ދުނިޔެ
ޑޮކްޓަރުންނަށް ނޭނގުނު ބައްޔެއް ޗެޓްޖީޕީޓީން ދެނެގަތުމުން އަންހެނެއްގެ ފުރާނަ ސަލާމަތްވެއްޖެ

ލޯރެން ބެނަން ގެ ޓެސްޓުތައް ޑޮކްޓަރުން ކުރިއަށްގެންދަނީ ފޮޓޯ:އިންޓަނެޓް
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ބޭނުން ދުނިޔޭގެ އެކި ދާއިރާތަކުގައި އިތުރުވަމުން އަންނައިރު، އެމެރިކާގެ ޑޮކްޓަރުންނަށް ދެނެގަންނަން ނޭނގުނު ބައްޔެއް ޗެޓްޖީޕީޓީން ދެނެގަތުމުން އަންހެނެއްގެ ފުރާނަ ސަލާމަތްވެއްޖެއެވެ.
ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެމެރިކާގެ 40 އަހަރުގެ އަންހެނެއް ކަމަށްވާ ލޯރެން ބެނަން ވަނީ ބަނޑުގައި ރިހުމާއި ހަށިގަނޑުގެ ބަރުދަން އަވަހަށް ދަށްވަމުން ދިއުމުގެ ޝަކުވާއާއެކު ޑޮކްޓަރަށް ދެއްކުމަށްފަހު އާތްރައިޓިސް ނުވަތަ ބަނޑުގެ މައްސަލައެއް ކަމަށް ބުނެފައެވެ. ނަމަވެސް ގިނަ ފަހަރު ޑޮކްޓަރަށް ދެއްކުމުންވެސް އޭނާގެ ހާލަތު ރަނގަޅުނުވުމުން، އޭނާގެ އަލާމާތްތައް ޗެޓްޖީޕީޓީގައި ލިޔުމުން، އެއީ ކެންސަރުގެ ބާވަތެއް ކަމަށްވާ "ހަޝިމޯޓޯސް" ކަމަށް ބުނެފައިވެއެވެ.
ޗެޓްޖީޕީޓީގެ ޖަވާބާ ގުޅިގެން ޓެސްޓުތައް ހެދުމުން، ލޯރެންގެ ކަރުގައި ދެ ޓިއުމަރު ހުރިކަން ފާހަގަކުރެވި، އެއީ ކެންސަރު ކަމަށް ވަނީ ކަށަވަރުވެފައެވެ. މިކަމާ ގުޅޭގޮތުން ލޯރެން ބުނެފައިވަނީ "އަހަރެންގެ ކިބައިން ހަޝިމޯޓޯސްގެ އާންމު އަލާމާތްތަކެއް ފެންނާކަށް ނެތް. އަދި ވަރުބަލިވުމެއްވެސް ނެތް. ޗެޓްޗެޓްޖީޕީޓީ ނުބަލާނަމަ، ކެންސަރު މުޅި ހަށިގަނޑަށް ފެތުރުނީސް. ޗެޓްޖީޕީޓީ އަހަރެންގެ ފުރާނަ ސަލާމަތްކޮށްފި" ކަމަށެވެ.