Ads by Aqeeqa Maldives

ޚަބަރު

އައިއައިޔޫއެމް އިން ފުރަތަމަ ފަހަރަށް ދިވެއްސަކަށް އަރުވާ އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް އަރުއްވައިފި

އައިއައިޔޫއެމް އިން ފުރަތަމަ ފަހަރަށް ދިވެއްސަކަށް އަރުވާ އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް އަރުއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަށް ޑޮކްޓަރޭޓްގެ ޝަރަފު އެރުވުން ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

29 އޭޕްރީލު 2025، 01:52

29 އޭޕްރީލު 2025، 01:52

އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިޔާ (އައިއައިޔޫއެމް) އިން ފުރަތަމަ ފަހަރަށް ދިވެއްސަކަށް އަރުވާ އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް އަރުއްވައިފިއެވެ. މި ޝަރަފު އެމަނިކުފާނަށް އެރުވީ މެލޭޝިޔާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

ރައީސް ޑރ. މުޢިއްޒަށް އޮނަރަރީ ޑޮކްޓަރޭޓްކަމުގެ ޝަރަފު އެރުވުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި އެމަނިކުފާނަށް މި ޝަރަފު އެރުއްވީ އައިއައިޔޫއެމްގެ ޕަހަންގް ކޮންސިޓިޓިއުޝަންގެ ހެޑް ޓެންގޫ އެމްޕުއަންއެވެ. ރައީސް ޑރ. މުޢިއްޒަށް މި ޝަރަފު އެރުވީ ޑޮކްޓަރ އޮފް ފިލޮސޮފީ އިން އިސްލާމިކް ލީޑަރޝިޕް އެންޑް މަދަނީ ޑިވަލޮޕްމެންޓްގެ ދާއިރާއިންނެވެ.

ރައީސް ޑރ. މުޢިއްޒަކީ މެލޭޝިޔާގެ އިސްލާމީ ޔުނިވަރސިޓީން އޮނަރަރީ ޑޮކްޓަރޭޓްކަން އެރުވި ފުރަތަމަ ދިވެއްސެވެ. އަދި އެމަނިކުފާނަކީ އޮނަރަރީ ޑޮކްޓަރޭޓްކަމުގެ ޝަރަފު ޔުނިވަރސިޓީއަކުން ލިބިވަޑައިގެންނެވި ފުރަތަމަ ރައީސެވެ. މި ރަސްމިއްޔާތުގައި އެމަނިކުފާނު ވަނީ ޚާއްސަ ތަޤުރީރެއް ދެއްވާފައެވެ. މިއީ އައިއައިޔޫއެމްގައި ދިވެހިރާއްޖޭގެ ރައީސަކު ތަޤުރީރުކުރެއްވި ފުރަތަމަ ފަހަރުވެސްމެއެވެ.

އައިއައިޔޫއެމްއިން ވިދާޅުވެފައިވަނީ ރައީސް ޑރ. މުޢިއްޒަކީ ޒަމާނީ އުކުޅުތަކާއި އިސްލާމީ ހަމަތަކުގެ މަތިން ސިޔާސަތުތައް ކަނޑައެޅުއްވުމާއި އަރބަން ޕްލޭނިންގެ ދާއިރާއިން ފާހަގަކޮށްލެވޭ، ދުރުވިސްނޭ، ކާމިޔާބު ލީޑަރެއްކަމަަށެވެ.

އައިއައިޔޫއެމްއަކީ ރާއްޖޭގެ މަތީ ތަޢުލީމުގެ ދާއިރާއަށް ގިނަ އެހީތަކެއް ވެފައިވާ ޔުނިވަރސިޓީއެކެވެ. 1990ގެ އަހަރުތަކުން ފެށިގެން ދިވެހި ދަރިވަރުން އެ ޔުނިވަރސިޓީގައި ތަޢުލީމު ހާސިލުކުރަމުންދާއިރު، މިއަދާ ހަމައަށް 380 ދިވެހި ދަރިވަރުން އެ ޔުނިވަރސިޓީން ތަޢުލީމު ޙާސިލުކޮށްފައިވާކަމަށް އައިއައިޔޫއެމްއިން ވިދާޅުވެފައިވެއެވެ.
                    


މި ލިޔުން ކިޔާލުމުން

Ads by MSS