރުކޮށްދިނުމަށް މަގުފަހިކުރުމުގެ ގޮތުން އެމްއެމްއޭއިން ފަށާފައިވާ ޚިދުމަތެއްކަމަށް އެ ބޭންކުން ހާމަކޮށްފައި ވެއެވެ. އެގޮތުން މި ޚިދުމަތް ފަށާފައިވަނީ 26 އޮގަސްޓް 2023 ގައެވެ.
"ފަރުދުން" އަށް މަޢުލޫމާތު ދެއްވަމުން އެމްއެމްއޭގެ މީޑިއާ އޮފިސަރު ވިދާޅުވީ، ޚިދުމަތް މެދުކެނޑިފައި ވަނީ ޓެކްނިކަލް މައްސަލައެއްގެ ސަބަބުންކަމަށެވެ. އަދި މި މައްސަލަ ފާހަގަވެފައި ވަނީ މިއަދު ހެނދުނުން ފެށިގެންކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން، މައްސަލަ ޙައްލުކުރުމުގެ މަސައްކަތް އެ އޮތޯރިޓީގެ ޓެކްނިކަލް ޓީމުން ކުރަމުން އަންނަ ކަމަށާއި، ވަރަށް އަވަހަށް މައްސަލަ ޙައްލުވާނެކަމަށް ޤަބޫލުކުރެވޭކަމަށް މީޑިއާ އޮފިސަރު ވަނީ ވިދާޅުވެފައެވެ.
ތިން ބޭންކާއެކު ފަވަރަ ޚިދުމަތް ފެށި ނަމަވެސް، މި ޚިދުމަތް މިހާރު ވަނީ 7 ބޭންކަކަށް ފުޅާކޮށްފައެވެ. އެގޮތުން ބޭންކް އޮފް މޯލްޑިވްސް، ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް، މޯލްޑިވްސް އިސްލާމިކް ބޭންކް، ސްޓޭޓް ބޭންކް އޮފް އިންޑިއާ، ބޭންކް އޮފް ސިލޯން، ހަބީބް ބޭންކް ލިމިޓެޑް އަދި މޮރިޝަސް ކޮމާޝަލް ބޭންކުގެ ކަސްޓަމަރުންނަށް މި ޚިދުމަތް މިހާރު ލިބެއެވެ. މީގެ އިތުރުން ދިރާގުގެ ފިންޓެކް ކަސްޓަމަރުންނަށް ވެސް މި ޚިދުމަތް ލިބެއެވެ.