ޚަބަރު
"އަންހެންވެރިންގެ ސައްލާ" ފެށުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ޝަރަފުވެރިކޮށްދެއްވައިފި

"އަންހެންވެރިންގެ ސައްލާ" މަސައްކަތު ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތު ފޮޓޯ:ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، މިއަދު ހެނދުނު އިސްރަށްވެހިންގެ ނާދީ ހޯލްގައި "އަންހެންވެރިންގެ ސައްލާ" މަސައްކަތު ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފިއެވެ. މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސްއިން އިންތިޒާމުކޮށްގެން ބޭއްވޭ މި ސައްލާއަކީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ޚާއްޞަކޮށްގެން ބޭއްވޭ މިފަދަ ފުރަތަމަ މަސައްކަތު ބައްދަލުވުމެވެ.
މި ސައްލާގައި މާލެ އަތޮޅު، އަރިއަތޮޅު އުތުރުބުރި، އަރިއަތޮޅު ދެކުނުބުރި، ފެލިދެއަތޮޅު، މުލަކަތޮޅު އަދި މާލޭ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ 59 މެންބަރުން ބައިވެރިވެވަޑައިގަންނަވައެވެ. މި މަހުގެ 29 އިން 30 އަށް މާލޭގައި ކުރިއަށްދާ މި ސައްލާގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމާ ބެހޭ ޤާނޫނުގެ ދަށުން އުުފެދިފައިވާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ހިންގުން ހަރުދަނާކޮށް، އެ ކޮމިޓީތައް ބާރުވެރި ކުރުވުމެވެ.
މި ބައްދަލުވުމުގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ކުރިމަތިވާ ގޮންޖެހުންތަކާއި، އެ ކަންކަން ހައްލު ކުރުމަށް ކުރެވިދާނެ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާކުރެވޭނެއެވެ. އަދި މީގެ އިތުރުން، މާލީ ގޮތުން ކޮމިޓީތައް ބާރުވެރިކުރުމަށް ކުރެވިދާނެ ކަންކަމާއި، އަންހެނުން ބާރުވެރި ކުރުމަށް ކޮމެޓީތަކަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުންވެސް މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.