ޚަބަރު
ދުބާއީގައި ފުރަތަމަ ފަހަރަށް "މޯލްޑިވިއަން އިވްނިން" ބާއްވައިފި

ދުބާއީގައި ފުރަތަމަ ފަހަރަށް "މޯލްޑިވިއަން އިވްނިން" ބާއްވައިފި ފޮޓޯ:އެމްއެމްޕީއާރްސީ
ދުބާއީގައި ކުރިއަށްދާ އަރަބިއަން ޓްރެވެލް މާކެޓް (އޭޓީއެމް) ގެ ހަވާސާގެ ތެރެއިން، ފުރަތަމަ ފަހަރަށް "މޯލްޑިވިއަން އިވްނިން" ނަމުގައި ހާއްސަ ހަރަކާތެއް ބާއްވައިފިއެވެ. މި ހަރަކާތް ބޭއްވުނީ ދުބާއީގެ ސޫކް މަދީނަތު ޖުމައިރާގައި ހުންނަ ތިއޭޓަރ އޮފް ޑިޖިޓަލް އާޓްސް (ޓޮޑާ) ގައެވެ.
އޭޓީއެމްގެ ފުރަތަމަ ދުވަސް ރާއްޖެއިން ނިންމާލީ މި ހާއްސަ ހަރަކާތާ އެކުގައެވެ. މި ހަރަކާތުގެ މައިގަނޑު މަޤްސަދަކީ ބޭރުގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކަށް ދިވެހިރާއްޖޭގެ ސަޤާފަތް ދައްކުވައިދީ، ރާއްޖެއަކީ މަޤްބޫލު ފަތުރުވެރި މަންޒިލެއްގެ ގޮތުގައި ދެމެހެއްޓުމަށް ބޭނުންވާ މަޢުލޫމާތު އެކުވެރި މާޙައުލެއްގައި ފޯރުކޮށްދިނުމެވެ.
ހަރަކާތް ފެށުމުގެ ކުރިން، ފަތުރުވެރިކަމާއި ތިމާވެށްޓާބެހޭ ވަޒީރު ޠާރިޤު އިބްރާހިމް ވަނީ ޓޯޑާ ތިއޭޓަރު ބައްލަވާލައްވާފައެވެ. މި ތަނަކީ ހުށަހެޅުންތައް ހުށަހަޅާއިރު އެ މަންޒަރުތައް މުޅި ހޯލުގެ ތެރެއިން ސިފަވާގޮތަށް ފަރުމާކޮށްފައިވާ ތަނެކެވެ. މީގެ އިތުރުން، ދިވެހި ސަޤާފަތް ފެންނަ ވީއާރް ރޫމެއްވެސް ހަރަކާތުގެ ބައިވެރިންނަށް ޚާއްޞަކޮށް ތައްޔާރުކޮށްފައިވެއެވެ.
ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުން، ވަޒީރު ޠާރިޤު އިބްރާހިމް ވިދާޅުވީ ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ހަމައެކަނި ރީތި ޤުދުރަތީ މާޙައުލެއް ނޫން ކަމަށާއި، އޭގެ އިތުރުން ރާއްޖޭގެ މެހެމާންދާރީއާއި ސަޤާފަތްވެސް ތަޖުރިބާކުރުމުގެ ފުރުޞަތު ދެވިގެންދާ ކަމަށެވެ.
އެމްއެމްޕީއާރްސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝިއުރީ ވާހަކަފުޅު ދައްކަވަމުން، ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ވޭތުވެދިޔަ އަހަރު ތެރޭގައި ކުރެވިފައިވާ މަސައްކަތްތައް ހިއްސާކުރެއްވިއެވެ. އަދި ރާއްޖެއިން ފަތުރުވެރިކަން ކުރިއެރުވުމަށް އިސްތިރާޖީ ގޮތުން މަސައްކަތް ފަށާފައިވާ ކަމަށާއި، މަޢުލޫމާތަށް ބިނާކޮށް މަސައްކަތްތަކެއް ކުރެވެމުންދާކަން ފާހަގަކުރެއްވިއެވެ.
މި ހަރަކާތުގައި ސަޤާފީ ހުށަހެޅުންތަކުގެ އިތުރުން ދިވެހި ފަންނުވެރިންގެ ހުނަރުތައްވެސް ދައްކާލާފައިވެއެވެ. މީގެ ތެރޭގައި ކުރެހުންތެރިޔާ އަލީ އިޝާން (ކުރަހާ ރާޢްޕެ) ގެ ހަރަކާތްތަކާއި ސްކައި ރޮކް ބޭންޑުގެ ހުށަހެޅުންތައް ހިމެނެއެވެ.