Ads by Aqeeqa Maldives

ޚަބަރު

ޅޮހީގެ ފެނާއި ނަރުދަމާ މަޝްރޫޢު ލަސްވި ސަބަބު ހާމަކޮށް، މަސައްކަތް ފެނަކައާ ހަވާލުކޮށްފި

ޅޮހީގެ ފެނާއި ނަރުދަމާ މަޝްރޫޢު ލަސްވި ސަބަބު ހާމަކޮށް، މަސައްކަތް ފެނަކައާ ހަވާލުކޮށްފި

ނ. ޅޮހި ފޮޓޯ:މޯލްޑިވްސް ވަރޗުއަލް ޓުއަރ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

29 އޭޕްރީލު 2025، 12:45

29 އޭޕްރީލު 2025، 12:45

ނ. ޅޮހީގެ ފެނާއި ނަރުދަމާގެ މަސައްކަތް ލަސްވެފައިވަނީ ފުރަތަމަ ހަވާލުކުރެވުނު ކޮންޓްރެކްޓަރަށް އެ މަސައްކަތް ކުރިއަށް ނުގެންދެވުމުގެ ސަބަބުން ކަމަށާއި، މިހާރު އެ މަސައްކަތް ނިންމުމަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފައިވާ ކަމަށް ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ސްޓެޓިކް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރެވުނު މި މަސައްކަތް ކުރިއަށް ނުދިއުމުގެ ސަބަބުން، އެ ކުންފުންޏާއެކު ވެފައިވާ އެއްބަސްވުން 2024 މާރިޗު 28 ގައި ބާޠިލުކުރެވުނު ކަމަށެވެ. އެއްބަސްވުން ބާޠިލުކުރެވުނުއިރު މަސައްކަތުގެ %34 ނުނިމި އޮތް ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، މި މަސައްކަތް އަލުން ފަށައި ނިންމުމަށްޓަކައި މިދިޔަ މާރިޗު މަހުގެ 13 ވަނަ ދުވަހު ސަރުކާރުގެ އެސްއޯއީ ކަމަށްވާ ފެނަކަ ކޯޕަރޭޝަނާ ހަވާލުކުރެވިފައިވާ ކަމަށެވެ. މި މަސައްކަތް ފެނަކައާ ހަވާލުކޮށްފައިވަނީ 37.8 މިލިއަން ރުފިޔާއަށް ކަމަށާއި، މަސައްކަތް ނިންމުމަށް ދެވިފައިވާ މުއްދަތަކީ 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު 4 ވަނަ ދުވަހުގެ ނިޔަލަށް ކަމަށްވެސް ވަޒީރު ހާމަކުރެއްވިއެވެ.

މީގެއިތުރުން، ނ. ޅޮހި ހިމެނޭ ގޮތަށް ޖުމްލަ 5 ރަށެއްގެ މަސައްކަތް ސްޓެޓިކް ކޮމްޕެނީއާ ހަވާލުކުރެވިފައިވާ ކަމަށާއި، ނަމަވެސް ކުންފުނީގެ ހާލަތު ހުރި ގޮތުން މި 5 ރަށުގެ މަސައްކަތްވެސް އެދެވޭ ގޮތެއްގައި ކުރިއަށް ގެންދެވިފައި ނުވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އެހެންކަމުން، މި 5 ރަށުގެ މަސައްކަތް ވީހާވެސް އަވަހަށް ނިންމައި ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި އައު އެއްބަސްވުންތަކަކާ ހަމައަށް އާދެވިފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by MSS