ޚަބަރު
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ދަޢުވަތުއަރުވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަދި މެލޭޝީއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ފޮޓޯ:ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ މެލޭޝިޔާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެ ޤައުމާއި ރާއްޖެއާ ދެމެދު ބޭއްވި ރަސްމީ މަޝްވަރާ ބައްދަލުވުންތަކަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ރާއްޖެ ވަޑައިގަތުމަށް ދައުވަތު އަރުވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ދެއްވި ސްޓޭޓްމެންޓުގައި މެލޭޝިޔާއަށް ވަޑައިގަތުމުން އެ ޤައުމުން ދެންނެވި ހޫނު މަރުޙަބާއަށް ޝުކުރު އަދާކުރެއްވިއެވެ. އަދި މެލޭޝިޔާއާއެކު ސިޔާސީ ގޮތުން ގުޅުން ބަދަހިކުރިތާ މިވީ 57 އަހަރުގެ ތެރޭގައި އެ ޤައުމުން ރާއްޖެއަށް ވެފައިވާ އެހީތެރިކަން ފާހަގަކުރައްވައި، ޝުކުރު އަދާކުރެއްވިއެވެ.
މީގެއިތުރުން މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ވަނީ މަޝްވަރާ ކުރެވުނު ކަންކަން ފުރިހަމައަށް ތަންފީޒުކުރެއްވުމަށް މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.އަދި ޔަހޫދީ ދައުލަތުގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެނުވެވޭގޮތަށް ޤާނޫނަށް ގެނައި އިސްލާހާ ގުޅިގެން މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް ތަޢުރީފުކުރެއްވިއެވެ.
މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް ވިދާޅުވީ، ފަލަސްޠީނާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަދި ދިވެހި ދައުލަތުން ގެންގުޅުއްވާ ސިޔާސަތަކީ ހިތްވަރު ގަދަ ސިޔާސަތެއް ކަމަށެވެ. އަދި އެ މައްސަލައިގައި މެލޭޝިއާއާއި ރާއްޖޭންވެސް ގެންގުޅުއްވަނީ އެއް ސިޔާސަތެއް ކަމަށްވެސް ވިދާޅުވިއެވެ.
ދެ ޤައުމުގެ ވެރިންނާއެކު ކުރިއަށްގެންދިޔަ މަޝްވަރާތަކުގައި މުހިންމު ގިނަ ދާއިރާތަކަކުން ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރެއްވިއެވެ. އެ ގޮތުން ޞިއްޙީ ދާއިރާއާއި ފަތުރުވެރިކަމުގެ ދާއިރާއާއި ކުޅިވަރާއި ފައިނެންޝަލް ސަރވިސަސްގެ ދާއިރާގެ އިތުރުން ޑިޕްލޮމެޓުން ތަމްރީންކުރުމާ މެދު މިހާރު އެއްބަސްވުމެއްގައި ސޮއިކުރެއްވިއެވެ.އަދި އެ ނޫންވެސް އެކި ދާއިރާތަކުން ގުޅުން ބަދަހިކުރަން މަޝްވަރާކުރެވި، ގިނަ ދާއިރާތަކަކުން ގުޅުން ބަދަހިކުރުމަށް މަޝްވަރާތަކުގެ ތެރެއިން ދޮރު ހުޅުވުނުކަމަށް ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު މެލޭޝިޔާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 30 ވަނަ ދުވަހުއެވެ.