Ads by Aqeeqa Maldives

ޚަބަރު

ވަޒީރުން މަޖިލީހަށް ހާޒިރުނުކުރެވެނީ އެ ބޭފުޅުންނާއި މެންބަރުން ރާއްޖޭގައި ނޫޅުއްވާތީ: ނާޒިމް

ވަޒީރުން މަޖިލީހަށް ހާޒިރުނުކުރެވެނީ އެ ބޭފުޅުންނާއި މެންބަރުން ރާއްޖޭގައި ނޫޅުއްވާތީ: ނާޒިމް

މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ފޮޓޯ: މަޖިލިސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

29 އޭޕްރީލު 2025، 10:44

29 އޭޕްރީލު 2025، 10:44

ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ވަޒީރުން ހާޒިރުކުރުން ލަސްވަނީ ސުވާލު ރައްދުވާ ވަޒީރުންނާއި ސުވާލު ހުށަހަޅުއްވާ މެންބަރުން ވެސް ރާއްޖޭގައި ނޫޅުއްވާތީ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު މަޖިލީހުގެ ޖަލްސާގައި، މެންބަރުން ވަޒީރުންނާ ކުރާ ސުވާލުތަކުގެ މައްސަލަ ލަސްވާތީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވަނީ ގަރާރެއް ހުށަހަޅުއްވައިފައެވެ. މި ގަރާރުގައި، ވަޒީރުން މަޖިލީހަށް ހާޒިރުނުކުރާ ކަމަށާއި ސަބަބެއް ނާންގާ މަޖިލީހުގެ ޖަލްސާތައް ކެންސަލްކުރާ ކަމަށް ވިދާޅުވެ، ކަންބޮޑުވުން ފާޅުކުރައްވާފައިވެއެވެ.

މި މައްސަލައާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ނާޒިމް ވިދާޅުވީ، "ވަޒީރަކަށް ސުވާލެއް ފޮނުވުމަށް ފަހު ގާނޫނީ ގޮތުން ދޭ ނޯޓިސް ދިނުމަށް ފަހު، ވަޒީރަށް މަޖިލީހަށް ވަޑައިގެންނެވޭ ގޮތަށް ރާއްޖޭގައި ހުންނެވުމަކީ ވެސް ވާންޖެހޭ ކަމެއް" ކަމަށެވެ. އަދި ސުވާލުކުރެއްވި މެންބަރަށް ވެސް މަޖިލީހަށް ވަޑައިގެންނެވޭ ގޮތަށް ހުންނެވުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ނާޒިމް އިތުރަށް ވިދާޅުވީ، މިއަދުގެ ޖަލްސާއަށް ވެސް ސުވާލެއް އެޖެންޑާކުރަން މަސައްކަތްކުރެއްވި ނަމަވެސް، އެ ސުވާލު ހުށަހެޅުއްވި މެންބަރު ރަސްމީ ދަތުރުފުޅެއްގައި ރާއްޖޭން ބޭރުގައި ހުންނެވުމުން އެޖެންޑާކުރެވެން ނެތް ކަމަށެވެ. އަދި މާދަމާގެ ޖަލްސާއަށް އެޖެންޑާކުރަން ބެއްލެވި ސުވާލު ވެސް އެ ސަބަބަށްޓަކައި އެޖެންޑާކުރެވެން ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

މީކާއިލް ހުށަހެޅުއްވި ގަރާރުގައި ވަނީ ސަރުކާރު ޖަވާބުދާރީކުރުމާއި ވެރިކަން ހިންގުމުގެ ބާރުގެ ފަރާތުން ކުރާ ކަންތައްތައް ހިނގާނުހިނގާ ގޮތް ބެލުމަކީ މަޖިލީހުގެ ދުސްތޫރީ ވާޖިބެއް ކަމަށެވެ. އެހެންނަމަވެސް، ވަޒީރުންނާ ސުވާލުކުރަން ހުށަހެޅުމުން އެ ވަޒީރުންނަށް ގާނޫނީ ގޮތުން ދޭންޖެހޭ ނޯޓިސްގެ މުއްދަތު ހަމަވި ނަމަވެސް އެ ބޭފުޅުން މަޖިލީހަށް ހާޒިރުވެ ޖަވާބުދީފައިނުވާ ކަމަށް ގަރާރުގައި ފާހަގަކޮށްފައިވެއެވެ.


                    

މި ލިޔުން ކިޔާލުމުން

Ads by MSS