Ads by Aqeeqa Maldives

ޚަބަރު

އަންހެންވެރިންނަކީ ހަރުދަނާ މުޖުތަމަޢެއް ބިނާކުރުމުގެ ޙަޤީޤީ މޭސްތިރިން: ވަޒީރު އާދަމް ޝަރީފް

އަންހެންވެރިންނަކީ ހަރުދަނާ މުޖުތަމަޢެއް ބިނާކުރުމުގެ ޙަޤީޤީ މޭސްތިރިން: ވަޒީރު އާދަމް ޝަރީފް

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ މިނިސްޓަރު އާދަމް ޝަރީފް ޢުމަރު

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

29 އޭޕްރީލު 2025، 11:20

29 އޭޕްރީލު 2025، 11:20

ހަރުދަނާ މުޖުތަމަޢެއް ބިނާކުރުމުގެ ޙަޤީޤީ މޭސްތިރިންނަކީ އަންހެންވެރިންކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ މިނިސްޓަރު އާދަމް ޝަރީފް ޢުމަރު ވިދާޅުދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ މިއަދު އިސްރަށްވެހިންގެ ނާދީގައި ފެށުނު "އަންހެންވެރިއްގެ ސައްލާ" މަސައްކަތު ބައްދަލުވުން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. މި މަސައްކަތު ބައްދަލުވުން ފަށްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދެވެ.

ވަޒީރު އާދަމް ޝަރީފް ވިދާޅުވީ ހަރުދަނާ މުޖުތަމަޢެއް ބިނާކުރެވެނީ ހަރުދަނާ ޢާއިލާއަކުން ކަމަށާއި، ޢާއިލާތައް ހަރުދަނާވެ، މީހުން ކުރިއަރާ ދަނީ އަންހެންވެރިން އެ މީހުންނަށް އެހީތެރިވުމުގައި އަދާކުރާ މުހިންމު ދައުރުގެ ސަބަބުންކަމަށެވެ.

"ޤައުމު ކުރިއަރާ ދިއުމުގައި ޙަޤީޤަތުގައިވެސް އަންހެންވެރިންނަށް ތަޢުރީފު ޙައްޤުވޭ. މަންމައިންނާއި ދައްތތައިންނަނަށް. ދަރިން ތަރުބިއްޔަތު ކުރުމުގައި ހަރުދަނާ ބަޔަކަށް އަޅުގަނޑުމެން ހެދުމުގައި ކުރާ މަސައްކަތަށް." ވަޒީރު ވިދާޅުވިއެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މަސައްކަތްތަކަށް އަލިއަޅުވާލައްވަމުން، އިޖުތިމާޢީ އަދި ޞިއްހީ ކަންކަމަށް ހޭލުންތެރިކުރުމުގައި އެންމެ ފުރިހަމަ ދައުރެއް އަދާކުރެވޭނީ އަންހެނުންގެ ކޮމިޓީތަކަށް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މި ކޮމިޓީތަކަށް ދިމާވާ ދަތިތައް ހައްލުކުރުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

"އަންހެނުންގެ ކޮމިޓީތަކަށް ދިމާވާ ބައެއް ކަންކަމަށް ހައްލު ހޯދުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރަމުން. ކުރިއަށް އޮތް 2 އަހަރު ދުވަހުގެ ތެރޭގައި އަންހެނުން ކޮމިޓީތަކަށް ދިމާވާ ޖާގައިގެ ދަތިކަމަށް ހައްލު ލިބޭނެ. ކައުންސިލް އިމާރާތްތައް އަޅައި ނިމުނީމަ." ވަޒީރު ވިދާޅުވިއެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި މަސައްކަތު ބައްދަލުވުން އަމާޒުކޮށްފައިވަނީ ކ، އއ، އދ، ވ، މ އަތޮޅުގެ ރަށްތަކާއި މާލޭ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by MSS