ދުނިޔެ

ޕާކިސްތާނަށް އިންޑިއާއިން ހަމަލާ ދޭން އުޅޭކަމުގެ އިންޒާރެއްދީފި

ޕާކިސްތާނަށް އިންޑިއާއިން ހަމަލާ ދޭން އުޅޭކަމުގެ އިންޒާރެއްދީފި

އިންޑިއާ ސިފައިން ކަޝްމީރުގައި ފޮޓޯ: އިންޓަނެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

30 އޭޕްރީލު 2025، 11:03

30 އޭޕްރީލު 2025، 11:03

ޕާކިސްތާނުގެ އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގ މިނިސްޓަރު އަޓައުﷲ ތަރާރު ވިދާޅުވެފައިވަނީ ކުރިއަށް އޮތް 24 ނުވަތަ 36 ގަޑިއިރުގެ ތެރޭގައި އިންޑިއާއިން ޕާކިސްތާނަށް އަސްކަރީ ހަމަލާއެއް ދޭން އުޅޭކަމުގެ "އިތުބާރުހުރި އިންޓެލިޖެންސް" މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.

ބުދަ ދުވަހު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ތަރާރު ވިދާޅުވެފައިވަނީ ފާއިތުވި ހަފްތާގައި އިންޑިއާގެ ބެލުމުގެ ދަށުގައިވާ ކަޝްމީރުގެ ޕަހަލްގާމްގައި ހިނގި، 26 ފަތުރުވެރިން މަރުވި ހާދިސާ "ދޮގު ބަހަނާއެއްގެ" ގޮތުގައި ބޭނުންކޮށްގެން އިންޑިއާއިން ޕާކިސްތާނަށް ހަމަލާ ދޭން އުޅޭ ކަމަށެވެ. ނަމަވެސް މިނިސްޓަރު މި ދަޢުވާ ސާބިތުކޮށްދޭނެ އެއްވެސް ހެއްކެއް ހުށަހަޅުއްވާފައެއް ނުވެއެވެ.

ޕާކިސްތާނުގެ ދިފާޢީ ވަޒީރު ޚަވާޖާ މުޙައްމަދު އާސިފް ވެސް ހޯމަ ދުވަހު ރޮއިޓަރސް ނިއުސް އޭޖެންސީއަށް ވިދާޅުވެފައިވަނީ އިންޑިއާއިން އަސްކަރީ ހަމަލާއެއް ދިނުމަކީ "ކައިރި މުސްތަޤުބަލެއްގައި" ހިނގާނެ ކަމެއް ކަމަށެވެ. އިސްލާމާބާދުގައި ވަނީ މަތީ ފެންވަރުގެ ސަލާމަތީ ފިޔަވަޅުތައް އަޅާފައެވެ.

އޭޕްރިލް 22 ގައި ޕަހަލްގާމްގައި ދިން ހަމަލާއާ ޕާކިސްތާނާ ގުޅުން ހުރި ކަމަށް އިންޑިއާއިން ބުނުމާ ގުޅިގެން ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ވަނީ އިތުރަށް ގޯސްވެފައެވެ. އިންޑިއާއިން ބުނެފައިވަނީ ހަމަލާގައި ޕާކިސްތާނުގެ ފަރާތްތަކެއް ބައިވެރިވެފައިވާ ކަމަށް ހެކި ލިބިފައިވާ ކަމަށެވެ. އެހެންނަމަވެސް ޕާކިސްތާނުން މި ދަޢުވާތަކަށް ދަނީ ގަދައަޅައި ދެކޮޅު ހަދަމުންނެވެ.

މި ހާދިސާއާ ގުޅިގެން ސަރަޙައްދުގެ އެހެން ގައުމުތަކުން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އެއީ ދެ ނިއުކްލިއަރ ބާރު ކަމަށްވާ އިންޑިއާ އާއި ޕާކިސްތާނުގެ ދެމެދުގައި ހަނގުރާމައެއް ފެށިއްޖެނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަޙައްދަށް ކުރާނެތީއެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by MSS