Ads by Aqeeqa Maldives

ޚަބަރު

ބޭރުފައިސާ މާރުކުރުމުގެ ސްކޭމްތައް އިތުރުވަމުންދާތީ ސަމާލުވާން އިލްތިމާސްކޮށްފި

ބޭރުފައިސާ މާރުކުރުމުގެ ސްކޭމްތައް އިތުރުވަމުންދާތީ ސަމާލުވާން އިލްތިމާސްކޮށްފި

ޔޫއެސް ޑޮލަރު ފޮޓޯ:ރޮއިޓަރޒް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

30 އޭޕްރީލު 2025، 10:55

30 އޭޕްރީލު 2025، 10:55

ބޭރުފައިސާ މާރުކޮށްދިނުމުގެ ނަމުގައި ހިންގާ ސްކޭމްތަކުގެ އަދަދު އިތުރުވަމުންދާތީ އެކަމާމެދު ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފިއެވެ. ފުލުހުންގެ ސައިބަރ ކްރައިމް ޑިޕާޓްމަންޓުން ފާހަގަކޮށްފައިވާ ގޮތުގައި ފަހަކަށް އައިސް ރާއްޖޭގައި މިފަދަ ސްކޭމްތައް ހިންގާ މިންވަރު ވަނީ އިތުރުވެފައެވެ.

ފުލުހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި ބޭރުފައިސާ މާރުކުރުމަށް ބޭނުންކުރާ މެސެޖިންގ އެޕްތަކުގެ (ވައިބަރ، ޓެލެގްރާމް އަދި ވަޓްސްއެޕް) ގްރޫޕްތަކުގައި ސްކޭމަރުން ތިބޭކަން ފާހަގަކުރެވިފައިވެފައިވެއެވެ. އެހެންކަމުން، މިފަދަ މުޢާމަލާތްތައް ކުރާއިރު އެފަރާތަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހުއްދަ ލިބިފައިވާ ފަރާތެއްތޯ ކަށަވަރު ކުރުމަށް ފުލުހުން އިލްތިމާސްކޮށްފައިވެއެވެ.

މީގެ އިތުރުން، ސޯޝަލް މީޑިއާ ހެކްކޮށްގެން ނުވަތަ އެކި މީހުންގެ ނަމުގައި ގުޅައިގެން ހިންގާ ސްކޭމްތަކަށްވެސް ސަމާލުވުމަށް ފުލުހުން އެދިފައިވެއެވެ. ސްކޭމް މައްސަލަތައް ރިޕޯޓްކުރުމަށް ޚާއްސަ ކޯލް ސެންޓަރެއް ޤާއިމްކޮށްފައިވާކަން ފުލުހުން ފާހަގަކޮށްފައިވެއެވެ.

ނޭޝަނަލް އިމަރޖެންސީ ނަންބަރު 911 އާއި އެންޓި ސްކޭމް ހޮޓްލައިން 125 (އެކްސްޓެންޝަން 2020) އަދި އެންޓި ސްކޭމް ސެންޓަރުގެ އީމެއިލް މެދުވެރިކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުންވެސް ސްކޭމްއާ ގުޅުންހުރި މައްސަލަތައް ރިޕޯޓްކުރެވޭނެއެވެ. އަދި މާލެއާއި އަތޮޅުތަކުގައި ޤާއިމްކޮށްފައިވާ ފުލުހުންގެ މަރުކަޒުތަކަށްވެސް މިފަދަ މައްސަލަތައް ހުށަހެޅޭނެކަމަށް ފުލުހުން މަޢުލޫމާތު ދެއްވާފައިވެއެވެ.

ފުލުހުން ވަނީ މިފަދަ ސްކޭމެއްގެ ޝިކާރައަކަށްވެއްޖެނަމަ، އެންމެހައި މުޢާމަލާތުގެ ތަފްސީލާއެކު ކަމާބެހޭ އިދާރާތަކަށް ވަގުތުން ރިޕޯޓުކުރުމަށް ރައްޔިތުންނަށް ނަސޭހަތްތެރިވެފައެވެ. މިކަމުގައި ރައްޔިތުންގެ ސަމާލުކަމާއި އެއްބާރުލުން ލިބުމަކީ މިފަދަ ކުށްތައް ހުއްޓުވުމަށް މުހިންމު ކަމެއްކަން ފުލުހުން ފާހަގަކޮށްފައިވެއެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by MSS