ޚަބަރު
ޔޫޕީއާރުގެ 49 ވަނަ ބައްދަލުވުމުގައި ދިވެހިރާއްޖެ ބައިވެރިވެއްޖެ

ޔޫޕީއާރުގެ 49 ވަނަ ބައްދަލުވުން ފޮޓޯ:ފޮރިން މިނިސްޓްރީ
ޖެނީވާގައި ހުންނަ އދ.ގެ އޮފީސް ޕެލޭ ޑި ނޭޝަންސްގައި ކުރިއަށްދާ ޔުނިވަރސަލް ޕީރިއޮޑިކް ރިވިއު (ޔޫޕީއާރު)ގެ 49 ވަނަ ބައްދަލުވުމުގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ. މި ބައްދަލުވުމަކީ 2022 އިން 2027 އަށް ކުރިއަށްދާ ޔޫޕީއާރުގެ 4 ވަނަ ރިވިއު ސައިކަލްގެ ބައެކެވެ.
ދެ ހަފްތާގެ މުއްދަތަށް ކުރިއަށްދާ މި ބައްދަލުވުމުގައި އދ.ގެ އިންސާނީ ޙައްޤުތަކާ ބެހޭ މަޖިލީހުގެ ދަށުން ޤާއިމުކުރެވިފައިވާ ޔޫޕީއާރު ވަރކިންގ ގްރޫޕުން 14 ޤައުމެއްގެ އިންސާނީ ޙައްޤުތަކުގެ ހާލަތު ވަޒަންކުރާނެއެވެ. މީގެ ތެރޭގައި އަރުމީނިއާ، ގްރެނާޑާ، ގިނީ، ގިނީ-ބިސާއު، ގަޔާނާ، ކެންޔާ، ކިރިބާސް، ކުވެއިތު، ކިރްގިޒްސްތާން، ލާއޯ ޕީޕަލްސް ޑިމޮކްރެޓިކް ރިޕަބްލިކް، ލެސޯތޯ، ސްޕެއިން، ސްވީޑެން އަދި ތުރުކީވިލާތް ހިމެނެއެވެ.
ދިވެހިރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނެވީ ޖެނީވާގައި ހުންނަ އދ.ގެ އޮފީހަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދެވެ. މީގެ އިތުރުން، ވަފުދުގައި ކައުންސެލަރ އާދަމް ޙާމިދު، ކައުންސެލަރ އަލްއުސްތާޛާ އާމިނަތު ޝިފާޔާ އިބްރާހީމް، ސެކަންޑް ސެކްރެޓަރީ ޢާއިޝަތު ރަޔާޙީން އަދި އެޓާޝޭ މުޙައްމަދު ރާއިދު ސައީދުވެސް ހިމެނިވަޑައިގަންނަވައެވެ.
ރާއްޖޭގެ ވަފުދުން މި ބައްދަލުވުމުގައި ބައިވެރިވެ، ދިވެހި ސަރުކާރުގެ މުހިންމު ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން ބިނާކުރަނިވި އިސްލާޙުތަކެއް ރިވިއު ކުރެވޭ ޤައުމުތަކަށް ހުށަހަޅާނެއެވެ. ޚާއްޞަކޮށް، ދިވެހިރާއްޖެއަކީ މިފަހަރުގެ ބައްދަލުވުމުގައި ކިރްގިޒްސްތާންގެ ރިވިއުއަށް ކަނޑައެޅިފައިވާ ޓްރޮއިކާގެ މެމްބަރެކެވެ.
ޔޫޕީއާރްއަކީ އދ.ގެ މެމްބަރު ޤައުމުތަކުން އިންސާނީ ހައްޤުތައް ރައްކާތެރިކޮށް ކުރިއެރުވުމަށް ކުރާ މަސައްކަތް ދެނެގަނެ، އެކަމުން ހޯދާފައިވާ ކުރިއެރުން ވަޒަންކުރުމަށް ކަނޑައެޅިފައިވާ ނިޒާމެކެވެ. މި ނިޒާމުގެ ތެރެއިން ރިވިއު ކުރެވޭ ޤައުމުތަކުން އިންސާނީ ޙައްޤުތައް ތަންފީޒުކުރުމުގައި އިތުރަށް ހަރުދަނާކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ބިނާކުރަނިވި އިސްލާޙުތައް ހުށަހެޅުމުގެ ފުރުޞަތު އެހެން މެންބަރު ޤައުމުތަކަށް ލިބިގެންދާނެއެވެ.