ރިޕޯޓް

ރައީސް މުޢިއްޒުގެ މެލޭޝިއާ ދަތުރުފުޅުން ހުޅުވިގެންދިޔައީ އައު އުއްމީދުތަކެއްގެ ދޮރު

ރައީސް މުޢިއްޒުގެ މެލޭޝިއާ ދަތުރުފުޅުން ހުޅުވިގެންދިޔައީ އައު އުއްމީދުތަކެއްގެ ދޮރު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަދި މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

30 އޭޕްރީލު 2025، 04:35

30 އޭޕްރީލު 2025، 04:35

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މެލޭޝިއާއަށް ކުރެއްވި ތާރީޚީ ދަތުރުފުޅަކީ ދިވެހިރާއްޖެއާއި މެލޭޝިއާގެ ގުޅުން އިތުރަށް ހަރުދަނާކޮށް، ދިވެހިންނަށް އައު ފުރުސަތުތަކެއް ހުޅުވާލަދިން ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދުގައި ވަނީ އެތައް އެއްބަސްވުންތަކެއްގައި ސޮއިކުރެވި، އިޤްތިޞާދީ އަދި އިޖްތިމާޢީ ގުޅުންތައް އިތުރަށް ބަދަހިކުރުމަށް މަގުފަހިކޮށްދީފައެވެ. މި ދަތުރުފުޅަކީ ރައީސް މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު މެލޭޝިއާއަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

ރައީސް މުޢިއްޒުގެ މެލޭޝިއާ ދަތުރުފުޅުން ހުޅުވިގެންދިޔައީ އައު އުއްމީދުތަކެއްގެ ދޮރު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއަށް މެލޭޝިއާއިން ރަސްމީގޮތުން މަރުޙަބާ ދެންނެވުން

ރައީސް މުޢިއްޒަށް މެލޭޝިއާ ސަރުކާރުން ދެއްވީ ވަރަށް ހޫނު މަރުޙަބާއެކެވެ. މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ ރަސްމީ އޮފީސް ޕެރޑާނާ ޕުޓްރާގައި ބޭއްވުނު ރަސްމިއްޔާތުގައި ރައީސް މުޢިއްޒަށް ގާޑު އޮފް އޮނަރ އެރުވުނެވެ. މި ބައްދަލުވުމުގައި ދެ ޤައުމުގެ ދޭދޭ ގުޅުންތައް އިތުރަށް ބަދަހިކުރެވޭނެ ފުރުޞަތުތަކާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ. އަދި މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް ރާއްޖެ ވަޑައިގަތުމަށް ރައީސް މުޢިއްޒު ވަނީ ދައުވަތު ދެއްވާފައެވެ.


އަޅުގަނޑު ދައުވަތު އަރުވަން ޕްރައިމް މިނިސްޓަރު ރަސްމީ ދަތުރުފުޅެއްގައި، ޕްރައިމް މިނިސްޓަރަށް ފަސޭހަފުޅު ދަނޑިވަޅެއްގައި ރާއްޖެ ވަަޑައިގަތުމަށް. އަޅުގަނޑުމެން އިންތިޒާރު ކުރާން، އަޅުގަނޑުމެންގެ ރީތި ގައުމުން މަރުހަބާ ދެންނެވުމަށް

ރައީސް މުޢިއްޒު

މި ދަތުރުފުޅުގައި ދެ ޤައުމުގެ މެދުގައި މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރެވުނެވެ. މީގެ ތެރޭގައި ކުޅިވަރު، ޞިއްޙަތު، ފަތުރުވެރިކަން އަދި ޚާރިޖީ ދާއިރާއިން މީހުން ބިނާކުރުމުގެ ދާއިރާތަކުން ވެވުނު އެއްބަސްވުންތައް ހިމެނެއެވެ. މި އެއްބަސްވުންތަކުގެ ސަބަބުން ދެ ޤައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެ، އެކި ދާއިރާތަކުން އެއްބާރުލުން އިތުރުވެގެންދާނެއެވެ.

ރައީސް މުޢިއްޒުގެ މެލޭޝިއާ ދަތުރުފުޅުން ހުޅުވިގެންދިޔައީ އައު އުއްމީދުތަކެއްގެ ދޮރު

ނޯޓު އެކްސްޗޭންޖް ކުރެއްވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަތުން

ދެ ޤައުމުން ބޭއްވެވި ގުޅިފައިވާ ނޫސްވެރިންގެ ބައްދަލުވުމުގައި ދިވެހިރާއްޖެ އާއި މެލޭޝިއާ އާއި ދެމެދު މިހާރަށްވުރެވެސް ބޮޑަށް ގުޅިގެން މަސައްކަތްކުރުމަށް ޢަޒުމުކަނޑައަޅާފައިވާކަން ދެ ޤައުމުން ހާމަކުރިއެވެ.މި ބައްދަލުވުމުގައި ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ދެ ޤައުމުގެ ޒަމާންވީ ގުޅުން ބިނާވެފައިވަނީ، ދެ ޤައުމުން ހިއްސާކުރާ އިސްލާމީ އަޤީދާ އާއި އެއް ޤައުމުން އަނެއް ޤައުމަށް ކުރާ އިޙުތިރާމާއި، އިޙްސާންތެރިކަމުގެ ތަރަހައިގެ މަތީގައިކަމަށް ވިދާޅުވެފައެވެ.

ރައީސް މުޢިއްޒުގެ މެލޭޝިއާ ދަތުރުފުޅުން ހުޅުވިގެންދިޔައީ އައު އުއްމީދުތަކެއްގެ ދޮރު

ރައީސުލްޖުމްހޫރިއްޔާ އަދި މެލޭޝިއާގެ ބޮޑުވަޒީރު ގުޅިގެން ކުރިއަށްގެންދެވި ސްޓޭޓްމަންޓް


ދެޤައުމުގެ ދެމެދުގައި މަޝްވަރާ ކުރެވުނު ކަންކަން ފުރިހަމައަށް ތަންފީޒުކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް ވަނީ ވިދާޅުވެފައެވެ.އަދި ރައީސުލް ޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ޔަހޫދީ ޕާސްޕޯޓް މަނާކުރެއްވި ހިތްވަރުގަދަ ނިންމެވުމަށް ވަނީ ތަޢުރީފުކުރައްވާފައެވެ.

މި މައްސަލައިގައި އަޅުގަނޑުމެން ދެ ޤައުމުންވެސް ގެންގުޅެނީ އެއް ސިޔާސަތުތަކެއް. ރައީސް ޑރ. މުޢިއްޒުގެ މި ނިންމެވުމަކީ (ޔަހޫދީ ދައުލަތުގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކުރުން) ހިތްވަރު ގަދަ ނިންމެވުމެއް. އެ ނިންމެވުމަށް އަޅުގަނޑުމެން އިޙްތިރާމް ކުރަން  

މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް

ދަތުރުފުޅުގެ އެންމެ މުހިންމު އެއް ކާމިޔާބީއަކީ މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް ޕާސްޕޯޓާއި އައިޑީ ކާޑުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ހަމަޖެހުނު ކަމެވެ. މިއީ ރާއްޖެއިން ބޭރުގައި މިފަދަ ޚިދުމަތެއް ފޯރުކޮށްދެވޭ ފުރަތަމަ ފަހަރެވެ. މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނާއިއެކު ބޭއްވި ބައްދަލުކުރެއްވުމުގައި މި ދެ ޚިދުމަތް ފައްޓަވައިދެއްވުމަށްފަހު އައިޑީ ކާޑު އަދި ޕާސްޕޯޓު ވަނީ ދެ ފަރާތަކާ ހަވާލުކޮށްފައެވެ. މީގެ ސަބަބުން މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް ވަގުތާއި ޚަރަދު ސަލާމަތްވެ، ބޮޑު ލުޔެއް ލިބިގެންދާނެއެވެ. 

ރައީސް މުޢިއްޒުގެ މެލޭޝިއާ ދަތުރުފުޅުން ހުޅުވިގެންދިޔައީ އައު އުއްމީދުތަކެއްގެ ދޮރު

ރައީސުލްޖުމްހޫރިއްޔާ މެލޭޝިއާގައި ދިވެހި ޕާސްޕޯޓް އަދި އައިޑީކާޑުގެ ހިދުމަތް ފައްޓަވާދެއްވުން


މީގެ އިތުރުން އަންނަ އަހަރު ދައުލަތުގެ ބަޖެޓު ތައްޔާރުކުރާއިރު، ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ބޭނުންވާ ކޮންސިއުލަރ ޚިދުމަތާއި އެހެނިހެން ޚިދުމަތްތައް ދިނުމަށް އިސްކަންދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރައީސް މުޢިއްޒުގެ މެލޭޝިއާ ދަތުރުފުޅުން ހުޅުވިގެންދިޔައީ އައު އުއްމީދުތަކެއްގެ ދޮރު

ރައީސުލްޖުމްހޫރިއްޔާ، މެލޭޝިއާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލުކުރެއްވުން


ކިޔަވާކުދިންނަށް ބޭނުންވާ އެކި ކަންތައްތައް ފަހިކޮށްދިނުމަކީ، އަޅުގަނޑުގެ ޒިންމާއެއް. ސަރުކާރުގެ ޒިންމާއެއް. މިހާތަނަށް އެކި ކަންކަން ތިޔަބޭފުޅުން ހައިކޮމިޝަނަށް ހުށަހަޅުއްވާފައި އެބަހުރި. އެ ކަންތައްތައް ހައިކޮމިޝަނަރ އަޅުގަނޑާ ހިއްސާވެސް ކުރައްވައިފައިވޭ. އަދި ކަމާބެހޭ ވުޒާރާތަކާއި، މުއައްސަސާތަކުގެ ތެރެއިން، އެ ކަންކަމަށް ރަނގަޅު ކުރިއެރުންތައް ގެނައުމުގެ ކަންތައްވެސް ކުރިއަށް ގެންދާނަން

ރައީސް މުއިއްޒު


ރައީސް މުޢިއްޒު ވަނީ މެލޭޝިއާގައި ކިޔަވާ ދިވެހި ދަރިވަރުންނަށްވެސް ޚާއްޞަ ސަމާލުކަމެއް ދެއްވާފައެވެ. މި ގޮތުން މޯލްޑިވިއަން ސްޓޫޑެންޓްސް އެސޯސިއޭޝަން - މެލޭޝިއާ އުފައްދަވައި، އަހަރަކު 3،000 ޑޮލަރުގެ އެހީ ދެއްވުމަށް ނިންމަވާފައިވެއެވެ. މިއީ ދަރިވަރުންގެ މަޞްލަޙަތު ޙިމާޔަތްކޮށް، އެހީތެރިވެ، އެއްބައިވަންތަކަން އުފެއްދުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.


މިއަދު އުފެދިގެން މިދިޔަ ޖަމުޢިއްޔާ، ނޫނީވިއްޔާ ކިޔަވާކުދިންގެ ޖަމުޢިއްޔާއަށް އިރާދަކުރެއްވިއްޔާ ކޮންމެ އަހަރަކު ސަރުކާރު ބަޖެޓުގެ ތެރެއިން، 3000 ޑޮލަރަށް ވާވަރަށް ރިންގިޓް އަދަދު، 3000 ޑޮލަރު އެމައުންޓަކީ، އިޔަރލީ އަޅުގަނޑުމެން ޖަމާކުރަމުން ގެންދާނަން

ރައީސް މުޢިއްޒު


ރައީސް މުޢިއްޒުގެ މެލޭޝިއާ ދަތުރުފުޅުން ހުޅުވިގެންދިޔައީ އައު އުއްމީދުތަކެއްގެ ދޮރު

ރައީސުލްޖުމްހޫރިއްޔާ، މޯލްޑިވްސް- މެލޭޝިއާ ބިޒްނަސް ފޯރަމް 2025 ގައި ބައިވެރިވެވަޑައިގަތުން


ދަތުރުފުޅުގެ އިޤްތިޞާދީ ދާއިރާއަށް ބަލާއިރު، މޯލްޑިވްސް-މެލޭޝިއާ ބިޒްނަސް ފޯރަމް 2025 ވަނީ ފަށާފައެވެ. މި ފޯރަމްގައި ރައީސް މުޢިއްޒު ވަނީ މެލޭޝިއާގެ އިންވެސްޓަރުންނަށް ރާއްޖޭގެ ފަންސާހަށްވުރެ ގިނަ މަޝްރޫޢަށް އިންވެސްޓްކުރުމަށް ދަޢުވަތު ދެއްވާފައެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ރާއްޖޭގައި ފަތުރުވެރިކަމުގެ ދާއިރާއިން ފެށިގެން، ޑިޖިޓަލް އިންފްރާސްޓްރަކްޗަރ އަދި އިއާދަކުރަނިވި ހަކަތައިގެ ދާއިރާއާ ހަމައަށް، ގިނަގުނަ ފުރުރުޞަތުތަކެއް ވަނީ ހުޅުވިފައެވެ.


އިންވެސްޓްމަންޓަށް ހުޅުވާލި ބައެއް މަޝްރޫޢުތައް:

1- ރަސްމާލެ ތަރައްޤީކުރުމުގެ މަޝްރޫޢު
2- ގުޅިފަޅު ހިއްކުމާއި ހިމާޔަތްކުރުން
3- އެސްއެމްއީ އަދި އެސްއޯއީ އޮފީސް ބިލްޑިންގ
4- ދަރުބާރުގެ ކޮންވެންޝަން ސެންޓަރ ތަރައްޤީކުރުން
5- މަލްޓިލެވެލް ޕާކިންގ ބިލްޑިންގތައް އެޅުން
6- މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކޮށް ތަރައްޤީކުރުން
7- ކުޑަހުވަދޫ، މާމިގިލި ޕޯޓު ތަރައްޤީކުރުން
8- ހއ. އުލިގަމު ޔޮޓުމެރީނާ ތަރައްޤީކުރުން
9- ލާމު މެރިޓައިމް ހަބު ތަރައްޤީކުރުން


މީގެ އިތުރުން ރައީސްގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ގިނަ މަޝްރޫޢުތަކެއްވެސް ހިމެނެއެެވެ. މިގޮތުން ޓޫރިޒަމް ޓްރެއިން ފެސިލިޓީ ތަރައްޤީކުރުމާއި، ނޭޝަނަލް އާޓް ސްކޫލެއް ތަރައްޤީކުރުމާއި، މެޑިކަލް ސްކޫލް ޓީޗިން ހޮސްޕިޓަލަކާއެކު ތަރައްޤީކުރުމާއި، ފެކަލްޓީ އޮފް އެގްރިކަލްޗަރ އެންޑް ފުޑް ސައިންސް ތަރައްޤީކުރުމާއި، މަސްވެރިކަމުގެ ކޮލެޖާއި، މެޑިކަލް ޓޫރިޒަމް އަދި ސްޕޯޓްސް ފިޝިންގެ ދާއިރާ ތަރައްޤީކުރުންފަދަ މަޝްރޫޢުތައްވެސް ހިމެނެއެވެ.


މިފަހަރުގެ އެންމެ ބޮޑު ތަފާތަކީ މިހާރު އެނގޭނެ ކޮބައިކަން މަޝްރޫޢަކީ، އިންވެސްޓްމަންޓަށް ބޭނުންވާނީ ކިހާވަރެއްގެ ފައިސާއެއްކަން، އަދި ކިހާ ދުވަހެއް ނަގާނެކަން އެ މަޝްރޫޢަށް، އޭގެފަހުން ޕާޓްނާރވާ ފަރާތަށް ނުވަތަ ފައިނޭންސްކުރާ ފަރާތަށް، ނުވަތަ ފައިނޭންސްޝިއަލް އިންސްޓިޓިއުޓަކަށް ނުވަތަ ވިޔަފާރިއަށް ލިބޭނެ ފައިދާ އަދި ޕޭބެކް ކޮމިޓް ފުލް ޝެޑިއުލް. އަދި ފޮރިން އިންވެސްޓްމަންޓެއް ރާއްޖޭގައި ރަޖިސްޓްރީކުރެވޭނެ ހުރިހާ ތަފްސީލްތަކެއްވެސް    

އިޤްތިޞާދީ ތަރައްޤީއާ ބެހޭ ވަޒީރު

ބިޒްނަސް ފޯރަމަކީ ރާއްޖޭގައި ހުރި އިންވެސްޓްމަންޓްގެ ފުރުޞަތުތައް ބޭރުގެ ފަރާތްތަކަށާއި ބޭރުގެ އިންވެސްޓަރުންނަށް ހާމަކޮށްދިނުމަށް ކުރިއަށްގެންދާ ސިލްސިލާ ފޯރަމެކެވެ.

މީގެ އިތުރުން، ރައީސް މުޢިއްޒު ވަނީ ބަރޖާޔާ ކޯޕަރޭޝަން ބަރހާދް އަދި ސަންވޭ ގްރޫޕްގެ ޗެއަރމަން ފަދަ ބޮޑެތި ކުންފުނިތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި، ރާއްޖޭގައި އިންވެސްޓްކުރުމުގެ ފުރުޞަތުތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. 

ރައީސް މުޢިއްޒުގެ މެލޭޝިއާ ދަތުރުފުޅުން ހުޅުވިގެންދިޔައީ އައު އުއްމީދުތަކެއްގެ ދޮރު

ރައީސުލްޖުމްހޫރިއްޔާ، ޕެޓްރޯނަސް ޓްވިން ޓަވަރސްއަށް ޒިޔާރަތްކުރެއްވުން


 މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޕެޓްރޯނާސް ޓްވިން ޓަވަރސް އަށް ޒިޔާރާތްކުރެއްވިއެވެ. މި ޒިޔާރަތުގައި އެމަނިކުފާނު ވަނީ އެ އިމާރާތުގެ މިއުމާރިއްޔާތު ބައްލަވާލައްވައި، އެތަނާގުޅޭ މުހިންމުކަންކަން އޮޅުންފިލުއްވައިފައެވެ. މެލޭޝިއާގެ ސަގާފަތާއި ތަރިކައާއި ގުޅުންހުރި މިފަދަ މުހިންމު ތަންތަނަށް ރައީސުލްޖުމްހޫރިއްޔާ ޒިޔާރަތްކުރެއްވުމަކީވެސް ދެ ޤައުމުގެ މެދުގައި އޮތް ރަހުމަތްތެރިކަމުގެ ގުޅުން ރަމްޒުކޮށްދޭ ކަމެކެވެ. 


މިދަތުރުގެ އެންމެ ތާރީޚީ އެއްކަމަކީ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިޔާ، އައިއައިޔޫއެމްއިން އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް އެރުވުމެވެ. ރައީސް ޑރ. މުޢިއްޒަށް މި ޝަރަފު އެރުވީ ޑޮކްޓަރ އޮފް ފިލޮސޮފީއިން އިސްލާމިކް ލީޑަރޝިޕް އެންޑް މަދަނީ ޑިވަލޮޕްމެންޓްގެ ދާއިރާއިންނެވެ.


ޑރ. މުޙައްމަދު މުޢިއްޒަކީ ޒަމާނީ އުކުޅުތަކާއި އިސްލާމީ ހަމަތަކުގެ މަތިން ސިޔާސަތުތައް ކަނޑައެޅުއްވުމާއި އަރބަން ޕްލޭނިންގެ ދާއިރާއިން ފާހަގަކޮށްލެވޭ ބޭފުޅެއް ކަމަށެވެ. އަދި ރައީސް މުޢިއްޒަކީ ދުރުވިސްނޭ، ކާމިޔާބު ލީޑަރެއް

އައިއޫއެމް

ރައީސް މުޢިއްޒުގެ މެލޭޝިއާ ދަތުރުފުޅުން ހުޅުވިގެންދިޔައީ އައު އުއްމީދުތަކެއްގެ ދޮރު

އައި.އައި.ޔޫ.އެމް އިން ރައީސުލްޖުމްހޫރިއްޔާ އަށް އޮނޮރަރީ ޑޮކްޓަރޭޓެއް އެރުވުން


ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް މި ޝަރަފު އެރުވުމަށް ބޭއްވި ރަސްމިއްޔާތުގައި އެމަނިކުފާނު ވަނީ ޚާއްސަ ތަޤުރީރެއް ދެއްވާފައެވެ. މިއީ އައިއައިޔޫއެމްގައި ދިވެހިރާއްޖޭގެ ރައީސަކު ތަޤުރީރުކުރެއްވި ފުރަތަމަ ފަހަރުވެސްމެއެވެ.



އިސްލާމީ ހަޟާރާތް އިތުރަށް ކުރިއެރުވުމަށް ޒުވާނުންގެ ހިތްތަކުގައި ލޯބި ޖެއްސުމާއި އިސްލާމްދީނަކީ ހުރިހާ ޒަމާނަކަށްވެސް ފެތޭ ދީނެއްކަން ސާބިތުކޮށްދިނުމާއި އިސްލާމީ ޤައުމުތަކުގެ ގުޅުން ބަދަހިކުރުން މުހިންމު

ރައީސް މުޢިއްޒުގެ ތަޤްރީރު


ރައީސް މުޢިއްޒުގެ ތަޤްރީރުގައި ވަނީ ފިކުރީ ޚިޔާލުތަކަށް އައި ދިރުމެއް ގެނައުމުގެ ވާހަކަތައް ދައްކާއިރު ފަލަސްތީނުގެ މުސްލިމް އަޚުންނާއި އުޚުތުންގެ ކެކުޅުންތަކުގެ ވާހަކަތައް ދައްކަންޖެހޭކަން ފާހަގަކުރައްވައި ރައީސް ވަނީ ޔަހޫދީ ދައުލަތުން އެ ޤައުމުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ އަމަލުތައް ކުށްވެރިކުރައްވާފައެވެ.

ރައީސް މުޢިއްޒުގެ މެލޭޝިއާ ދަތުރުފުޅުން ހުޅުވިގެންދިޔައީ އައު އުއްމީދުތަކެއްގެ ދޮރު

ރައީސުލްޖުމްހޫރިއްޔާ މެލޭޝީއާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން

ރައީސް މުޢިއްޒުގެ މި ދަތުރުފުޅުގެ ސަބަބުން ދިވެހިރާއްޖެއަށް ލިބޭނެ ފައިދާތައް ވަރަށް ގިނައެވެ. އިޤްތިޞާދީ ގޮތުން ބަލާއިރު، މެލޭޝިއާގެ އިންވެސްޓަރުން ރާއްޖެއަށް ގެނައުމަށް މަގުފަހިވެ، އައު ވިޔަފާރިތަކާއި ވަޒީފާގެ ފުރުޞަތުތައް އުފެދިގެންދާނެއެވެ. ތަޢުލީމީ ދާއިރާއިން، މެލޭޝިއާގައި ކިޔަވާ ދިވެހި ދަރިވަރުންނަށް އިތުރު އެހީތެރިކަމާއި ފުރުޞަތުތައް ލިބިގެންދާނެއެވެ. އަދި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ލިބޭ ޚިދުމަތްތައް ފުޅާވެ، އެ ފަރާތްތަކަށް ލިބޭ އެހީތެރިކަން އިތުރުވެގެންދާނެއެވެ.

ބައިނަލްއަޤްވާމީ ފެންވަރުގައި ބަލާއިރު، މި ދަތުރުފުޅުގެ ސަބަބުން ދިވެހިރާއްޖެއާއި މެލޭޝިއާގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެ، ދެ ޤައުމުގެ މެދުގައި އޮތް އެއްބާރުލުން އިތުރުވެގެންދާނެއެވެ. މީގެ އިތުރުން، ފަލަސްޠީނުގެ މައްސަލައިގައި ދެ ޤައުމުން ގެންގުޅޭ އެއް ސިޔާސަތު ފާހަގަކުރެވި، ބައިނަލްއަޤްވާމީ މައްސަލަތަކުގައި ދެ ޤައުމުގެ މެދުގައި އޮތް އެއްބައިވަންތަކަން ހާމަވެގެން ދިޔައެވެ.

ރައީސް މުޢިއްޒުގެ މި ތާރީޚީ ދަތުރުފުޅަކީ ހަމައެކަނި ދެ ޤައުމުގެ ގުޅުން ހަރުދަނާކުރުމަށް ކުރެއްވި ދަތުރުފުޅެއް ނޫނެވެ. މިއީ ދިވެހި ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، އެ ބޭފުޅުންނަށް ލިބޭ ފުރުޞަތުތައް އިތުރުކުރުމަށް ކުރެއްވި މަސައްކަތްޕުޅެކެވެ. މި ދަތުރުފުޅުގެ ނަތީޖާ ކުރު މުއްދަތުގައާއި ދުރު މުސްތަޤުބަލުގައި ފެންނާނެކަން ޔަޤީނެވެ. ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމަށާއި، ދިވެހި ދަރިވަރުންނަށް ލިބޭ ފުރުޞަތުތައް އިތުރުވުމަށާއި، ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ލިބޭ ޚިދުމަތްތައް ފުޅާވެގެން ދިއުމަށް މި ދަތުރުފުޅުން މަގުފަހިވެގެންދާނެއެވެ.

ރައީސް މުޢިއްޒުގެ މެލޭޝިއާ ދަތުރުފުޅުން ހުޅުވިގެންދިޔައީ އައު އުއްމީދުތަކެއްގެ ދޮރު

މެލޭޝިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ ޒިޔާރަތްކުރެއްވުން

ރައީސް މުޢިއްޒުގެ މި ދަތުރުފުޅުގެ އަނެއް މުހިންމު ނަތީޖާއަކީ ދިވެހިރާއްޖޭގެ ބައިނަލްއަޤްވާމީ ސަފުގައި އޮތް މަޤާމު އިތުރަށް ވަރުގަދަވެގެން ދިއުމެވެ. މެލޭޝިއާ ފަދަ ތަރައްޤީވަމުން އަންނަ މުހިންމު ޤައުމަކާއެކު ގުޅުން ބަދަހިކުރުމަކީ ރާއްޖޭގެ ޚާރިޖީ ސިޔާސަތަށް ލިބޭ ބޮޑު ކުރިއެރުމެކެވެ. މީގެ ސަބަބުން ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ އަޑު އިތުރަށް ގަދަވެ، ރާއްޖޭގެ މަޞްލަޙަތުތައް ކުރިއެރުވުމަށް އިތުރު ބާރެއް ލިބިގެންދާނެއެވެ.

ރައީސް މުޢިއްޒުގެ މެލޭޝިއާ ދަތުރުފުޅުން ހުޅުވިގެންދިޔައީ އައު އުއްމީދުތަކެއްގެ ދޮރު

ސަންވޭ ގްރޫޕުގެ ފައުންޑަރ އަދި ޗެއަރމަން ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރެއްވުން

މި ދަތުރުފުޅުގައި ރައީސް މުޢިއްޒު ދެއްކެވި ވާހަކަފުޅުތަކުން ފާހަގަކުރެވުނު އަނެއް މުހިންމު ކަމަކީ ދިވެހި ޤައުމިއްޔަތާއި އިސްލާމީ އަޤީދާއަށް ދެއްވި އަހައްމިއްޔަތުކަމެވެ. ބޭރު ޤައުމުތަކުގައި ދިރިއުޅޭ ދިވެހިންނަށް އިސްލާމްދީނުގެ އުސޫލުތަކާއި ދިވެހި ވަންތަކަން ހިފެހެއްޓުމަށް އެމަނިކުފާނު ކުރެއްވި އިލްތިމާސްއަކީ ދިވެހި މުޖުތަމަޢުގެ އަސާސްތައް ހިމާޔަތްކުރުމަށް ކުރެއްވި މުހިންމު މަސައްކަތްޕުޅެކެވެ.

ރައީސް މުޢިއްޒުގެ މި ތާރީޚީ ދަތުރުފުޅަކީ ދިވެހިރާއްޖޭގެ ބައިނަލްއަޤްވާމީ ގުޅުންތައް ވަރުގަދަކޮށް، ރާއްޖޭގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީއަށް އައު މަގެއް ކަނޑައަޅައިދިން ދަތުރުފުޅެކެވެ. މި ދަތުރުފުޅުގެ ސަބަބުން ދިވެހިންނަށް ހުޅުވިގެންދިޔަ އައު ފުރުޞަތުތަކާއި އުއްމީދުތަކުގެ ދޮރުތަކުން ފައިދާ ލިބިގަތުމަކީ މުޅި ޤައުމުގެ މަސްއޫލިއްޔަތެކެވެ. އަދި މި ދަތުރުފުޅުން ހާސިލުކުރެވުނު ކާމިޔާބީތައް ދެމެހެއްޓުމަށްޓަކައި ސަރުކާރާއި ރައްޔިތުން ގުޅިގެން މަސައްކަތްކުރުމަކީ މުހިންމު ކަމެކެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS