ދުނިޔެ

ފުޖީ ފަރުބަދައަށް އެރި  މީހެއް ހަފްތާއެއްގެ ތެރޭގައި ދެފަހަރު ސަލާމަތްކޮށްފި

ފުޖީ ފަރުބަދައަށް އެރި  މީހެއް ހަފްތާއެއްގެ ތެރޭގައި ދެފަހަރު ސަލާމަތްކޮށްފި

މައުންޓް ފުޖީ ފޮޓޯ:އިންޓަނެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

28 އޭޕްރީލު 2025، 04:55

28 އޭޕްރީލު 2025، 04:55

ޖަޕާނުގެ އެންމެ އުސް ފަރުބަދަ ކަމުގައިވާ ފުޖީ ފަރުބަދައިން ޗައިނާގެ 27 އަހަރުގެ ޒުވާނަކު ހަފްތާއެއްގެ ތެރޭގައި ދެފަހަރު ސަލާމަތްކުރަން ޖެހުނު ކަމަށް ރިޕޯޓުތަކުން ދައްކައިފިއެވެ. މި ޒުވާނާއަކީ ޖަޕާނުގައި ކިޔަވަމުންދާ ޔުނިވަރސިޓީ ދަރިވަރެކެވެ.

ދި އިންޑިޕެންޑެންޓުން ރިޕޯޓުކުރި ގޮތުގައި، މި ޒުވާނާ ފުރަތަމަ ފަހަރު ސަލާމަތްކުރެވުނީ ފުުޖިނޮމިޔާ މަގުން މައްޗަށް އަރަމުންދަނިކޮށް،  3،000 މީޓަރު މަތިންނެވެ. އެއީ ޝިޒުއޯކާ ޕްރިފެކްޗަރގެ ފަރާތުގައެވެ. ނަމަވެސް، މީނާ ފަރުބަދަމައްޗަށް ދޫކޮށްލި ތަކެތި ހޯދުމަށް ހަތަރު ދުވަސް ފަހުން އަނެއްކާވެސް ފަރުބަދައަށް އެރުމުން، ދެވަނަ ފަހަރަށް ސަލާމަތްކުރަން ޖެހުނެވެ.

ޝިޒުއޯކާ ޕްރިފެކްޗަރަލް ފުލުހުންގެ  އޮފިސަރުން މި ޒުވާނާ ދަންވަރެއްގައި އަނބުރާ ގެނެސް، ފަޔަރ ޑިޕާޓްމަންޓާ ހަވާލުކުރިއެވެ. ފުލުހުންގެ ތަރުޖަމާނެއް ބުނި ގޮތުގައި، މި ޒުވާނާ އުސްތަންތަނަށް އެރުމުގެ ސަބަބުން ބަލި ވާކަމަށް ކަމަށް ޝައްކުކުރެވޭތީ، ހޮސްޕިޓަލަށް ގެންދެވުނެވެ.

ފުޖީ ފަރުބަދައަށް އަހަރުގެ ގިނަ ދުވަސްތަކުގައި ސްނޯ ފައިބާފައި ހުންނަ ނަމަވެސް، ހޫނު މޫސުމުގައި ގިނަ ބަޔަކު މި ފަރުބަދައަށް އަރައެވެ. ރަސްމީ ގޮތުން ފަރުބަދައަށް އެރުމުގެ މޫސުން  ފެށެނީ ޖުލައި 1 އިން ސެޕްޓެމްބަރު ނިޔަލަށެވެ. އަހަރަކު 200،000 އަށްވުރެ ގިނަ މީހުން މި ފަރުބަދައަށް އަރައެވެ.

ފަރުބަދައަށް އަރާ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަދި ތިމާވެށި ހިމާޔަތްކުރުމަށްޓަކައި، މިދިޔަ މަހު ފާސްކުރި ޤާނޫނަކުން ފަރުބަދައަށް އަރާ މީހުންގެ އަތުން ފީއެއް ނެގުމަށް ހަމަޖެހިފައިވެއެވެ. މިގޮތުން ފަރުބަދައަށް އަރާ ކޮންމެ މީހަކު 4،000 ޔެން (ގާތްގަނޑަކަށް 2،333 ރުފިޔާ) ދައްކަން ޖެހޭނެއެވެ. އަދި ދުވާލަކު ފަރުބަދައަށް އެރޭނެ މީހުންގެ އަދަދު ކަނޑައަޅައި، އޮޮންލައިންކޮށް ރިޒަރވް ކުރުމުގެ ނިޒާމެއްވެސް ތަޢާރަފުކުރެވިފައިވެއެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by MSS