Ads by Aqeeqa Maldives

ޚަބަރު

އެސްޓީއޯގެ އާމްދަނީ 4 ބިލިއަން ރުފިޔާއަށް އަރައިފި

އެސްޓީއޯގެ އާމްދަނީ 4 ބިލިއަން ރުފިޔާއަށް އަރައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ހައިޕަރމާކެޓް ފޮޓޯ: އެސްްޓީއޯ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

01 މޭ 2025، 01:56

01 މޭ 2025، 01:56

ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސްޓީއޯ) އިން ހާމަކޮށްފައިވާ މާލީ ހިސާބުތަކުން ދައްކާގޮތުގައި، 2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި އެ ކުންފުންޏަށް 4.02 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓަރގައި ލިބުނު 3.84 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 4.6 އިންސައްތައިގެ ކުރިއެރުމެކެވެ.

ނަމަވެސް، މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު އާމްދަނީ ދަށްވެފައިވާކަން ފާހަގަކުރެވެއެވެ. މިކަމުގެ މައިގަނޑު ސަބަބެއްކަމަށް އެސްޓީއޯއިން ބުނެފައިވަނީ، މިދިޔަ އަހަރުގެ ފުރަތަމަ ދެ ކުއާޓަރގައި މަތިވެފައިވާ ބައިނަލްއަޤްވާމީ ތެލުގެ އަގުތައް އާންމުމު ހާލަތަށް އައިސްފައިވުމެވެ.

މި އަހަރުގެ ފުރަތަމަ ކުއާޓަރގައި އެސްޓީއޯއަށް ފައިދާގެ ގޮތުގައި ލިބިފައިވަނީ 583 މިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރގައި ލިބުނު 617 މިލިއަން ރުފިޔާއަށްވުރެ ދަށް އަދަދެކެވެ. މި ދަށްވުމުގެ މައިގަނޑު ސަބަބަކީ އެ ކުންފުނިން ތެޔޮ ވިއްކާ އަގު ދަށްކޮށްފައިވުމެވެ.

ހިންގުމުގެ ފައިދާގެ ގޮތުގައި އެސްޓީއޯއަށް ލިބިފައިވަނީ 263 މިލިއަން ރުފިޔާއެވެ. މިއީވެސް މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރގައި ލިބުނު 308 މިލިއަން ރުފިޔާއާއި ކުރީ ކުއާޓަރގައި ލިބުނު 300 މިލިއަން ރުފިޔާއަށްވުރެ ދަށް އަދަދެކެވެ.

ޓެކްސް ކެނޑުމަށްފަހު، މި އަހަރުގެ ފުރަތަމަ ކުއާޓަރގެ ސާފު ފައިދާގެ ގޮތުގައި އެސްޓީއޯއަށް ލިބިފައިވަނީ 169 މިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރގައި ލިބުނު 195 މިލިއަން ރުފިޔާއާ އަޅާބަލާއިރު 13.5 އިންސައްތަ ދަށް އަދަދެކެވެ. މި ދަށްވުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ޖުމްލަ ފައިދާ ދަށްވުމާއި ޕްރޮވިޜަންތައް އިތުރުވުން ހިމެނެއެވެ.

އެސްޓީއޯއިން ބުނެފައިވާ ގޮތުގައި، ވިޔަފާރީގެ ހުރިހާ ދާއިރާއަކުންވެސް ފައިދާ ލިބި، ލަފާކުރެވުނު މިންވަރުގައި ހިފެހެއްޓިފައިވެއެވެ. އެސްޓީއޯއަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ގިނަ ވިޔަފާރިތަކެއް ހިންގާ ކުންފުންޏެވެ. މީގެ ތެރޭގައި ތެޔޮ، ބޭސް، ކޮންސްޓްރަކްޝަން ސާމާނު އަދި ކެއިންބުއިމުގެ ބާވަތްތަކުގެ ވިޔަފާރި ހިމެނެއެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by MSS