ދުނިޔެ

ސްޕެއިން އާއި ޕޯޗުގަލްއިން ކަރަންޓު ކެނޑި ދެ ގައުމު ހުއްޓުމަކަށް އައިސްފި

ސްޕެއިން އާއި ޕޯޗުގަލްއިން ކަރަންޓު ކެނޑި ދެ ގައުމު ހުއްޓުމަކަށް އައިސްފި

ކަރަންޓު ނެތުމުން އަލިކުރުމަށް އުއްބައްތި ރޯކުރަނީ ---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

28 އޭޕްރީލު 2025، 09:28

28 އޭޕްރީލު 2025، 09:28

ހުލާސާ


ޔޫރަޕަށް ނިސްބަތްވާ ސްޕެއިން އާއި ފޯޗުގަލްއިން ކަރަންޓު ކެނޑި ދެ ގައުމު ހުއްޓުމަކަށް އައިސްފިއެވެ. 

ސްޕެއިންގެ ވެރިރަށް މެޑްރިޑާއި ޕޯޗުގަލްގެ ވެރިރަށް ލިޒްބަން ހިމެނޭހެން މުޅި ގައުމުން ކަރަންޓު ކެނޑިފައި ވަނީ ރާއްޖެ ގަޑިން ގާތްގަނޑަކަށް މިއަދު ހަވީރު 04:30 ހާއިރެވެ. 

މިކަމުގެ ސަބަބުން ދެ ގައުމުގެ ދަތުރުފަތުރު ވެސް ވަނީ މުޅިންހެން ހުއްޓިފައެވެ. އެގޮތުން މެޓްރޯ ދަތުރުތަކާއި ރޭލު ދަތުރުތައް މެދުކެނޑިފައިވާއިރު، ޓްރެފިކް ލައިޓްތައް މަސައްކަތް ނުކުރުމުގެ ސަބަބުން މަގުތައް ވަނީ ތޮއްޖެހިފައެވެ. އަދި ކުއްލިއަކަށް ކަރަންޓު ކެނޑުމުގެ ސަބަބުން ގިނަ ބަޔަކު ވަނީ ލިފްތަކުގައާއި މެޓްރޯތަކުގެ ތެރޭގައި ވެސް ތާށިވެފައެވެ.

މީގެ އިތުރުން އެ ގައުމުތަކުގެ އެއާރޕޯޓުތައް ވެސް މިހާރު މަސައްކަތް ކުރަމުންދަނީ އެމަޖެންސީގައެވެ. އަދި ގިނަ ފްލައިޓްތައް ލަސްވެ، ފްލައިޓް ޝެޑިއުލްތަކަށް ބޮޑެތި ބަދަލުތައް ގެނައުމަށް ވަނީ މަޖުބޫރުވެފައެވެ

ހަމައެއާއެކު ދެ ޤައުމުގެ ހަސްފަތާލުތަކުގެ ޙިދުމަތްތައް ކުރިއަށް ގެންދިއުމަށް ވެސް ވަނީ ވަރަށް ބޮޑަށް ބުރޫ އަރާފައެވެ. އެގޮތުން ޙާލު ބޮޑު ބަލި  މީހުން ކޮންމެހެން ވަގުތުން ވަގުތަށް ކުރަންޖެހޭ އޮޕަރޭޝަންތައް ކުރަމުން ދަނީ ބެކްއަޕް ޖެނެރޭޓަރުތަކުގެ އެހީގައި ކަރަންޓު ފޯރު ކޮށްދީގެންނެވެ. 

ދެ ގައުމުގެ ކަމާގުޅުންހުރި އިދާރާތަކުން އަންނަނީ ކަރަންޓު އަލުން ގުޅާލުމަށް ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި ކަރަންޓުގެ ޚިދުމަތް އަލުން ދިނުމަށް ހަ ގަޑިއިރާއި ދިހަ ގަޑިއިރާ ދެމެދުގެ ވަގުތެއް ހޭދަވުން އެކަށީގެންވާކަމަށް އެ އިދާރާތަކުން ވަނީ ހާމަކޮށްފައެވެ. 

އަދި ދެ ޤައުމުގެ ސަރުކާރުން ދަނީ ކަރަންޓު ކެނޑުމަށް މެދުވެރިވި ސަބަބު ދެނެގަތުމަށް ޔޫރަޕިއަން ކޮމިޝަނާއި ޔޫރަޕިއަން ނެޓްވޯކް އޮފް ޓްރާންސްމިޝަން ސިސްޓަމް އޮޕަރޭޓާސް ފޮރ އިލެކްޓްރިސިޓީއާ އެކު މަސައްކަތް ކުރަމުންނެވެ.  އެގޮތުން ކަރަންޓު ކެނޑުމަށް މެދުވެރިވި ސީދާ ސަބަބު މިހާތަނަށް ދެނެގަނެވިފައި ނުވާއިރު ކަރަންޓު ކެނޑުނީ ސައިބާއެޓޭކެއްގެ ސަބަބުން ކަމަށް ވުން އެކަށީގެންވާކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS