ދުނިޔެ

ފަލަސްތީނުން އިސްރާއީލްއަށް އެހީވުމަށް ނިންމުމަކީ ފަލަސްތީނުގެ ރައްޔިތުންނަށްވާ ބޮޑު އިހާނެތެއް: އެކްޓިވިސްޓުން

ފަލަސްތީނުން އިސްރާއީލްއަށް އެހީވުމަށް ނިންމުމަކީ ފަލަސްތީނުގެ ރައްޔިތުންނަށްވާ ބޮޑު އިހާނެތެއް: އެކްޓިވިސްޓުން

އިސްރާއީލުގައި ރޯވެ އަނދަމުންދާ އަލިފާންގަނޑު ފޮޓޯ:އިންޓަނެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

01 މޭ 2025، 05:55

01 މޭ 2025، 05:55

ޤުދުސް ސަރަޙައްދުގައި ހުރި ޔަހޫދީ އާބާދީތަކުގައި ހިނގި އަލިފާނުގެ ހާދިސާތައް ނިއްވުމަށް ފަލަސްތީނު އޮތޯރިޓީން ޒިއޯނިސްޓު ސަރުކާރަށް އެހީތެރިކަން ހުށަހެޅުމާ ގުޅިގެން ގިނަ ލިޔުންތެރިންނާއި، ދިރާސާކުރާ ފަރާތްތަކާއި އަދި އެކްޓިވިސްޓުން ފާޑުކިޔަން ފަށައިފިއެވެ.

މި ކަން ހިނގާފައިވަނީ އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ އަނިޔާވެރި ހަނގުރާމައާއި، ވެސްޓް ބޭންކުގެ ރެފިއުޖީ ކޭމްޕްތަކަށް ދެމުންދާ ހަމަލާތަކުގެ ތެރޭގައެވެ.

ލިޔުންތެރިޔާ އަދި އެކްޓިވިސްޓް އިންތިސާރު އަލް-އަވާވްދާ ވިދާޅުވީ ފަލަސްތީނު އޮތޯރިޓީގެ މި އަމަލަކީ "ފަލަސްތީނުގެ ރައްޔިތުންނަށް ވާ ބޮޑު އިހާނެތިކަމެއް" ކަމަށެވެ. އަދި މިއީ "ޣައްޒާއާއި ވެސްޓް ބޭންކުގައި އަނިޔާވެރި ޢަމަލުތައް ހިންގަމުންދާ އޮކިއުޕޭޝަނަށް ބޯލަނބައި، އަޅުވެތިވުން" ކަމަށް އޭނާ ވިދާޅުވިއެވެ.

ބުދަ ދުވަހު ޤުދުސް ޕްރެސްއަށް ދެއްވި ބަޔާނެއްގައި އޭނާ އިތުރަށް ވިދާޅުވީ: "ޣައްޒާގެ ހަށިތައް ދުޝްމަނުންގެ އަލިފާނުގައި އަނދަމުންދާއިރު، އާއިލާތައް ބަނޑުހައިހޫނުކަމާއި، ބަލިމަޑުކަމާއި، ފެންބޮވައިގެން މަރުވަމުންދާއިރު، އަދި އުތުރު ވެސްޓް ބޭންކުގައި މަޖުބޫރުން ގޭދޮރު ދޫކޮށް ދާންޖެހޭ ހާލަތުގައި ތިބިއިރު، ފަލަސްތީނު އޮތޯރިޓީން އަވަސްވެގަންނަނީ ޒިއޯނިސްޓު އާބާދީތަކުގެ އަލިފާން ނިއްވުމަށް އެހީތެރިވެ، އެ މީހުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމަށެވެ."

އޭނާ އިތުރަށް ވިދާޅުވީ "މި އޮތޯރިޓީން ހަޤީޤަތުގައި އަމިއްލައަށް ވަނީ އޮކިއުޕޭޝަނާ އެއްކޮޅަށް މަސައްކަތްކުރުމަށް ވަކާލާތުކޮށްފައެވެ. އެއީ ހަމައެކަނި ވެސްޓް ބޭންކުގައި ރެސިސްޓަންސް ހުއްޓުވުމަށް ސެކިއުރިޓީ ކޯޑިނޭޝަން ހިންގުމުގެ ތެރެއިން އެކަންޏެއް ނޫނެވެ. މިހާރު އެ މީހުންނަކީ ޔަހޫދީ އާބާދީތަކުގެ ސަލާމަތީ އަދި އަލިފާން ނިއްވާ ބައެއްގެ ގޮތުގައި ވެސް މެއެވެ."

ސިޔާސީ ދިރާސާކުރާ މަރުވާން އަލް-ޤައްބާނީ ވިދާޅުވީ: "ޣައްޒާގައި ހިނގަމުންދާ ޖަރީމާގެ ތެރެއިން - ޖަރީމާއެއްގެ ސަބަބުން ދިހަ ހާސް އެތައް ޝަހީދުންނާއި، އެތައްލައްކަ ގޭދޮރު ހަލާކުވެ، އަދި މިލިއަން މީހުން ގޭދޮރު ދޫކޮށް ދާންޖެހިފައިވާއިރު - އަދި ވެސްޓް ބޭންކުގެ ކޭމްޕްތަކަށް އަނިޔާވެރި ހަމަލާތައް ދެމުންދާއިރު - އެތައް ބައެއް ޝަހީދުވެ، ގިނަ ބަޔަކު ގޭދޮރު ދޫކޮށް ދާންޖެހިފައިވާއިރު - ފަލަސްތީނު އޮތޯރިޓީން ދުޝްމަނުންނަށް ޤުދުސް ކައިރީގައި ހިނގާ އަލިފާން ނިއްވުމަށް އެހީތެރިކަން ހުށަހަޅައިފިއެވެ."

އޭނާ އިތުރަށް ސުވާލު އުފެއްދެވީ: "ޤައުމީ އެއްބައިވަންތަކަމާ ޚިލާފު މި އަމަލު ޖަސްޓިފައިކުރެވޭނީ ކިހިނެއްތޯ؟ މިއީ ފަލަސްތީނު އޮތޯރިޓީން އޭގެ ޒިންމާ އަދާކުރުމުން - ފަލަސްތީނުގެ ރައްޔިތުން ރައްކާތެރިކޮށް، ބްލޮކޭޑާއި ބަނޑުހައިހޫނުކަމުގެ ދަށުން އެ މީހުންނަށް ޢިއްޒަތްތެރި ދިރިއުޅުމެއް ހޯދައިދިނުމުގެ ޒިންމާއިން - އެއްކިބާވެފައިވާކަން ދައްކުވައިދޭ ކަމެކެވެ."

ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ފަލަސްތީނު އޮތޯރިޓީގެ މި ނިންމުމާމެދު ފުރައްސާރަކޮށް، މަލާމާތްކުރާ ޕޯސްޓުތަކުން ފުރިގެން ދިޔައެވެ. ގިނަ ބަޔަކު މި ކަމަށް ދެކެނީ ފަލަސްތީނުގެ ރައްޔިތުންގެ ވޭނަށް އިތުރު އިހާނެތިކަމެއް ގެނުވައިދޭ ކަމެއްގެ ގޮތުގައެވެ. އަދި އޮކިއުޕޭޝަނަށް ވަފާތެރިކަން ސާބިތުކޮށްދޭ ކަމެއްގެ ގޮތުގައެވެ.

ޒިއޯނިސްޓު ޗެނަލް "ކަން" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ފަލަސްތީނު އޮތޯރިޓީން ޤުދުސް ކައިރީގައި ހުރި ޔަހޫދީ އާބާދީތަކުގައި ހިނގި އަލިފާނުގެ ހާދިސާތައް ކޮންޓްރޯލްކުރުމަށް އެހީތެރިކަން ހުށަހަޅާފައިވެއެވެ. ނަމަވެސް އިސްރާއީލު ސަރުކާރުން މިހާތަނަށް އެއްވެސް ޖަވާބެއް ދީފައެއް ނުވެއެވެ.
                    


                    

މި ލިޔުން ކިޔާލުމުން

Ads by MSS