ޚަބަރު
ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމެނުމަށް އަމިއްލަ ވިޔަފާރިތައް ކުރިއެރުން މުހިންމު: ވަޒީރު ސަޢީދު

މެލޭޝިޔާގައި ބޭއްވުނު މޯލްޑިވްސް - މެލޭޝިޔާ އިންވެސްޓްމެންޓް ފޯރަމް ފޮޓޯ:ވުޒާރާ
ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމެނުމަށްޓަކައި އަމިއްލަ ވިޔަފާރިތައް ކުރިއަރާ ދިއުން މުހިންމުކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ މިއަދު މެލޭޝިޔާގައި ބޭއްވުނު މޯލްޑިވްސް - މެލޭޝިޔާ އިންވެސްޓްމެންޓް ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ވަޒީރު ސަޢީދު ވިދާޅުވީ، ތަރައްޤީއާއި ކުރިއަރާ ދިއުމުގައި ރާއްޖެ މިވަގުތު އޮތީ ހެޔޮ ފާލެއްގައި ކަމަށެވެ. އަދި ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުގައި 2040 ވަނަ އަހަރުގެ ކުރިން ރާއްޖެ ހިމެނުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދުުރުވިސްނުންފުޅާ އެކު ޚާއްސަ މަގުޗާޓެއްގެ ދަށުން މަސައްކަތްކުރައްވަމުން އަންނަ ކަމަށް ވަޒީރު ވިދާޅުވިއެވެ.
"މި އަމާޒަށް ވާޞިލުވުމަށް އަމިއްލަ ވިޔަފާރިތައް ކުރިއަރާ ދިއުން ވަރަށް މުހިންމު. އަމިއްލަ ވިޔަފާރިތަކަށް ކުރިއެރުން ހޯދައިދީ، ބޭރު އިންވެސްޓަރުންނަށް ރާއްޖެ ފަހިކުރުމަށް ޚާއްސަ ޤާނޫނެއް މިހާރު އެކުލަވާލާފައިވޭ،" ވަޒީރު ސަޢީދު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މެލޭޝިޔާގެ މިނިސްޓަރ އޮފް އިންވެސްޓްމެންޓް، ޓްރޭޑް އެެންޑް އިންޑަސްޓްރީ ޓެންކޫ ޒަފްރޫ ޢަބްދުލްޢަޒީޒް ވިދާޅުވީ ރާއްޖެއާއި މެލޭޝިޔާއާ ދެމެދު ކުރެވޭ ވިޔަފާރީގެ މުޢާމަލާތްތައް 2024 ވަނަ އަހަރު އޭގެ ކުރީ އަހަރަށްވުރެ 4 އިންސައްތަ އިތުރުވެފައިވާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި ދިވެހި ސަރުކާރުގެ އިސްވެރިންގެ ވަފުދެއް ގެންދަވަނީ މެލޭޝިޔާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަމުންނެވެ. މި ދަތުރުފުޅުގެ ތެރެއިން ރާއްޖެ-މެލޭޭޝިޔާ އިންވެސްޓްމެންޓް ފޯރަމް މިހާރު ފަށާފާވާއިރު، އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް މުހިންމު އެއްބަސްވުންތަކެއްގައި މިހާރު ވަނީ ސޮއިކުރައްވާފައެވެ.