ޚަބަރު
މެލޭޝިޔާއާއެކު ބޭއްވި މަޝްވަރާތަކުން ގިނަ ދާއިރާތަކަކުން ގުޅުން ބަދަހިކުރުމުގެ ދޮރުތައް ހުޅުވިގެންދިޔަ : ރައީސް މުޢިއްޒު

ރައީސް މުޢިއްޒާއި މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ފޮޓޯ:ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މެލޭޝިޔާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، މެލޭޝިޔާއާއެކު ބޭއްވި މަޝްވަރާތަކުން ގިނަ ދާއިރާތަކަކުން ގުޅުން ބަދަހިކުރަން ދޮރުތައް ހުޅުވުނު ކަމަށް ވިދާޅުވެއްޖެއެވެ. މި ދަތުރުފުޅުގައި ބޭއްވުނު ރަސްމީ މަޝްވަރާ ބައްދަލުވުންތަކަށްފަހު، ރައީސް މުޢިއްޒާއި މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ވަނީ ޖޮއިންޓް ޕްރެސް ސްޓޭޓްމެންޓެއް ދެއްވާފައެވެ.
ރައީސް މުޢިއްޒު ދެއްވި ސްޓޭޓްމެންޓުގައި، މެލޭޝިޔާއާއެކު ސިޔާސީ ގޮތުން ގުޅުން ބަދަހިކުރިތާ 57 އަހަރުގެ ތެރޭގައި އެ ޤައުމުން ރާއްޖެއަށް ވެފައިވާ އެހީތެރިކަން ފާހަގަކުރައްވައި، ޝުކުރު އަދާކުރެއްވިއެވެ. އެގޮތުން، ދިވެހިން ތަމްރީނުކުރުމަށް މެލޭޝިޔާއިން ދެއްވާފައިވާ އެހީތެރިކަމާއި، މިހާރުވެސް 600 އަށްވުރެ ގިނަ ސްކޮލަރޝިޕް މެލޭޝިޔާގައި ކިޔެވުމަށް އެވޯޑުކޮށްފައިވާކަން ފާހަގަކުރެއްވިއެވެ.
މި ދަތުރުފުޅުގައި ދެ ޤައުމުގެ ވެރިންނާއެކު ކުރިއަށްގެންދިޔަ މަޝްވަރާތަކުގައި ޞިއްޙީ ދާއިރާ، ފަތުރުވެރިކަމުގެ ދާއިރާ، ކުޅިވަރު، ފައިނޭންޝަލް ސަރވިސަސް އަދި ޑިޕްލޮމެޓުން ތަމްރީނުކުރުމުގެ ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރެވުނު ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން، ޑިފެންސް، އިންފޮމޭޝަން ޓެކްނޮލޮޖީ، އާޓިފިޝަލް އިންޓެލިޖެންސް އަދި ސައިބަރ ސެކިއުރިޓީގެ ދާއިރާތަކުންވެސް ގުޅުން ބަދަހިކުރުމަށް ބޭނުންވާކަން ފާހަގަކުރެއްވިއެވެ.
ރާއްޖޭގައި އިންވެސްޓްކުރެވެން ހުރި ފުރުޞަތުތަކާ ބެހޭގޮތުން މެލޭޝިޔާގެ އިންވެސްޓަރުންނަށް މަޢުލޫމާތު ފޯރުކޮށްދިނުމުގެ މުހިންމުކަންވެސް ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން، ސްޕެޝަލް އިކޮނޮމިކް ޒޯން، ރާއްޖޭގެ ޑިޖިޓަލް އަދި މެރިޓައިމް އިކޮނޮމީ، އަދި ފައިނޭންޝަލް ސަރވިސަސްތަކުގައި އިންވެސްޓްކުރުމަށް އޮތް ފުރުޞަތުތަކާ ގުޅޭ މަޢުލޫމާތު ފޯރުކޮށްދެވޭނެ ކަމަށް ވިދާޅުވިއެވެ.
ރައީސް މުޢިއްޒުގެ މި ދަތުރުފުޅު ނިންމަވާލެއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 30 ވަނަ ދުވަހުއެވެ. މި ދަތުރުފުޅުގައި ރައީސް ވަނީ މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމަށް ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަތުމަށް ދަޢުވަތު ދެއްވާފައެވެ.