Ads by Aqeeqa Maldives

ޚަބަރު

ދުންފަތުގެ އިސްތިއުމާލު ކޮންޓްރޯލްކުރުމަށް ޚާއްޞަ އިންސްޕެކްޝަންތަކެއް ފަށައިފި

ދުންފަތުގެ އިސްތިއުމާލު ކޮންޓްރޯލްކުރުމަށް ޚާއްޞަ އިންސްޕެކްޝަންތަކެއް ފަށައިފި

ރާއްޖޭގެ ކެފޭއެއްގައި ތުންފަތާގުޅޭ އިންޒާރެއް ބަހައްޓާފައި ފޮޓޯ:ކޯޕަރޭޓް މޯލްޑިވްސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

30 އޭޕްރީލު 2025، 10:51

30 އޭޕްރީލު 2025، 10:51

ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގަވާއިދުތައް ތަންފީޒުކުރުމަށް ޚާއްޞަ އިންސްޕެކްޝަންތަކެއް ކުރިއަށް ގެންދާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ހާމަކޮށްފިއެވެ. މި އިންސްޕެކްޝަންތައް ކުރިއަށް ގެންދަނީ ފުލުހުންނާއި މޯލްޑިވްސް ކަސްޓަމްސް ސާރވިސްއާއި ޞިއްޙީ ވުޒާރާ ގުޅިގެންނެވެ.

އެޗްޕީއޭ އިން މަޢުލޫމާތު ދެއްވިގޮތުގައި މި އިންސްޕެކްޝަންތައް ފެށިފައިވަނީ މި މަހުގެ 20 ވަނަ ދުވަހުއެވެ. މި އިންސްޕެކްޝަންތަކުގެ މައިގަނޑު އަމާޒަކީ ފިހާރަތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓުތަކާއި އަދި ލައުންޖުތަކެވެ. މި މަސައްކަތުގެ ތެރެއިން ބަލާ ކަންތައްތަކުގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލު ކުރާ ބާވަތްތަކުގައި ލޭބަލް ޖަހާފައިވާ ގޮތާއި، ސިނގިރޭޓު ވިއްކާ ގޮތާއި، ޕެކެޓްކޮށްގެން ވިއްކާ ދުންފަތުގެ ބާވަތްތަކުގެ ޕެކިން ހުރި ގޮތް ހިމެނެއެވެ.

މީގެ އިތުރުން، މީހުންނަށް ފެންނަ ގޮތަށް ދުންފަތުގެ ބާވަތްތައް ބަހައްޓާފައިވޭތޯއާއި، ވޭޕް ބޭނުންކުރުމާއި ވިއްކުން ފަދަ ކަންކަންވެސް ބެލޭނެ ކަމަށް އެޗްޕީއޭ އިން ވިދާޅުވިއެވެ. އަދި އޭސީކޮށްފައި ހުންނަ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރާނަމަ އެ ތަންތަން ދެނެގަނެ ފިޔަވަޅު އެޅޭނެ ކަމަށްވެސް އެޗްޕީއޭ އިން ހާމަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ސިޔާސަތެއްގެ ގޮތުގައި ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުން ހިމެނެއެވެ. މި ސިޔާސަތުގެ ދަށުން، ޖީލުތަކެއް ދުންފަތުގެ ވަބާގެ ތެރެއަށް ގެއްލިގެން ދިއުމަކީ ޤަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށާއި، ދުންފަތުގެ އިސްތިއުމާލުކުރުން އާދައަކަށް ނުވަނީސް އެކަން ހުއްޓުވަން ޖެހޭ ކަމަށް ރައީސް މުޢިއްޒު ވަނީ ކުރިން ވިދާޅުވެފައެވެ.

އެޗްޕީއޭ އިން އާންމުންނަށް ގޮވާލާފައިވަނީ މި އިންސްޕެކްޝަންތައް ކުރިއަށް ގެންދާ ޓީމުތަކަށް އެއްބާރުލުން ދިނުމަށެވެ. އަދި ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ގާނޫނާއި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަމަށް ސަމާލުކަން ދިނުމަށް، ދުންފަތުގެ ވިޔަފާރި ކުރާ ފަރާތްތަކާއި ދުންފަތުގެ އިސްތިއުމާލުކުރާ ފަރާތްތަކަށް ހަނދާންކޮށްދީފައިވެއެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by MSS