ޚަބަރު
މާލެ ހިޔާ އަދި ސިނަމާލެ ފްލެޓުތައް އަލުން އިމާރާތްކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަނީ

ސިނަމާލެ 2 ފޮޓޯ:ސަން އޮންލައިން
މާލޭ ސިޓީ ކައުންސިލުން މިއަދު ހާމަކުރި ގޮތުގައި، މާލެ ހިޔާ އަދި ސިނަމާލެ ފްލެޓުތައް އަލުން އިމާރާތްކުރުމަށްޓަކައި އެ ތަންތަން ތަޅާލުމުގެ ކުރިން، މިހާރު އެ ތަންތަނުގައި ދިރިއުޅޭ ފަރާތްތަކަށް ދިރިއުޅޭނެ ގޮތެއް ހަމަޖައްސައިދޭނެއެވެ.
މިދިޔަ ހަފުތާގައި ބޭއްވުނު ސިޓީ ކައުންސިލުގެ ބައްދަލުވުމެއްގައި ސިނަމާލެ ފްލެޓް ރީ-ޑިވެލޮޕްމަންޓް ޕްރޮޖެކްޓުގެ ދަށުން އިމާރާތްކުރަން ހަމަޖެހިފައިވާ ފްލެޓުތަކުގެ ކޮންސެޕްޓް ވަނީ ފާސްކޮށްފައެވެ.
މި މަޝްރޫޢުއާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން މޭޔަރު އާދަމް އާޒިމް ވިދާޅުވީ، ފުރަތަމަ ފްލެޓު އިމާރާތްކުރަން ފަށާނީ ކުރީގެ ރުމާލު-2 ޖަގަހަ އަދި ޓޯޔާޑު ހިންގި ސަރަހައްދުގައި ކަމަށެވެ. އޭގެ ފަހުން، މިހާރު މާލެ ހިޔާ އަދި ސިނަމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އެ ފްލެޓުތަކަށް ބަދަލުވުމުގެ ފުރުސަތު ދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޑެޕިއުޓީ މޭޔަރު މުހައްމަދު އަރީޝް ވިދާޅުވީ މިހާރު ފާސްކޮށްފައިވަނީ ހަމައެކަނި ކޮންސެޕްޓް ކުރެހުން ކަމަށާއި، މަޝްރޫޢު ހަވާލުކޮށްފައިވާ ހޮންކޮންގުގެ އެސްއެފް ޕްރޮޖެކްޓް ކޮންސަލްޓެންސީއިން ޑީޓެއިލް ކުރެހުންތައް ނިންމައި ކައުންސިލަށް ހުށަހެޅުމަށް ތައްޔާރުވަމުންދާ ކަމަށެވެ. މަސައްކަތް ފެށޭނެ ތާރީޚެއް އެނގޭނީ މި މަރުހަލާތައް ނިމުމުން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެވިފައިވަނީ 2023 ވަނަ އަހަރުގެ އޮގަސްޓް 17 ވަނަ ދުވަހު، އޭރުގެ މޭޔަރު އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ފަރާތުންނެވެ. މި މަޝްރޫޢުގެ ދަށުން 1,360 ހައުސިންގ ޔުނިޓް އިމާރާތްކުރުމަށް ވަނީ ހަމަޖެހިފައެވެ.
ކައުންސިލުން މަޢުލޫމާތު ދިން ގޮތުގައި، މިހާރު ވަނީ 20 ފަންގިފިލާގެ އެއް ޓަވަރު އެޅުމަށް ބޭނުންވާ ބިން ކޮންޓްރެކްޓަރާ ހަވާލުކޮށްފައެވެ. އަދި މަޝްރޫޢުގައި ހިމެނޭ އެހެން ފްލެޓުތައް އިމާރާތްކުރުމަށް ހަމަޖެހިފައިވާ ބިންތައް ސަރުކާރުގެ އެކި އިދާރާތަކުގެ ރަޖިސްޓްރީގައި އޮތުމާއެކު، އެ ބިންތައް ކައުންސކައުންސިލްގެ ނަމަށް ބަދަލުކުރުމަށް ސަރުކާރާއެކު މަޝްވަރާކުރަމުންދާ ކަމަށް ކައުންސިލުން ބުނެފައިވެއެވެ.