Ads by Aqeeqa Maldives

ޚަބަރު

މިނިމަމް ވޭޖް ރިވިއުކޮށް، ލޭބަރ މެނޭޖްމަންޓް ސިސްޓަމް ޤާއިމުކުރުމުގެ މަސައްކަތްދަނީ ކުރިއަށް : ވަޒީރު

މިނިމަމް ވޭޖް ރިވިއުކޮށް، ލޭބަރ މެނޭޖްމަންޓް ސިސްޓަމް ޤާއިމުކުރުމުގެ މަސައްކަތްދަނީ ކުރިއަށް : ވަޒީރު

މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. އަލީ ހައިދަރު ފޮޓޯ: ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

01 މޭ 2025، 12:17

01 މޭ 2025، 12:17

މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. އަލީ ހައިދަރު ވިދާޅުވެފައިވަނީ މިނިމަމް ވޭޖް ރިވިއުކުރުމާއި، ލޭބަރ މެނޭޖްމަންޓް އިންފޯމޭޝަން ސިސްޓަމްއެއް ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ވަޒީރު މިހެން ވިދާޅުވެފައިވަނީ މިއަދު ފާހަގަކުރަމުންދާ ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަހުގެ ޚިތާބުގައެވެ.

މަސައްކަތްތެރިންގެ މަސައްކަތުގެ އަގު ވަޒަންކުރުމަކީ ކުރަންޖެހޭ ކަމެއްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ މިއަދަކީ މަސައްކަތްތެރިންގެ ޤަދަރު މަތިކޮށް، އަބުރުވެރި މަސައްކަތުގެ މާހައުލެއް ޤާއިމުކުރުމަށް ލިބޭ ރަނުގެ ފުރުސަތެއްކަމަށެވެ. އަދި ފުދުންތެރި ދިވެހިރާއްޖެއެއް ބިނާކުރުމުގައި، ޖަމާޢަތުގެ މަސްއޫލިއްޔަތުގެ ވަރުގަދަކަން ހަނދާނަށް ގެންނަން ޖެހޭ ދުވަހެއްކަންވެސް ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ މަސައްކަތްތެރިންނަކީ ޤައުމު ތަރައްޤީކޮށް ކުރިއެރުވުމުގެ މައި ތަނބުކަމަށާއި، ޤައުމުގެ އިޤްތިޞާދު ވަރުގަދަވެ، ދުވެލި ބާރުވުމުގެ ފަހަތުގައިވަނީ މަސައްކަތްތެރިންގެ ތެދުވެރިކަމާއި އިޚްލާޞްތެރި ބުރަ މަސައްކަތްކަން ޤަބޫލު ކުރަންޖެހޭކަމަށެވެ. އަދި މުޖުތަމަޢު ކުރިއަރުވައި، ފާގަތި މުސްތަޤުބަލެއް ހޯދައިދިނުމުގެ އާރުކާޓީންނަކީވެސް މަސައްކަތްތެރިންކަމަށް ވިދާޅުވިއެވެ.

މި އަހަރުގެ މަސައްކަތްތެރިންގެ ޝިޢާރަށް އަލިއަޅުވާލައްވަމުން ވަޒީރު ވިދާޅުވީ، ކޮންމެ ދިވެއްސަކަށްވެސް މަސައްކަތުގެ މައިދާނުގައި ކުރިއަށްދިއުމަށް ބޭނުންވާ ހުނަރާއި ވަސީލަތްތަކާއި ފުރުޞަތުތައް ފަހިކޮށްދިނުމުގެ މުހިންމުކަން މި ޝިޢާރުން ހާމަކޮށްދޭކަމަށެވެ. އެގޮތުން، "އެންމެންނަށް ވަޒީފާ" މި ސިޔާސަތުގެ ދަށުން ހުނަރުވެރި މަސައްކަތްތެރިން އުފެއްދުމަށް ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރަމުންދާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ އެ ވުޒާރާއިން 2,000 އަށްވުރެ ގިނަ ދިވެހިންނަށް ހުނަރު ދަސްކޮށްދިނުމާއި، 300 ޒުވާނުންނަށް ޚާއްސަ ތަމްރީނު ދިނުމާއި، ނޭޝަނަލް ކެރިއަރ ސަރވިސް މެދުވެރިކޮށް ވަޒީފާއާ ގުޅޭ އެކިއެކި ޚިދުމަތްތައް ފޯރުކޮށްދެމުންދާކަމަށެވެ. އަދި މިއީ އަންނަން އޮތް ޖީލުތަކަށް އުޖާލާ މުސްތަޤުބަލެއް ބިނާކުރުމަށް އެޅޭ ވަރުގަދަ ބިންގަލެއްކަމަށްވެސް ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މަސައްކަތްތެރިންގެ ޙައްޤުތައް ރައްކާތެރިކޮށް، އިޖުތިމާޢީ މަޝްވަރާތައް އިތުރުކޮށް، މަސައްކަތުގެ މާޙައުލު ރައްކާތެރިކުރުމަށް އައު ބާބެއް ފެށިގެން ދިޔައީ އިންޑަސްޓްރިއަލް ރިލޭޝަންސްއާ ގުޅޭ ޤާނޫނު (1/2024) އަދި އޮކިއުޕޭޝަނަލް ސޭފްޓީ އެންޑް ހެލްތު ޤާނޫނު (2/2024) މިދިޔަ އަހަރު ތަސްދީޤުކުރެވުމާ އެކުގައެވެ. މި ޤާނޫނުތަކާއެކު، ޓްރޭޑް ޔޫނިއަންތައް ރަޖިސްޓްރީ ކުރަން ފެށި، ސަރުކާރާއި ވަޒީފާދޭ ފަރާތްތަކާ އަދި މަސައްކަތްތެރިން ބައިވެރިވާ ލޭބަރ އެޑްވައިޒަރީ ބޯޑު ޤާއިމުކުރެވުނުކަމަށާއި، މަސައްކަތުގެ މާޙައުލުގެ ޞިއްޙަތާއި ރައްކާތެރިކަމާބެހޭ ކައުންސިލެއްވެސް އުފައްދާފައިވާކަމަށް ވިދާޅުވިއެވެ.

ވަޒީފާއާ ގުޅޭ ޚިލާފުތައް އަވަހަށް ޙައްލުކުރުމަށް ޓްރައިބިއުނަލްގައި އައު ޑިސްޕިއުޓް ރިސޮލިއުޝަން ޑިވިޝަނެއް ޤާއިމުކުރެވި، ބައިނަލްއަޤްވާމީ ފެންވަރުގައި ދިވެހިރާއްޖެ އިޖުތިމާޢީ އިންސާފަށް މަސައްކަތްކުރާ ގްލޯބަލް ކޯލިޝަންގެ މެންބަރަކަށްވެސް ވެފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އިންޓަނޭޝަނަލް ލޭބަރ އޮގަނައިޒޭޝަނާ ގުޅިގެން ޑީސެންޓް ވޯކް ކަންޓްރީ ޕްރޮގްރާމް އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާކަމަށާއި މިނިމަމް ވޭޖް ރިވިއުކުރުމާއި، ލޭބަރ މެނޭޖްމަންޓް އިންފޯމޭޝަން ސިސްޓަމްއެއް ޤާއިމުކުރުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.

ނިންމާލަމުން ވަޒީރު ވިދާޅުވީ، ކުރިއަށް ދާންވާނީ ސަރުކާރާއި، މަސައްކަތްތެރިންނާއި، ވަޒީފާދޭ ފަރާތްތައް އެކުގައި މަސައްކަތްކޮށްގެންކަމަށެވެ. އަދި އިންސާފުވެރިކަމާއި އެކުވެރިކަމާއެކު މަސައްކަތުގެ މާޙައުލުގައި އިޖުތިމާޢީ ޢަދާލަތު ޤާއިމުކުރެވިފައިވާ ދިވެހިރާއްޖެއެއް ބިނާކުރުމަށް މަސައްކަތްކުރަންޖެހޭކަމަށްވެސް ވިދާޅުވިއެވެ.


                    

މި ލިޔުން ކިޔާލުމުން

Ads by MSS