ކޮލަމް / ދުނިޔެ

ޓައިޓެނިކްއިން ސަލާމަތްވި ފަސިންޖަރެއްގެ ސިޓީއެއް 399،000 ޑޮލަރަށް ނީލަމުގައި ވިއްކާލައިފި

ޓައިޓެނިކްއިން ސަލާމަތްވި ފަސިންޖަރެއްގެ ސިޓީއެއް 399،000 ޑޮލަރަށް ނީލަމުގައި ވިއްކާލައިފި

ޓައިޓެނިކް އިން ސަލާމަތްވި އަރޗިބޯލްޑްގެ ސިޓީ ފޮޓޯ : އިންޓަނެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

28 އޭޕްރީލު 2025، 04:41

28 އޭޕްރީލު 2025، 04:41

ޓައިޓެނިކް އުޅަނދުން ސަލާމަތްވި ޕަސިންޖަރުންގެ ތެރެއިން އެކަކަކު ކަމުގައިވާ ކާނަލް އަރޗިބޯލްޑް ގްރޭސީ ލިޔުއްވި ސިޓީއެއް 399،000 އެމެރިކާ ޑޮލަރު (3.4 މިލިއަން ރުފިޔާ) އަށް ނީލަމުގައި ވިއްކާލައިފިއެވެ. އިނގިރޭސިވިލާތުގެ ވިލްޝަޔަރގައި ހުންނަ ހެންރީ އޯލްޑްރިޖް އެންޑް ސަން ނީލަން ކުންފުނިން މި ސިޓީ ވިއްކާލީ ވަރަށް ވާދަވެރި ބީލަމެއްގައި އެމެރިކާގެ އަމިއްލަ ފަރުދަކަށެވެ. މި ސިޓީ ވިއްކާލިކަން ކަށަވަރުކޮށްދިނީ ހޮނިހިރު ދުވަހުއެވެ.

ޓައިޓެނިކް އުޅަނދު އައިސްފަރުބަދައަކާ ޖެހި ހަލާކުވުމުގެ ދުވަސްކޮޅެއް ކުރިން، 1912 ވަނަ އަހަރުގެ އޭޕްރީލް 10 ވަނަ ދުވަހު ސައުތެމްޕްޓަންއިން ކާނަލް ގްރޭސީ ލިޔުއްވި މި ސިޓީ ފޮނުއްވީ އުޅަނދު ކުއީންސްޓައުން (މިހާރުގެ ކޯކް) އަށް ދަތުރުކުރަމުންދަނިކޮށެވެ. މިއީ އުޅަނދު ހަލާކުވުމުގެ ކުރިން ހުއްޓުނު ދެ ތަނުގެ ތެރެއިން އެއް ތަނެވެ.

ފުރަތަމަ ދަރަޖައިގެ ފަސިންޖަރެއް ކަމުގައިވާ ގްރޭސީ، އޭރު 54 އަހަރުގެ އުމުރުގައި، އުޅަނދާ މެދު ކުޑަކޮށް އުއްމީދީ ރޫޫހެއްގައި ވިދާޅުވެފައިވަނީ "މިއީ ރީތި އުޅަނދެއް، އެކަމަކު އަހަރެންގެ ދަތުރު ނިމެންދެން މި އުޅަނދާ މެދު ފާޑެއް ނުކިޔާނަން" މި ބަސްތައް އިތުރު މާނައެއް ލިބިގެންދިޔައީ އޭގެ ދުވަސްކޮޅެއް ފަހުން، އޭޕްރީލް 15 ގެ ފަތިހު ޓައިޓެނިކް އައިސްފަރުބަދައަކާ ޖެހި ހަލާކުވެ، 1،500 އެއްހާ މީހުން މަރުވުމުންނެވެ.

ގްރޭސީ އަކީ މި ހާދިސާއިން ސަލާމަތްވި މީހެކެވެ. އޭނާ ފަހުން މި ކަމުގަ ވާހަކަ ލިޔުއްވާފައިވަނީ 1913 ގައި ޝާއިޢުކުރެވުނު "ދަ ޓްރޫތް އަބައުޓް ދަ ޓައިޓެނިކް" ފޮތުގައެވެ. އުޅަނދު ފެތުމުން، އޭނާ ފިނިގަދަ ކަނޑަށް ފުންމައިލައި، އަނބުރާލެވިފައި އޮތް ސަލާމަތީ ބޯޓަކާ ހަމައަށް ފަތައިގެން ގޮސް، ފަހުން އެހެން ބޯޓަކުން ސަލާމަތްކުރެވުނެވެ.

ހާދިސާއިން ސަލާމަތްވި ނަމަވެސް، ގްރޭސީގެ ހަށިގަނޑަށް ލިބުނު ގެއްލުންތަކުގެ ސަބަބުން އޭނާގެ ސިއްހަތު ދުވަހެއް ދުވަހަކަށް ދަށަށް ދިޔައެވެ. އަދި 1912 ގެ ޑިސެމްބަރުގައި، ޓައިޓެނިކް ހާދިސާއިން ސަލާމަތްވި ފުރަތަމަ ބޮޑު މީހާގެ ގޮތުގައި އޭނާ ނިޔާވިއެވެ. މަރުވި ސަބަބު ކަމުގައި ބަޔާންކޮށްފައިވަނީ ހަކުރު ބަލީގެ ނުރައްކާތެރި އަސަރުތަކެވެ.


                    

މި ލިޔުން ކިޔާލުމުން

Ads by MSS