ޚަބަރު
ރާއްޖެ މައްކާ ރޫޓް އިނީޝިއޭޓިވްގައި ހިމެނުމަށް ސަޢުދީ ސަރުކާރުގައި އެދިއްޖެ

ރާއްޖެެއިން މައްކާއަށް ދަތުރުކުރާ ބައެއް ފަރާތް ފޮޓޯ:އެޓޯލް ޓައިމްސް
ރާއްޖޭގެ ޙައްޖުވެރިންނަށް ލުއިފަސޭހަ ކުރުމަށްޓަކައި، މައްކާ ރޫޓް އިނީޝިއޭޓިވްގައި ރާއްޖެ ހިމަނައިދެއްވުމަށް އެދި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ސަޢުދީ އަރަބިއްޔާގެ ޙައްޖު މިނިސްޓްރީއަށް ހުށަހަޅައިފިއެވެ. މި މަޢުލޫމާތު ހާމަކުރެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ.
ޑރ. ޝަހީމް ވިދާޅުވިގޮތުގައި، މައްކާ ރޫޓް އިނީޝިއޭޓިވްގައި ރާއްޖެ ހިމެނިއްޖެނަމަ، ރާއްޖޭގެ ޙައްޖުވެރިންނަށް ސައުދީ ޢަރަބިއްޔާގެ ޖިއްދާ އެއަރޕޯޓްގައި މަޑުކުރާކަށް ނުޖެހޭނެއެވެ. އޭގެ ބަދަލުގައި، ޙައްޖުވެރިން ސީދާ ހޮޓަލަށް ދެވޭނެއެވެ. އަދި ޙައްޖުވެރިން އަމިއްލަ ޤައުމުން ފުރާނީ ސައުދީ އެއަރޕޯޓްގައި ކުރަންޖެހޭ ކަންކަންވެސް ކޮށްގެންކަމަށް ވަޒީރު ވިދާޅުވިއެވެ.
މިހާތަނަށް މައްކާ ރޫޓް އިނީޝިއޭޓިވްގައި ބައިވެރިވުމުގެ ފުރުޞަތު ލިބިފައިވަނީ ޖުމުލަ 7 ޤައުމަކަށްކަން ފާހަގަކުރައްވައި، ވަޒީރު ޑރ. ޝަހީމް ވިދާޅުވީ ރާއްޖެއަށްވެސް މި ފުރުޞަތު ލިބޭނެކަމަށް އުންމީދުކުރައްވާ ކަމަށެވެ. އަދި ޙައްޖުވެރިންނަށް ލުއި ފަސޭހަ ގޮތްތައް ހޯދައި ދިނުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މައްކާ ރޫޓް އިނީޝިއޭޓިވްއަކީ 2017 ވަނަ އަހަރު ސަޢުދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް އިންޓީރިއާއިން ތަޢާރަފުކުރި ޚިދުމަތެކެވެ. މި ޚިދުމަތުގެ މަޤްޞަދަކީ އަޅުކަމަށް ސަޢުދީ ޢަރަބިއްޔާއަށް އެތެރެވާ ފަރާތްތަކަށް ލުއިފަސޭހަ ކުރުމެވެ.