ސައިންސް

އަޝްވަގަންދާ : ލިބޭ ފައިދާއާ އެއްވަރަށް ބައެއް ގެއްލުންވެސް ކުރިމަތި ވެދާނެ

އަޝްވަގަންދާ : ލިބޭ ފައިދާއާ އެއްވަރަށް ބައެއް ގެއްލުންވެސް ކުރިމަތި ވެދާނެ

އަޝްވަގަންދާ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

28 އޭޕްރީލު 2025، 04:29

28 އޭޕްރީލު 2025، 04:29

ސޯޝަލް މީޑިއާގައި ފޮލޯކުރާ ފަރާތްތަކުގެ ކިބައިން، ވޭތުވެދިޔަ އަހަރު ތެރޭގައި އަޝްވަގަންދާ ކިޔާ ގަހެއްގެ ނުވަތަ ބޭހެއްގެ މައުލޫމާތު އަޅުގަނޑުމެނާ ހަމައަށްވެސް ވަނީ ފޯރާފައެވެ. މެގަން މާކްލް، ގްވިނެތް ޕަލްޓްރޯ އަދި ޖެނިފަރ އެނިސްޓަން ފަދަ މަޝްހޫރު މީހުން އަޝްވަގަންދާ ބޭނުންކުރާކަމަށް ރިޕޯޓުކުރެވިފައިވަނީ އޭގެ ހަމަޖެހުން ގެނުވައިދޭ އަސަރުތަކަށްޓަކައެވެ. 2024 ވަނަ އަހަރު ޓިކްޓޮކްގައި އަޝްވަގަންދާ އަށް 670 މިލިއަނަށްވުރެ ގިނަ ވިއުސް ލިބިފައިވާކަން ދައްކުވައިދޭ ތަފާސްހިސާބުތަކާއެކު، އަަޝްވަގަންދާ ވަނީ ސޯޝަލް މީޑިއާގައި ޓްރެންޑިންގ އެއްޗަކަށް ވެފައެވެ.

ސައިންޓިފިކް ނަމުން "ވިތާނިއާ ސޮމްނިފެރާ" ކިޔާ އަޝްވަގަންދާއަކީ އާޔުރުވޭދިކް ބޭސްވެރިކަމުގައި އެތައްހާސް އަހަރުތަކެއް ވަންދެން ބޭނުންކުރެވެމުން އައިސްފައިވާ އާންމު ގަހެކެވެ. އާޔުރުވޭދިކް ބޭސްވެރިކަމަކީ ހަށިގަނޑާއި، ސިކުނޑިއާއި އަދި ރޫޙުގެ ތާޒާކޮށް ދުޅަހެޔޮކަމާއި ސިއްޙަތު ބިނާވެގެންވާ އަސާސްއެއްކަމަށް ގަބޫލުކުރާ، އިންޑިއާގެ ޒަމާންވީ ފަރުވާދިނުމުގެ ނިޒާމެކެވެ.

އާޔުރުވޭދާ އިން އަހައްމިއްޔަތުކަން ދެނީ ގަސްގަހާގެހީގެ ބޭސްތަކާއި، ކެއުމުގެ އާދަތައް ބަދަލުކުރުމާއި، ފިޒިކަލް ތެރަޕީއާއި، މެޑިޓޭޝަނާއި އަދި ޔޯގާ ފަދަ ގުދުރަތީ ފަރުވާތައް ބޭނުންކޮށްގެން ސިއްޙަތަށް ޖުމްލަ ގޮތެއްގައި ބެލުމަށެވެ.

އެހެންނަމަވެސް، ސޯޝަލް މީޑިއާގެ ހަލަބޮލިކަމުގެ ބޭރުން، މި ގަހުގެ ފައިދާތަކާ ބެހޭގޮތުން ސައިންސްއިން ބުނަނީ ކީކޭތޯއެވެ؟

އަޝްވަގަންދާގެ މޫ ވަނީ ޒަމާންވީ ބޭސްވެރިކަމުގައި "އެޑަޕްޓޮޖެނެއްގެ" ގޮތުގައި ބޭނުންކުރެވިފައެވެ. މީގެ މާނައަކީ އެއީ މީހުންނަށް ނަފްސާނީ، ޖިސްމާނީ ނުވަތަ ކެމިކަލް ފަދަ އެކި ބާވަތުގެ ސްޓްރެސްތަކަށް ކެތްތެރިވުމަށް އެހީތެރިވެދޭ އެއްޗެއް ކަމަށް ވުމެވެ.

އަޝްވަގަންދާއާ ބެހޭގޮތުން ލިބެން ހުރި އެންމެ ސައްޚަ ހެކިތައް ދައްކުވައިދެނީ އެއީ ސްޓްރެސް އަދި ކަންބޮޑުވުން ކުޑަކޮށްދޭ އެއްޗެއްގެ ގޮތުގައެވެ. ކުދިކުދި ދިރާސާތަކެއް ބަލައިލުމުން ދައްކުވައިދެނީ އަޝްވަގަންދާއިން މީހުންގެ ސްޓްރެސް އަދި ކަންބޮޑުވުމުގެ މިންވަރު ވަރަށް ބޮޑަށް ދަށްކޮށްދޭކަމެވެ. މިއީ އޭގެ ސަބަބުން ކޯޓިސޯލް ފަދަ ސްޓްރެސް ހޯމޯންތަކަށް ކުރާ އަސަރުގެ ސަބަބުން ކަމަށް ވެދާނެއެވެ.

އަޝްވަގަންދާ އަކީ  ނިދުމުގެ ފެންވަރު ރަނގަޅުކޮށްދޭ ކަމަށް ވެސް މަޝްހޫރު އެއްޗެކެވެ. އޭގެ ސައިންޓިފިކް ނަމުގެ "ސޮމްނިފެރާ" މާނައަކީ "ނިދި ގެނުވައިދޭ" އެވެ. މިއީ އޭގެ އަސަރުތަކަށް އިޝާރާތްކުރާ ކަމެކެވެ. ބައެއް ޓްރަޔަލްތަކުން ދައްކުވައިދޭ ގޮތުގައި އަޝްވަގަންދާއިން މީހުންނަށް އަވަހަށް ނިދުމަށް އެހީތެރިވެދީ، ފުން އަދި އަރާމު ނިންޖެއް ލިބިދޭކަމެވެ. މިގޮތުން ހަށިގަނޑުގެ ހަކަތައިގެ މިންވަރު މަތިވެއެވެ.

މިއީ ނިދުމުގެ މައްސަލަ ދިމާވާ މީހުންނަށް ފައިދާ ކޮށްފާނެ އެއްޗެއްކަމުގައި ވާހަކަ ދެކެވުނަށް  މިއީ ނިދުމަށް ބޭނުންކުރާ ބޭސް ގުޅާތަކަށްވުރެ ރަނގަޅު އެއްޗެއްކަން ދައްކުވައިދޭ ހެއްކެއް ނެތެވެ.

ފަހަކަށް އައިސް، މި ގަހާ ގުޅުވައިދެވިފައިވަނީ އިތުރު ފައިދާތަކެކެވެ. ސަންސްކްރިތް ބަހުން "އަޝްވަގަންދާ" ގެ މާނައަކީ "އަހެއްގެ ވަސް" އެވެ. މިއީ އަހެއްގެ ބާރާއި ބުންވަރު ދިނުމުގެ ޤާބިލުކަން ދޭހަކޮށްދޭ ކަމެކެވެ.

އެތްލީޓުންނާއި ފިޓްނަސްއަށް ލޯބިކުރާ  މީހުންނަށް އަޝްވަގަންދާގެ ޖިސްމާނީ ޤާބިލުކަން އިތުރުކޮށްދޭ ޚާއްޞިއްޔަތުން ފައިދާ ކޮށްފާނެއެވެ. ބައެއް ދިރާސާތަކުން ދައްކުވައިދޭ ގޮތުގައި އަޝްވަގަންދާއިން ބާރު، މަސްތަކުގެ މިންވަރު އަދި ކަސްރަތުކުރާއިރު އޮކްސިޖަން ބޭނުންކުރާ މިންވަރު އިތުރުކޮށްދެއެވެ.

ފިރިހެނުންނަށް، ކުދި ދިރާސާތަކަކުން ދައްކުވައިދޭ ގޮތުގައި އަޝްވަގަންދާއިން ޓެސްޓޮސްޓެރޯން ލެވެލް މަތިކޮށްދީ، ދަރިފަނީގެ އަދަދާއި ދަރިފަނި ހަރަކާތްތެރިވާ މިންވަރު އިތުރުކޮށްދީ، ދަރިމައިވުމުގެ ޤާބިލުކަން އިތުރުކޮށްދެއެވެ. މިއީ "ޑިހައިޑްރޯއެޕިއެންޑްރޮސްޓެރޯން" (ޑީއެޗްއީއޭ) އާ ގުޅިފައިވާ ކަމެއް ކަމަށް ވެދާނެއެވެ. ޑީއެޗްއީއޭ އަކީ ހަށިގަނޑުން ގުދުރަތީގޮތުން އުފައްދާ ޖިންސީ ހޯމޯނެކެވެ. ޑީއެޗްއީއޭ ބޭނުންކުރެވެނީ ޓެސްޓޮސްޓެރޯން ފަދަ އެހެން ހޯމޯންތައް އުފެއްދުމަށެވެ. މާނައަކީ ޓެސްޓޮސްޓެރޯނަށް ސެންސިޓިވް ޕްރޮސްޓޭޓް ކެންސަރު ހުންނަ ފިރިހެނުން މި ގަސް ބޭނުންކުރުމުން ދުރުހެލިވާންވާނެ ކަމެވެ.

އަޝްވަގަންދާ ވަނީ "ކޮގްނިޓިވް ފަންކްޝަން" ރަނގަޅުކޮށްދޭ އެއްޗެއްގެ ގޮތުގައި ވެސް ފާހަގަކޮށްފައެވެ. މިސާލަކަށް ހަނދާން ގަދަކޮށްދިނުމާއި ސަމާލުކަން ދިނުން ރަނގަޅުކޮށްދޭ އެއްޗެއްގެ ގޮތުގައެވެ. "ކޮގްނިޓިވް އިމްޕެއަރމަންޓް" ހުރި އުމުރުން ދުވަސްވީ މީހުން ހިމެނޭ ކުދި ދިރާސާތަކުން ހުށަހަޅާ ގޮތުގައި އަޝްވަގަންދާއިން އޮކްސިޑޭޓިވް ސްޓްރެސް - ހަށިގަނޑުގެ ސެލްތަކަށް ގެއްލުން ދޭ ފްރީ ރެޑިކަލްސް ކިޔާ ނުރައްކާތެރި މޮލެކިއުލްތައް - އަދި އިންފްލަމޭޝަން ކުޑަކޮށްދޭ ކަމަށް ވެއެވެ. މިއީ ހަނދާން ބެހެއްޓުމާއި ވިސްނުމުގެ ކަންކަމަށް ނޭދެވޭ އަސަރުކުރާ ކަންކަމެވެ.

މީގެ އިތުރުން، ލޮންގް ކޮވިޑްގެ އަލާމާތްތައް ކަމުގައިވާ ވަރުބަލިކަމާއި ކޮގްނިޓިވް ޑިސްފަންކްޝަން - ވިސްނުމާއި، ހަނދާން ބެހެއްޓުމާއި އަދި ނިންމުންތައް ނިންމުން ފަދަ ނާޒުކު މަސައްކަތްތަކުގައި ދަތިތަކާ ކުރިމަތިވުން - ފަދަ ކަންކަމަށް އަޝްވަގަންދާ އިން ފަރުވާ ދެވިދާނެތޯ ބެލުމަށް ކްލިނިކަލް ޓްރަޔަލްތައް ކުރިއަށްދާކަމުގައި ވިޔަސް، މިހާތަނަށް މިކަމަށް ހެކިތަކެއް ލިބިފައެއް ނުވެއެވެ.

އަޝްވަގަންދާގައި "ވިތަނޮލައިޑްސް" ހިމެނޭ ގޮތަށް "ފައިޓޯކެމިކަލްސްއިން" މުއްސަނދިވެފައިވެއެވެ. "ވިތަނޮލައިޑްސް" އަކީ "ސްޓެރޮއިޑަލް ލެކްޓޯންސް" އެވެ - އެއީ އޭގެ ކެމިކަލް ސްޓްރަކްޗަރގައި ލެކްޓޯން ރިންގެއް ހިމެނޭ ގޮތަށް ސްޓެރޮއިޑްތަކާ ސްޓްރަކްޗަރަލީ އެއްގޮތް އެއްޗެހިތަކެކެވެ - މިއީ ލޭ ހޮޅިތަކުން ގްލޫކޯސް އަނބުރާ ހަށިގަނޑަށް ނެގުމަށް ސެލްތަކަށް އެހީތެރިވެދޭ އެއްޗެހި ކަމަށް ގަބޫލުކުރެވެއެވެ.

މިއިން ހެޔޮ ސިއްޙަތެއްގައި ތިބޭ މީހުންނާއި ހަކުރުބަލީގެ މީހުންގެ ލޭގައި ހުންނަ ހަކުރުގެ މިންވަރު ދަށްކޮށްދެއެވެ. އެހެންނަމަވެސް މިކަން ޔަގީންކުރުމަށް އިތުރު ބޮޑެތި ދިރާސާތައް ކުރަން ޖެހެއެވެ. ޖަނަވާރުތަކުގެ މައްޗަށް ކުރެވުނު ދިރާސާތަކުން ދައްކުވައިދޭ ގޮތުގައި ވިތަނޮލައިޑްސްއިން އިންފްލަމޭޝަން ހުއްޓުވާ ހަރަކާތްތައް އަޝްވަގަންދާއިން ދައްކުވައިދިނެވެ.

އަޝްވަގަންދާއިން ލިބިދާނެ ސިއްޙީ ފައިދާތަކެއް ހުރި ކަމުގައި ވިޔަސް، އޭގެ ގިނަ ރިސްކުތަކަކާއި ސައިޑް އިފެކްޓްތަކެއް ވެސް ހުރެއެވެ. އަޝްވަގަންދާގެ ދިގު މުއްދަތުގެ ރައްކާތެރިކަން ރަނގަޅަށް ކަށަވަރުކުރެވިފައެއް ނުވެއެވެ. ގިނަ ދިރާސާތައް ބަލާފައިވަނީ ކުރު މުއްދަތުގެ ބޭނުންކުރުމަށެވެ. އާންމު ގޮތެއްގައި 3 މަސް ދުވަހާ ހަމައަށެވެ - އެހެންނަމަވެސް ފައިދާތައް ފެންނަން ފަށަނީ ހަފްތާތަކެއް ނުވަތަ މަސްތަކެއް ފަހުންނެވެ. އެންމެ އާންމު ސައިޑް އިފެކްޓްތަކަކީ ބަނޑަށް އުނދަގޫވުމާއި މޭނުބައިކުރުމެވެ.

އަޝްވަގަންދާއިން ދިފާއި ނިޒާމަށް ބަދަލު ގެނުވާތީ، "މަލްޓިޕްލް ސްކްލެރޯސިސް " އަދި "ރިއުމެޓޮއިޑް އާތްރައިޓިސް" ފަދަ އޮޓޯއިމިއުން ބަލިތައް ހުންނަ މީހުންގެ ބައްޔަށް އިތުރު އަސަރުކޮށްފާނެއެވެ.

އަދި އަޝްވަގަންދާއިން "އިމިއުނޯސަޕްރެސަންޓްސް"، ސެޑޭޓިވްސް އަދި ތައިރޮއިޑް ހޯމޯން ބޭސްތަކާ އިންޓަރެކްޓްވުން އެކަށީގެންވެއެވެ. ދިރާސާތަކުން ދައްކާގޮތުގައި އަޝްވަގަންދާއިން ތައިރޮއިޑްގެ މަސައްކަތަށް އަސަރުކޮށްފާނެއެވެ. ޚާއްޞަކޮށް ތައިރޮއިޑް ހޯމޯންގެ މިންވަރު އިތުރުކޮށްފާނެއެވެ. އަދި ލެވޮތައިރޮކްސިން ފަދަ ތައިރޮއިޑް ބޭސްތަކާ އިންޓަރެކްޓްވެ، ބޭސް އޯވަރޑޯޒްވުމަށް މަގުފަހިވެދާނެއެވެ.

މާބަނޑު އަންހެނުންނާއި ގާތުންދޭ އަންހެނުންނަށް، ޚާއްޞަކޮށް މަތީ ޑޯޒްތަކުގައި، އަޝްވަގަންދާ ބޭނުން ނުކުރުމަށް ލަފާދެވެއެވެ. މި ގަހާ ގުޅިގެން ބައިގެންދިއުމުގެ ފުރުޞަތު އޮތުމާއެކު، މިކަމާ ގުޅޭގޮތުން ތަފާތު ހެކިތައް ހުރި ކަމުގައި ވިޔަސް، ރައްކާތެރިކަމަށްޓަކައި ބޭނުންނުކުރުން އެއީ އެންމެ ރަނގަޅުގޮތްކަމުގައި ބައެއް ސިއްޙީ މާހިރުން ދެކެއެވެ.

އެެހެންކަމުން، އަޝްވަގަންދާއަކީ ސްޓްރެސް ކުޑަކޮށްދޭ، ނިދުމަށް އެހީތެރިވެދޭ އަދި ހަކަތަ އިތުރުކޮށްދޭ އެއްޗެއްގެ ގޮތުގައި ވަރަށް ބޭނުންތެރި އެއްޗެކެވެ. 

އެހެންނަމަވެސް، ސައިންޓިފިކް ދިރާސާތައް އަދިވެސް ކުރިއަރަމުންދާ މަރުޙަލާގައި ވުމާއެކު، ފައިދާތަކާއި، ސައިޑް އިފެކްޓްތަކާއި އަދި އެންމެ ރައްކާތެރި އަދި އެންމެ ފައިދާހުރި ޑޯޒްތައް ކަށަވަރުކުރުމަށް އިތުރު ފުޅާ ކްލިނިކަލް ޓްރަޔަލްތަކެއް ބޭނުންވެއެވެ.

ތިބާގެ ދިރިއުޅުމުގެ އާދަތަކުގެ ތެރެއަށް އަޝްވަގަންދާ ވެއްދުމަށް ވިސްނާނަމަ، ޚާއްޞަކޮށް ދިގު މުއްދަތަކަށް ބޭނުންކުރުމަށް ވިސްނާނަމަ، އެންމެ ފުރަތަމަ ޞިއްޙީ ފަރުވާދޭ ފަރާތަކާ މަޝްވަރާކުރުމަކީ މުހިންމު ކަމެކެވެ. ޚާއްޞަކޮށް ކުރިން އެއްވެސް ބައްޔެއް ހުރިނަމަ ނުވަތަ އެހެން ބޭސްތަކެއް ބޭނުންކުރާނަމައެވެ.


                    


                    


                    


                    

މި ލިޔުން ކިޔާލުމުން

Ads by MSS