Ads by Aqeeqa Maldives

ޚަބަރު

ސަމްޕާ ސަރަހައްދަށް ވަންނަ އުޅަނދުގައި ދިދަ ނަގަން ޖެހޭދޮތަށް ހަދާ، ސަލާމަތީ ފިޔަވަޅުތައް ހަރުދަނާކުރުމަށް އިސްލާހުތަކެއް ގެނެވިއްޖެ

ސަމްޕާ ސަރަހައްދަށް ވަންނަ އުޅަނދުގައި ދިދަ ނަގަން ޖެހޭދޮތަށް ހަދާ، ސަލާމަތީ ފިޔަވަޅުތައް ހަރުދަނާކުރުމަށް އިސްލާހުތަކެއް ގެނެވިއްޖެ

"ސައުތުއަރި މެރިން ޕްރޮޓެކްޓެޑް އޭރިއާ" (ސަންޕާ) ފޮޓޯ: ލިލީ ބީޗް ރިސޯޓް އެންޑް ސްޕާ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

01 މޭ 2025، 02:02

01 މޭ 2025، 02:02

ފެހުރިހި ބެލުމަށް ޓޫރިސްޓުން ގޮވައިގެން ދާ އުޅަނދުތަކުން "ސައުތުއަރި މެރިން ޕްރޮޓެކްޓެޑް އޭރިއާ" (ސަންޕާ) ސަރަހައްދުގެ ކޮންޓެކްޓް ޒޯނަށް ވަންނައިރު އުޅަނދުގައި ދިދަ ނަގަން ޖެހޭ ގޮތަށް ސަމްޕާ އޭރިއާ ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ މެނޭޖްމަންޓް ޕްލޭނު އިސްލާހުކޮށްފިއެވެ.

2009 ވަނަ އަހަރު ހިމާޔަތްކުރެވުނު ސަމްޕާއަކީ އދ. ރަންގަލި ފަރުގެ ހުޅަނގު އުތުރުން ފެށިގެން އެ އަތޮޅު ދިގގުރަށުގެ އުތުރު ކަނާ ދެމެދު ހުރި ރަށްރަށުގެ ފަރުގެ ބޭރު ތޮށިން ފެށިގެން އެއް ކިލޯމީޓަރުގެ ސަރަހައްދެކެވެ. މިއީ ރާއްޖޭގައި އެންމެ ގިނަ އަދަދަކަށް ފެހުރިހި އުޅޭ ސަރަހައްދު ކަމަށްވާތީ، ކޮންމެ ދުވަހަކުވެސް އެތައް ސަތޭކަ ޓޫރިސްޓުންނެއް މި ސަރަހައްދަށް ޒިޔާރަތްކުރެއެވެ.

ނަމަވެސް، މި ސަރަހައްދުގައި ނުރައްކާތެރި އެކްސިޑެންޓުތައް ހިނގާފައިވާތީ، އިތުރު ސަލާމަތީ ފިޔަވަޅުތަކެއް އެޅުމަށް ވަނީ ނިންމާފައެވެ. މީގެ ތެރޭގައި އުޅަނދުތަކުގެ ބުރަފަތީގައި ޕްރޮޕެލާ ގާޑު އެޅުވުން މަޖުބޫރުކުރުން ހިމެނެއެވެ.

އިސްލާހުކުރެވުނު މެނޭޖްމަންޓް ޕްލޭނުގައި، އުޅަނދުތައް ކޮންޓެކްޓް ޒޯނުގައި ހަރަކާތްތެރިވާއިރު ބޭނުންކުރުމަށް ޚާއްޞަ ދިދައެއް ދޫކުރެވޭނެ ކަމަށާއި، އެ ސަރަހައްދުގައި ހަރަކާތްތެރިވާއިރު އުޅަނދުގައި މި ދިދަ ނަގާފައި ބަހައްޓަން ޖެހޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން، ސަރަހައްދަށް ވަނުމުގެ ކުރިން ރޭންޖަރުންނަށް އެންގުމާއި، ސްނޯކަލް ނުވަތަ ޑައިވް ކުރާ ފަރާތްތަކުން ލައިވް ލޮކޭޝަން ހިއްސާކުރުން ފަދަ ކަންކަން މަޖުބޫރުކޮށްފައިވެއެވެ. އަދި ކޮންޓެކްޓް ޒޯނުގައި އެއްފަހަރާ ހަރަކާތްތެރިވެވޭނެ އުޅަނދުތަކުގެ އަދަދު ވެސް ވަނީ ކަނޑައަޅާފައެވެ.

މި އިސްލާހުތަކަށް އަމަލުކުރަން ފަށާނީ އަންނަ ޖުލައި މަހުގެ 31 ވަނަ ދުވަހުން ފެށިގެންނެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by MSS