ޚަބަރު
ރާއްޖޭގައި އިންވެސްޓްކުރުމަށް މެލޭޝިއާގެ ކުންފުނިތަކަށް ފަހި ފުރުސަތު އެބަހުރި : ރައީސް މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މެލޭޝިއާގައި ސްޓޭޓްމަންޓް ދެއްވަނީ ފޮޓޯ:ރައީސް އޮފީސް
ރާއްޖޭގައި އިންވެސްޓްކުރުމަށް މެލޭޝިއާގެ ކުންފުނިތަކަށް ފަހި ފުރުސަތުތަކެއް އެބަހުރިކަމަށާއި ރާއްޖޭގައި އިންވެސްޓްކޮށްގެން މެލޭޝިއާގެ ކުންފުނިތަކަށް ގިނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ ، ރާއްޖޭގައި ހުރި އިންވެސްޓްމަންޓުތަކާ ގުޅޭ މަޢުލޫމާތު މެލޭޝިއާގެ އިންވެސްޓަރުންނާ ހިއްސާކުރުމަށް ބޭއްވި ބިޒްނަސް ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް މުޢިއްޒު ވިދާޅުވީ މިސަރުކާރުން މެލޭޝިއާއާއެކު ދޭދޭ ގުޅުމުގެ އިތުރުން އިޤްތިޞާދީ ގުޅުންވެސް ބަދަހިކުރަން ތައްޔާރަށް ތިބި ކަމަށެވެ. އަދި ދެ ޤައުމުގެ ގުޅުމަކީ އިތުބާރާއި ދެ ޤައުމުން ގަބޫލުކުރާ ހަމަތަކުގެ މައްޗަށް ބިނާވެފައިއޮތް ގުޅުމެއް ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
2040 ވަނަ އަހަރާ ހަމައަށް ރާއްޖެއަކީ ތަރައްޤީވެފައި އޮތް ޤައުމަކަށް ހެދުމަށް މަސައްކަތްތަކެއް ފައްޓަވާފައިވާކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ މިކަމުގައި އެކި ޤައުމުތަކުގެ އެހީތެރިކަން ބޭނުންވާކަމަށެވެ. އެގޮތުން، ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާއި، މެރިޓައިމް ދާއިރާ، އެއަރޕޯޓް ތަރައްޤީ ކުރުން އަދި އިއާދަކުރަނިވި ހަކަތައިގެ ދާއިރާތަކުގައި އިންވެސްޓްމަންޓް ފުރުސަތުތައް ހުރިކަން ރައީސް ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ރިއަލްއެސްޓޭޓް، ފަތުރުވެރިކަން، ޕޯޓް ލޮޖިސްޓިކްސް، މެރިކަލްޗަރ އަދި ވެލިއު އެޑެޑް އެކްސްޕޯޓްސް ފަދަ ދާއިރާތަކުންވެސް އިންވެސްޓްކުރުމުގެ ފުރުސަތުތައް ހުޅުވާލާފައިވާކަން ރައީސް މުޢިއްޒު ފާހަގަކުރެއްވިއެވެ. އަދި ސްޕެޝަލް އިކޮނޮމިކް ޒޯންގެ ތެރެއިންވެސް ޚާއްޞަ ފުރުސަތުތަކެއް ހުޅުވާލާފައިވާކަމަށް ވިދާޅުވިއެވެ.
ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ މިދިޔަ އަހަރު ތަސްދީޤުކުރެވުނު ފޮރިން އިންވެސްޓްމަންޓް ޤާނޫނުގެ ސަބަބުން ރާއްޖޭގައި އިންވެސްޓްކުރާ ފަރާތްތަކަށް ރައްކާތެރިކަން ކަށަވަރުވެފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ޖިއޮގްރަފިކް ލޮކޭޝަންގެ ސަބަބުން މެރިޓައިމް އަދި ލޮޖިސްޓިކް ދާއިރާއިން ގިނަ ފުރުސަތުތައް ހުރިކަމާއި، ފަތުރުވެރިކަމުގެ ދާއިރާއަކީވެސް އިންވެސްޓަރުންނަށް ފައިދާވާނެދާއިރާއެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.