ޚަބަރު
އަނިޔާލިބޭ މީހުންނަށް ޅެމުން ފަރުވާ ދިނުމަށް ފުލުހުންނާ މަޝްވަރާކޮށްފި

ދިވެހިބަހާއި ތާރީޚާއި ސަގާފަތާ ބެހޭ މިނިސްޓްރީން ފުލުހުންގެ ވިކްޓިމް ސަޕޯޓް ޑިޕާޓްމަންޓާއި އެކު ބޭއްވި ބައްދަލުވުން ފޮޓޯ:ވުޒާރާ
ދިވެހިބަހާއި ތާރީޚާއި ސަގާފަތާ ބެހޭ މިނިސްޓްރީން ފުލުހުންގެ ވިކްޓިމް ސަޕޯޓް ޑިޕާޓްމަންޓާ ބައްދަލުކޮށް، އަނިޔާ ލިބޭ މީހުންނަށް ޅެމުން ފަރުވާ ދިނުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފިއެވެ.
މި ބައްދަލުވުމުގައި ދިވެހިބަހުގެ މިނިސްޓަރު އާދަމް ނަސީރު އިބްރާހީމާއި އެ ވުޒާރާގެ އިސް ބައެއް ވެރިންގެ އިތުރުން، ވިކްޓިމް ސަޕޯޓް ޑިޕާޓްމަންޓުގެ ހެޑް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަންވަރު ނައީމާއި އެ ޑިޕާޓްމަންޓުގެ ކަމާ ގުޅުންހުރި މުވައްޒަފުން ބައިވެރިވެވަޑައިގަތެވެ.
ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި، މި ބައްދަލުވުމުގައި ނަފުސާނީ ދާއިރާއިން ދެ އިދާރާ ގުޅިގެން ކުރެވިދާނެ ކަންތައްތަކާއި، ރައްޔިތުންނާ ގުޅިގެން ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. އަދި ޚާއްޞަކޮށް ޅެން ބޭނުންކޮށްގެން ނަފުސާނީ ބައްޔަށް ފަރުވާކުރުމާ ގުޅޭގޮތުން ވެސް މަޝްވަރާކުރެވުނެވެ.
މީގެ އިތުރުން، ދެ އިދާރާ ގުޅިގެން އެކިކަހަލަ ދިރާސާތައް ހެދުމުގައި ދިވެހިބަހުގެ މިނިސްޓްރީގެ ފަރާތުން ވިކްޓިމް ސަޕޯޓް ޑިޕާޓްމަންޓަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އެއްބަސްވެވުނެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުގެ ވިކްޓިމް ސަޕޯޓް ޑިޕާޓްމަންޓްގެ އިސްމަސްއޫލުވެރީން ވަޒީރު އާދަމް ނަޞީރު އިބްރާހީމާ ބައްދަލުކުރެއްވުން.https://t.co/hVAMtLWiNI#ދައުލަތުގެޓީމު pic.twitter.com/biwzWYGZYX
— Ministry of Dhivehi Language, Culture and Heritage (@MoDLCH) April 29, 2025
ފުލުހުން ވިދާޅުވި ގޮތުގައި މި ބައްދަލުވުމަކީ، ވިކްޓިމް ސަޕޯޓް ޑިޕާޓްމަންޓުގެ ފަރާތުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އެންމެ ރަނގަޅަށް ފޯރުކޮށްދިނުމަށްޓަކައި އެކި އިދާރާތަކާ ގުޅިގެން ކުރެވޭނެ ކަންތައްތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް ކުރިއަށްގެންދާ ބައްދަލުވުންތަކުގެ ތެރެއިން ބޭއްވި ބައްދަލުވުމެކެވެ.
ފާހަގަކޮށްލެވޭ ކަމަކީ، މިދިޔަ އަހަރުގެ ޅެންވެރިންގެ ދުވަހުގެ ޖަލްސާގައި މިނިސްޓަރު އާދަމް ނަސީރު ވަނީ، ދިވެހި ޅެމުން ނަފުސާނީ ފަރުވާދެވޭތޯ ބެލުމަށްޓަކައި ދިރާސާއެއް ކުރުމަށް ނިންމާފައިވާ ކަމަށް ވިދާޅުވެފައެވެ. މިކަމާ ގުޅިގެން "ޕޮއެޓްރީ ތެރަޕީ"އަށް ދިވެހި ނަމެއްގެ ގޮތުގައި "ޅެން ފަރުވާ" ފާސްކޮށް، ދިރާސާ ހެދުމުގެ މަސައްކަތް ވަނީ ގައުމީ ޔުނިވާސިޓީއާ ހަވާލުކޮށްފައެވެ.
މި ދިރާސާގެ ދަށުން، ދިވެހި ޅެންތައް ބޭނުންކޮށްގެން ނަފުސާނީ ތަފާތު ބަލިތަކަށް ދެވިދާނެ ފަރުވާގެ މިންވަރާއި ތަފާތު ބަލިތަކަށް ފަރުވާ ދިނުމުގައި ގެންގުޅޭނެ އުސްލޫބުތައް ދެނެގަނެވޭނެއެވެ.