ޚަބަރު
ނަފުސާނީ އެހީތެރިކަމަށް އުފެއްދި ހެލްޕްލައިނުން އަހަރެއްގެ ތެރޭގައި 5،000 އަށްވުރެ ގިނަ މީހުންނަށް އެހީތެރިވެއްޖެ

ނަފްސާނީ އެހީތެރިކަމަށް ޚާއްސަ ހެލްޕްލައިން އިފްތިތާޚް ކުރުމުގެ ޖަލްސާ ފޮޓޯ: ވުޒާރާ
ނަފްސާނީ ބަލީގެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހެލްތު މިނިސްޓްރީން ގާއިމުކުރި ހެލްޕްލައިނުގެ ޚިދުމަތް ފަށައިގެން އަހަރަކަށްވުރެ ގިނަ ދުވަސްވީއިރު، މިހާތަނަށް 5،364 މީހުން ނަފުސާނީ އެހީ ހޯދައިފިއެވެ.
މި ހެލްޕްލައިނަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ހަފުތާ 14ގެ ވަޢުދުގެ ދަށުން، ނަފުސާނީ އެކިއެކި ކަންކަމާ ކުރިމަތިލަމުންދާ މީހުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި އިންތިޒާމުކޮށް، ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ގާއިމުކުރި ހެލްޕްލައިނެކެވެ. މި ހެލްޕްލައިންގެ ޚިދުމަތް ފަށާފައިވަނީ 21 ފެބްރުއަރީ 2024 ގައެވެ.
ހެލްތު މިނިސްޓްރީން ހިއްސާކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި އަހަރުގެ ފުރަތަމަ ހަތަރު މަހެއްހާ ދުވަހުގެ ތެރޭގައި އެކަނި ވެސް 2،788 މީހުން މި ހެލްޕްލައިން މެދުވެރިކޮށް ނަފުސާނީ ބަލީގެ ކަންކަމުގައި އެހީ ހޯދާފައިވެއެވެ.
މި ހެލްޕްލައިންގެ މައިގަނޑު މަޤްޞަދަކީ ނަފުސާނީ ގޮތުން އުނދަގޫވާ އެކިއެކި ހާލަތްތަކުގައާއި ނަފުސާނީ ބަލި ހުންނަ އެކި އުމުރުފުރައިގެ މީހުންނަށް ނަފުސާނީ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދިނުމެވެ. އަދި މި ޚިދުމަތް ަތް 24 ގަޑިއިރު ލިބޭގޮތަށް ހަމަޖެހިފައިވުމަކީ މި ޚިދުމަތުގެ އެންމެ މުހިންމު އެއް ކަމެވެ.
ހެލްތު މިނިސްޓްރީން ބުނެފައިވާ ގޮތުގައި، ނަފުސާނީ ދުޅަހެޔޮކަމުގެ ދާއިރާގައި އިންސާނީ ވަސީލަތްތައް މަދުވުން ފަދަ ގޮންޖެހުންތައް ހުރި ނަމަވެސް، ސަރުކާރުން މުޅި ރާއްޖެއަށް ނަފުސާނީ ދުޅަހެޔޮކަމުގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުން އަންނަ ކަމަށާއި، ކުރިއަށް އޮތްތަނުގައި ވެސް މި ހެލްޕްލައިންގެ ޚިދުމަތް ހަރުދަނާކޮށް، ފަންނީ ޤާބިލުކަން އިތުރުކޮށް އަދި ނަފުސާނީ ދުޅަހެޔޮކަމާ ގުޅޭ ވަށާޖެހޭ ސިޔާސަތުތަކެއް އެކުލަވާލުމަށް މަސައްކަތްކުރާނެ ކަމަށް ވަނީ ބުނެފައެވެ.
ރާއްޖޭގައި ނަފުސާނީ އެހީތެރިކަމަށް ޚާއްޞަކޮށްގެން މިފަދަ ހެލްޕްލައިނެއް ފުރަތަމަ އުފައްދާފައިވަނީ ކޮވިޑުގެ ހާލަތާ ގުޅިގެން މޯލްޑިވްސް ރެޑް ކްރެސެންޓުން ކަމުގައިވީ ނަމަވެސް، މި ހެލްޕްލައިނަކީ ރާއްޖޭގައި ނަފުސާނީ ބަލިމަޑުކަމަށް 24 ގަޑިއިރު ޚިދުމަތްދޭ ގޮތަށް ތަޢާރަފުކުރެވުނު ފުރަތަމަ ހެލްޕްލައިނެވެ.