ދުނިޔެ
ކެނެޑާގެ ބޮޑުވަޒީރުކަމަށް މާކް ކާނީ އިތުރު ދައުރަކަށް އިންތިޚާބުވެއްޖެ

ކެނެޑާގެ ލިބަރަލް ޕާޓީގެ ލީޑަރު އަދި ކުރީގެ ސެންޓްރަލް ބޭންކަރ މާކް ކާނީ ފޮޓޯ:އިންޓަނެޓް
ކެނެޑާގެ ލިބަރަލް ޕާޓީގެ ލީޑަރު އަދި ކުރީގެ ސެންޓްރަލް ބޭންކަރ މާކް ކާނީ އެ ގައުމުގެ ބޮޑުވަޒީރުކަމަށް ހޮވިއްޖެއެވެ. މިއީ ލިބަރަލް ޕާޓީން ވިދިވިދިގެން ހަތަރުވަނަ ދައުރަށް ކާމިޔާބު ކުރި އިންތިޚާބެވެ.
60 އަހަރުގެ ކާނީ ބޮޑުވަޒީރުކަމުގެ މަޤާމާ ހަވާލުވީ މިދިޔަ މަހުއެވެ. އެއީ ކުރީގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ކުއްލިއަކަށް އިސްތިއުފާ ދިނުމާ ގުޅިގެންނެވެ. ކެނެޑާގެ އުތުރުގައި އޮންނަ ފޯޓް ސްމިތް ގައި އުފަން ކާނީ ވަނީ ކެނެޑާގެ ބޭންކުގެ ގަވަރުނަރުކަން ކޮށް، 2008 ވަނަ އަހަރުގެ މާލީ ހީނަރުކަމުން އެ ގައުމުގެ އިގްތިސާދު ސަލާމަތް ކުރުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. އޭގެ ފަހުން އޭނާ ވަނީ އިނގިރޭސިވިލާތުގެ ބޭންކް އޮފް އިންގްލެންޑްގެ ގަވަރުނަރުކަން ކުރި ފުރަތަމަ ބޭރު މީހާގެ ގޮތުގައިވެސް ރެކޯޑު ހަދާފައެވެ.
އިންތިޚާބީ ކެމްޕޭނުގައި ކާނީ ވަނީ އޭނާގެ ބައިނަލްއަގްވާމީ ތަޖުރިބާ ފާހަގަކޮށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވިޔަފާރީގެ ހަނގުރާމައާ ދެކޮޅަށް ވާހަކަދައްކާނެ ކަމަށް ވައުދުވެފައެވެ. އޭނާގެ ކާމިޔާބީގެ ތަގުރީރުގައި ބުނެފައިވަނީ "ރައީސް ޓްރަމްޕް ބޭނުންވަނީ އަޅުގަނޑުމެން ބައިބައިކޮށް، އެމެރިކާއިން އަޅުގަނޑުމެން މިލްކުކުރާށެވެ. އެކަމެއް ދުވަހަކުވެސް ނުވާނެއެވެ."
ނަމަވެސް، ކާނީއަށް ޕާލިމެންޓުގެ އަޣުލަބިއްޔަތު ލިބޭނެކަން އަދި ޔަގީނެއް ނޫނެވެ. އަޣުލަބިއްޔަތު ނުލިބިއްޖެނަމަ، ސަރުކާރު ހިންގުމަށް އެހެން ޕާޓީތަކުގެ އެހީތެރިކަން ހޯދަން ޖެހޭނެއެވެ. ބަލިވި ކޮންސަވޭޓިވް ޕާޓީގެ ލީޑަރު ޕިއޭ ޕޮއިލީވްރޭ ބުނެފައިވަނީ "އުނދަގޫ ފިލާވަޅުތަކެއް" ލިބިފައިވާ ކަމަށެވެ.
މިއީ ލިބަރަލް ޕާޓީއަށް ލިބުނު ހައިރާންކުރުވަނިވި ކާމިޔާބީއެކެވެ. އެއީ މީގެ ތިން މަސްކުރިން ވޯޓު ހޯދުމުގެ ސަރވޭތަކުން ދައްކާފައިވަނީ އެ ޕާޓީ ވަރަށް ބޮޑަށް ފަހަތުގައި އޮތް ކަމަށެވެ. ނަމަވެސް ކާނީ ޓްރޫޑޯގެ ބަދަލުގައި ލީޑަރުކަމާ ހަވާލުވުމާއި، އެމެރިކާގެ ރައީސް ޓްރަމްޕް ދެ ގައުމުގެ ގުޅުން ހަލާކުކޮށްލުމުން، އިންތިޚާބުގެ މައިގަނޑު މައްސަލައަކަށް ވެގެން ދިޔައީ މި ކަންކަމެވެ.