ޚަބަރު
އަރަބިއަން ޓްރެވެލް މާކެޓުގައި ދިވެހިރާއްޖެއަށް ލިބެމުންދަނީ ބޮޑު ތަރުހީބެއް

އަރަބިއަން ޓްރެވެލް މާކެޓުގައި ހުރި ރާއްޖޭ ސްޓޯލް ފޮޓޯ:އެމްއެމްޕީއާރްސީ
ދުބާއީ ވޯލްޑް ޓްރޭޑް ސެންޓަރުގައި މިހާރު ކުރިއަށްދާ އަރަބިއަން ޓްރެވެލް މާކެޓުގައި ދިވެހިރާއްޖެއަށް ވަރަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށް ދިވެހި ކުންފުނިތަކުން ބުނެފިއެވެ. މި މަހުގެ 28 ވަނަ ދުވަހު ފެށުނު މި ފެއަރގައި ދިވެހިރާއްޖޭގެ ޕެވިލިއަނަށް ގިނަ އަދަދެއްގެ ބަޔަކު ދަނީ ޒިޔާރަތްކުރަމުންނެވެ.
މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ކޮންމެ އަހަރަކުވެސް ރާއްޖެ ޕްރޮމޯޓް ކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބާއްވާ ފެއަރތަކުގައި ބައިވެރިވެއެވެ. މިއަހަރު ބައިވެރިވާ އެންމެ ބޮޑު އެއް ފެއަރ އަކީ، އަރަބިއަން ޓްރެވެލް މާކެޓެވެ. އަދި މިއީ އެމްއެމްޕީއާރްސީން މިފަހަރު ބައިވެރިވާ ފްލެގްޝިޕް ފެއަރއެވެ.
ފެއަރ ފެށިގެން މިހާތަނަށް އައިއިރު، އެންމެ ބޮޑަށް ފާހަގަވެގެން ދިޔަ އެއް ކަމަކީ، ދިވެހިރާއްޖެއިން މިފެއަރއަށް ވެފައިވާ ތައްޔާރީތަކެވެ. ފެއަރގެ ތެރެއިން ރާއްޖޭގެ ޕެވިލިއަންއަށް ދުވަސް ފެށޭއިރު އޮންނަނީ ފުރިބާރުވެފައެވެ. އެތައް ހާސް ބަޔަކު ދަނީ ޒިޔާރަތްކުރަމުންނެވެ. ދިވެހިންގެ ވިޔަފާރިތަކަށް އަދި ރާއްޖެއަށް އައުމަށް އެތައް ބައެއްގެ ޝައުޤުވެރިކަން އެބަހުއްޓެވެ.
ރިސޯޓްލައިފް މޯލްޑިވްސްގެ ސީއީއޯ ޝާޒް ވަލީދު ވިދާޅުވީ އޭޓީއެމްއަށް އިސްކަމެއް ދިނުމަށް އަބަދުވެސް ވަކާލާތު ކުރަމުން ދިޔަ ކަމަށެވެ. އަދި މިފަހަރުގެ ފެއަރގައި ކުރީ އަހަރުތަކާ އަޅާބަލާއިރު ޓަރންއައުޓްވެސް ވަރަށް ރަނގަޅު ކަމަށް ފާހަގަކުރެއްވިއެވެ.
އިނާމޯލްޑިވްސްގެ ސީއީއޯ މުހައްމަދު ފިރާޤު ވިދާޅުވީ ކުރިން އަހަރަށްވުރެ މިފަހަރު ނަންބަރުތައް ވަރަށް ބޮޑުކަމަށާއި، މީގެ ސަބަބުން ރާއްޖެއަށްވެސް ވަރަށް ބޮޑު ފައިދާއެއް ކުރާނެ ކަމަށެވެ.
މުޅި ޖުމްލަ 110 ކުންފުންޏަކުން 235 މަންދޫބުން މިފަހަރު އަރަބިއަން ޓްރެވޓްރެވެލް މާކެޓުގައި ވަނީ ބައިވެރިވެފައެވެ. މީގެ ތެރޭގައި ބޮޑެތި ރިސޯޓުތަކުގެ އިތުރުން ގެސްޓް ހައުސްތައްވެސް ހިމެނެއެވެ. ނޭޝަނަލް ގެސްޓް ހައުސް އެސޯސިއޭޝަންގެ ރައީސް އަބްދުﷲ ނާޝިދު ވަނީ މިފަހަރު މާކެޓުގައި ގެސްޓް ހައުސްތަކަށް ފަހި ފުރުސަތުތަކެއް ލިބިފައިވާކަން ފާހަގަކުރައްވާފައެވެ.