Ads by Aqeeqa Maldives

ޚަބަރު

ގުޅިފަޅުން ގޯތި ލިބުނު މީހުންނަށް އަންނަ މަހު ރަޖިސްޓްރީ ހަވާލުކުރަން ފަށަނީ

ގުޅިފަޅުން ގޯތި ލިބުނު މީހުންނަށް އަންނަ މަހު ރަޖިސްޓްރީ ހަވާލުކުރަން ފަށަނީ

ގުޅިފަޅު ފޮޓޯ: ވުޒާރާ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

28 އޭޕްރީލު 2025، 12:01

28 އޭޕްރީލު 2025، 12:01

ގުޅިފަޅުން ގޯތި ލިބުނު މީހުންގެ ރަޖިސްޓްރީ އަންނަ މަހު ހަވާލުކުރަން ފަށާނެކަމަށް އިމާރާތް ކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، ތިލަމާލެ ބްރިޖު މަޝްރޫއަށް ގުޅިފަޅު ބޭނުންކުރަމުންދާތީ ގޯތި ހަވާލުކުރުމުގައި ލަސްތަކެއް އައިސްފައިވާ ކަމަށެވެ. ނަމަވެސް، ޕްލޭނަށް ބަދަލު ގެނެސް ވީހާވެސް ގިނަ ބަޔަކަށް އަވަހަށް ގޯތި ހަވާލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ މޭ މަސް ތެރޭގައި އަޅުގަނޑުމެން ގުޅިފަޅުގެ ރަޖިސްޓްރީތައް އެ ފަރާތްތަކަށް އެ ގޯތި ކަނޑައެޅިގެން އެނގޭ ގޮތަށް ހަވާލުކުރަން ފަށާނަން،" ވަޒީރު ވިދާޅުވިއެވެ.

ވަޒީރުގެ ވާހަކަފުޅުގައި، ގުޅިފަޅުން މިހާރު ހިއްކާފައި އޮތް ބިމަށް ގާތްގަނޑަކަށް 200 މިލިޔަން ޑޮލަރު ޚަރަދުކޮށްފައިވާ ކަމަށާއި، އަސާސީ ޚިދުމަތްތައް ޤާއިމްކުރުމަށް އިތުރު 400 މިލިޔަން ޑޮލަރު ޚަރަދުވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވިދާޅުވިއެވެ. މި މަސައްކަތް ބަޔަކާ ހަވާލުކޮށްފައިވާ ކަމަށާއި، ފައިނޭންސް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ގުޅިފަޅުގެ އައު ލޭންޑް ޔޫސް ޕްލޭންގައި ބިމުގެ 21 އިންސައްތަ ކަނޑައަޅާފައިވަނީ ޕާކުތަކަށާއި ގްރީން ސްޕޭސްތަކަށެވެ. އަދި މީހުން ދިރިއުޅޭ ސަރަހައްދުތަކުން ސްކޫލުތަކާއި ހުންނަނީ 10 މިނެޓުން ހިނގާފައިވާ ދެވޭވަރުގެ ދުރުމިނެއްގައެވެ. މިސްކިތްތަކާ ދެމެދު ހުންނަނީ 5 މިނެޓުން ހިނގާފައި ދެވޭވަރުގެ ދުރުމިނެއްގައެވެ. މުޅި ގުޅީފަޅުގައި ވެހިކަލް ޕާކުކުރުމަށް 70،000 ޕާކިން ސަރަހައްދު ކަނޑައަޅާފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ގުޅިފަޅުން ގޯތި ލިބުނު މީހުންނަށް ލިބޭ ބިން ކަނޑައެޅުމުގެ ގުރުއަތުލުން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ވަނީ ކުރިއަށްގެންގޮސްފައެވެ. ގުޅިފަޅުން 7 ސައިޒެއްގެ ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by MSS