ޚަބަރު
މެލޭޝިއާގެ ބޮޑުވަޒީރު ރައީސް މުޢިއްޒު ޔަހޫދީ ޕާސްޕޯޓް މަނާކުރެއްވި ހިތްވަރުގަދަ ނިންމެވުމަށް ތަޢުރީފުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މެލޭޝިއާގައި ފޮޓޯ:ރައީސް އޮފީސް
ޔަހޫދީ ދައުލަތުގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެނުވެވޭގޮތަށް ޤާނޫނަށް ގެނައި އިސްލާހާ ގުޅިގެން މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް ތަޢުރީފު ކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މެލޭޝިއާއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ދެ ޤައުމުގެ ދެމެދުގައި ވެވުނު އެއްބަސްވުންތަކަށްފަހު ވާހަކަފުޅު ދައްކަވަމުން މެލޭޝިއާގެ ބޮޑުވަޒީރު މި ތަޢުރީފު ކުރެއްވިއެވެ.
"ފަލަސްޠީނާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަދި ދިވެހި ދައުލަތުން ގެންގުޅުއްވާ ސިޔާސަތަކީ ހިތްވަރު ގަދަ ސިޔާސަތެއް. އެ މައްސަލައިގައި މެލޭޝިއާއާއި ރާއްޖޭންވެސް ގެންގުޅުއްވަނީ އެއް ސިޔާސަތެއް،" މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް ވިދާޅުވިއެވެ.
މެލޭޝިއާގެ ބޮޑުވަޒީރު އިތުރަށް ވިދާޅުވީ، ޔަހޫދީ ދައުލަތަކީ ދައުލަތެއްކަމަށް މެލޭޝިއާއިން ގަބޫލުނުކުރާ ކަމަށެވެ. އެގޮތަށް ނިންމެވީ އިންސާނީ ޙައްގުތަކަށް އިހުތިރާމު ނުކުރާތީއާއި ބައިނަލްއަގުވާމީ އެއްބަސްވުންތަކާ ޚިލާފުވާތީ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެއީ ފަލަސްޠީނުގައި، ޚާއްސަކޮށް ޣައްޒާގައި ޒަޔަނިސްޓުން ހިންގަމުންދާ ގަތުލުއާންމާ ދެކޮޅުހެދުމުގެ ގޮތުން ނިންމަވާފައިވާ ނިންމެވުމެއް ކަމަށްވެސް މެލޭޝިއާގެ ބޮޑުވަޒީރު ވިދާޅުވިއެވެ.
ޔަހޫދީ ދައުލަތުގެ ޕާސްޕޯޓު މަނާކޮށް، ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނަށް ގެނައި އިޞްލާހު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރެއްވީ މި މަހުގެ 15 ވަނަ ދުވަހުއެވެ. މިއީ ޔަހޫދީ ޒަޔަނިސްޓް ދައުލަތުން ފަލަސްޠީނުގެ ދަރިފަސްކޮޅު ނައްތައިލުމަށް ހިންގަމުންދާ ލާއިންސާނީ ޢަމަލުތަކާއި ގަތުލުއާންމާ ދެކޮޅަށް ދިވެހިރާއްޖެއިން ފިޔަވަޅުއެޅުމުގެ ގޮތުން ސަރުކާރުގެ ފަރާތުން ޤާނޫނަށް ގެނައި އިސްލާހެކެވެ.
ރައީސް ޑރ. މުޢިއްޒުއާއި ސަރުކާރުން ދަނީ ބައިނަލްއަގުވާމީ އެކި މަންސަތަކުގައި ފަލަސްޠީނުގެ އުޚުއްވަތްތެރި ރައްޔިތުންގެ ޙައްޤުގައި ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން، 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކާ އެއްގޮތްވާ ގޮތުގެ މަތީން، އިރުމަތީ ޤުދުސްއަކީ ވެރިރަށްކަމަށް ކަނޑައަޅައި، ފަލަސްޠީނުގައި މިނިވަން ދައުލަތެއް ޤާއިމުކުރުމަށާއި އދ.ގެ ފުރިހަމަ މެންބަރުކަން ފަލަސްޠީނަށް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ގޮވައިލައްވައިފައެވެ.
މި ބައްދަލުވުމުގައި ދެ ޤައުމުގެ މެދުގައި އިތުރު އެއްބަސްވުންތަކެއްވެސް ވަނީ ސޮއިކުރެވިފައެވެ. މީގެ ތެރޭގައި ވިޔަފާރި، ފަތުރުވެރިކަން އަދި ތަޢުލީމީ ދާއިރާގައި އެއްބާރުލުން އިތުރުކުރުމަށް އެއްބަސްވެވުނު ކަމަށް ދެ ޤައުމުގެ އިސްވެރިން ވިދާޅުވިއެވެ.
ރައީސް ޑރ. މުޢިއްޒު މެލޭޝިއާއަށް ކުރައްވާ މި ދަތުރުފުޅަކީ އެމަނިކުފާނު ރައީސްކަމާ ހަވާލުވެވަޑައިގަތުމަށްފަހު ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. މި ދަތުރުފުޅުގައި ރައީސް ޑރ. މުޢިއްޒު ވަނީ މެލޭޝިއާގެ ރަސްގެފާނު އަލްސުލްތާން އަބްދުﷲ ރިޢާޔަތުއްދީން އަލްމުސްތަފާ ޝާހާވެސް ބައްދަލުކުރައްވައިފައެވެ.