ކޮލަމް
ތަޙުޤީޤީ ނަޒަރަކުން ބަލާނަމަ މަޢުލޫމާތު ހާމަކުރާނީ ކޮން ވަގުތަކު؟

ތަޙުޤީޤީ މަރުހަލާގައި މަޢުލޫމާތު ހާމަކުރުމަކީ ސަމާލުކަންދޭންޖެހޭ ކަމެއް، ފޮޓޯ: އިންޓަނެޓް
މަޢުލޫމާތު ހާމަކުރުމަކީ މުހިންމު އަދި އެހާމެ ބޭނުންތެރި ކަމެކެވެ. އަދި މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤަކީ ޚިޔާލުފާޅުކުރުމުގެ ޙައްޤާ ގުޅިފައިވާ އަދި ރައްޔިތުންގެ ވެރިކަމެއް ކުރުމުގެ އެންމެ މުހިންމު އެއް އަސާސެވެ. އެ ސަބަބުތަކަށްޓަކައި މަޢުލޫމާތު ހޯދާ ލިބިގަތުން މިހާރު ވެގެންގޮސްފައި މިވަނީ އިންސާނީ ހައްޤަކަށެވެ.
ޒަމާނީ ޓެކްނޮލޮޖީ އާއި އިންޓަނެޓްގެ ލުއިފަސޭހަކަމާއެކު، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ބޭނުން ހިފުމުގެ ދާއިރާ މިހާރު މިއޮތީ ވަރަށް ބޮޑަށް ފުޅާވެފައެވެ. މަޢުލޫމާތު ހޯދުމާއި މަޢުލޫމާތު ފެތުރުމުގެ ވަސީލަތްތައް ވެސް އެތައް ގުނައެއް އިތުރުވެ، ފުރިހަމަ ތެދު މަޢުލޫމާތަށްޓަކައި ރައްޔިތުން ގޮވާ ގޮވުމުގެ އަޑުތައް ވެސް ކުރިއަށް ވުރެ އެތައް ގުނައަކަށް މިވަނީ ގަދަވެފައެވެ.
އިޖުތިމާޢީ ގޮތުން ޤައުމަށް އަންނަ ބަދަލުތަކާއި، ސިޔާސީ ގޮތުން ޤައުމަށް ކުރިމަތިވާ ލޮޅުންތަކާ އަދި އިޤުތިޞާދީ ގޮތުން ޤައުމަށް ކުރިމަތިވަމުން އަންނަ ކޮންމެ ގޮންޖެހުމެއްގެ މިސްރާބު ޔަޤީން ކުރުމަށް ތެދު މަޢުލޫމާތަކީ ރައްޔިތުންނަށް މުހިންމު އެއްޗެކެވެ. އެހެނީ ތެދު މަޢުލޫމާތަކީ، ޙާލަތަށް ރަގަޅަށް ހޭލުންތެރިވެ ތިބުމުގެ އަސްލެވެ. ނަމަވެސް ސޯޝަލް މީޑިއާގެ އެކި މަންސަތައް މެދުވެރިކޮށް ފަތުރާ ގިނަ މަޢުލޫމާތުތަކާއެކު، ގިނަ ފަހަަރަށް ތެދު ޙަޤީޤަތުގެ ކުރިމަތީގައި ފަރުދާއެއް ދެމިފައި ހުންނަކަމީ އިންތިހާއަށް ހިތާމަކުރަންޖެހޭ ކަމެކެވެ.
މަޢުލޫމާތު ހޯދުމާއި ލިބިގަތުން ތަންމިނަށް ހުޅުވިފައި އޮތް މިފަދަ ޒަމާނެއްގައި، ތަންފީޒީ އަދި ތަޙުޤީޤީ އިދާރާތަކުގެ މަސައްކަތްތަކާގުޅޭ ބައެއް މަޢުލޫމާތު ހާމަކުރުމުގައި، ވިސްނުންތެރިކަން އިސްކުރަން ސަމާލުކަންދޭންޖެހެއެވެ. ހާމަކުރެވޭ މަޢުލޫމާތެއްގެ ގޮތުން، ނުވަތަ މަޢުލޫމާތު ހާމަކުރެވޭ މިންވަރެއްގެ ސަބަބުން، ނުވަތަ މަޢުލޫމާތު ހާމަކުރެވޭ ވަގުތެއްގެ ގޮތުން، ޤާނޫނު ތަންފީޒު ކުރުމަށް ކޮނޑުގައި އެޅިފައި އޮތް ޒިންމާ އަމާންކަމާއެކު އަދާކުރުމުގެ ފުރުސަތު ހޯދުމުގައި ގޮންޖެހުންތަކެއް ކުރިމަތިވެދާނެއެވެ. މިފަދަ ކަންކަމުން ސަލާމަތްވެ ތިބުމަށް، އެފަދަ އިދާރާތަކުން މަޢުލޫމާތު ހާމަކުރާ ހާލަތާއި، މިންވަރާއި އަދި ވަގުތަށް ވިސްނުންތެރިކަމާއެކު ސަމާލުވުމަކީ މުހިންމު ކަމެކެވެ.
ޤާނޫނީ އޮނިގަނޑެއްގެ ތެރެއިން ހާމަކަން ބޮޑު ގޮތެއްގައި އާންމު ރައްޔިތުންނަށް ޚިދުމަތްކުރުމުގެ ޒިންމާ އަދާކުރަމުންދާއިރު، ތަޙުޤީޤީ އަދި ތަންފީޒީ އިދާރާތަކުން މިކަން މިގޮތަށް ކުރުމުގައި ރަގަޅަށް ސަމާލުނުވެއްޖެނަމަ، ހެކި ނައްތާލުމާއި، ހެކިވެރީންނަށް ނުފޫޒު ފޯރުވުމާއި އަދި ކަމާގުޅުންހުރި ފަރާތްތަކުގެ ފުރާނައަށް ނުރައްކާވުމަކީ އެކަށީގެންވާ ކަންކަމެކެވެ.
ޖިނާއީ ކުށްތައް ތަޙުޤީޤު ކުރުމަށް ބޮޑެތި އިދާރާތަކުގައި މަސައްކަތްކޮށްފައިވާ އަދި ކުރަމުން އަންނަ މާހިރުން ހާމަކުރާ ގޮތުގައި، މައްސަލައެއްގެ ތަޙުޤީޤުގެ ކުރީކޮޅު އެ މައްސަލައަކާ ގުޅޭ މުހިންމު މަޢުލޫމާތެއް އާންމު ކުރުމަކީ، އެކަމުން ލިބެން އޮތް ފައިދާއަކަށް ވުރެ ބޮޑު ގެއްލުމެއް ކުރިމަތިވެދާނެ ކަމެކެވެ. އެގޮތުން، މިފަދަ ކަމެއްގެ ސަބަބުން މައްސަލައިގެ ހަޤީޤަތް ހޯދުމަށް ކޮށެމުންދާ މަގު އެއްކޮށް ބަންދުވެ، މައްސަލަ ކުރިޔަށް ގެންދެވޭ ގޮތް ނުވުމާއި، އަދި އެ ހިސާބުން ތަޙުޤީޤު ކުރިޔަށް ނުގެންދެވި، އިންސާފު ޤާއިމު ކުރުމަށް ނުކުޅެދޭ ޙާލަތެއް މެދުވެރިވުން ގާތެވެ. އެއީ އޭރުން ހެކި ނައްތާލުމުގައި ސަމާލުކަން ދޭންވީ ދާއިރާ އެނގި، ކުށުގައި ތުޙުމަތު ކުރެވޭ ފަރާތްތަކަށް ތަޙުޤީޤުގެ ކޮންޓްރޯލް ލިބުން ފަދަ ކަމެކެވެ.
މީގެ އިތުރުން، އާންމުންނަށް ދޫކޮށްލެވޭ މަޢުލޫމާތެއްގެ ސަބަބުން، ތަކުރާރުކޮށް މައްސަލައިގެ ތަފާތު ރިޕޯޓުތަކާއި، ވާހަކަތަކާއި، މީހުންގެ ޤަބޫލުކުރުންތައް އަޑު އިވުނު ވަރަކަށް، މައްސަލައިގެ ހެކިބަސް ދޭންތިބި މީހުން، ހާދިސާގައި ސީދާ ކަން ހިނގާދިޔަ ގޮތްތައް ތަރުތީބުން ހަނދާން ކުރުމަށް އުނދަގޫތައް ކުރިމަތިވެދާނެކަމަށް ފޮރެންސިކް ސައިކޮލޮޖިސްޓުން ހާމަކުރެއެވެ. މި ހާލަތައް އިޝާރާތްކޮށް ބުނެ އުޅެނީ "މެމޮރީ ކޮންޓެމިނޭޝަން" އެވެ.
ފޮރެންސިކް ސައިކޮލޮޖިސްޓެއް ކަމުގައިވާ ޑރ. މޭގަން ޓެއިލާރ ހާމަކޮށްފައިވާ ގޮތުގައި، އެއް ވާހަކައެއް އެކިގޮތްގޮތަށް ތަކުރާރުކޮށް އަޑު އިވެމުންދާނަމަ، އެމީހެއްގެ ގަސްތަކާނުލައި އަޑު އިވޭގޮތަށް ބައެއް ކަންކަން އޭނާގެ ސިކުނޑީގައި ހަރުލާނެއެވެ. އެހެންކަމުން މިފަދަ ހާލަތްތަކުގައި، ކޯޓުގައި ހެކިބަސް ދިނުމުގައި ހެކިންނަށް ވާހަކަދެއްކޭ ގޮތުން އެމީހުންގެ ބަސް ތެދުކުރަން އުނދަގޫވެދާނެކަމަށް ޑރ. މޭގަން ފާހަގަ ކުރެއެވެ.
ތަޙުޤީޤުގެ ކުރީކޮޅު މުހިންމު މަޢުލޫމާތު އާންމުކުރުމުން ތަޙުޤީޤަށް ދެން ކުރިމަތިވެދާނެ ގޮންޖެހުމަކީ، މީޑިއާ ތަކުންނާއި، އާންމު ފަރާތްތަކުން އެ މީހުންގެ ރަޢުޔަށް ބިނާކޮށް މައްސަލަ ތަޙުޤީޤު ކުރަން ފެށުމެވެ. އެއީ އެ ފަރާތްތަކަށް ނުވަތަ މީހުންނަށް ލިބެން ހުރި މަޢުލޫމާތެއް ބޭނުންކޮށްގެން، އެ ބައެއްގެ ހޯދުންތަކުގެ އަލީގައި ބައެއްކަންކަން ސޯޝަލް މީޑިއާފަދަ މަންސަތަކުގައި ހާމަކުރަމުން ދިއުމެވެ. މިސާލަކަށް މައްސަލައެއްގައި ހިމެނޭ ފަރާތަކާ ގުޅޭ ޒާތީ މަޢުލޫމާތެއް، މައްސަލައެއް ނިމުމުގެ ކުރިން ހާމަކުރުމުން އެ މަޢުލޫމާތު ރައްދުވާ ފަރާތަށާއި އެ ފަރާތުގެ ޢާއިލާއަށް ބަރުދާސްތުކުރަން އުނދަގޫ ކަންކަމާ ދިމާވެއެވެ.
ޤާނޫނީ ކަންކަން އެނަލައިޒް ކުރަމުން އަންނަ މާހިރަކު ހާމަކޮށްފައިވާ ގޮތުގައި، މައްސަލައެއް ނިމުމުގެ ކުރިން، ކުށްވެރިޔާކަމަށް ބެލެވޭ ފަރާތުގެ ޒާތީ މަޢުލޫމާތެއް ތަޙުޤީޤުގެ ތެރެއިން އާންމުންނާ ހިސާބަށް ތިލަވުމަށްފަހު، މައްސަލަ ނިމޭއިރު އެމީހަކީ ވިކްޓިމްކަމުގައިވިޔަސް، މުޖުތަމަޢުގައި އޭނާއާ މެދު އެހެން މީހުން ދެކޭގޮތް ދެން ބަދަލުކުރަން އުނދަގޫވެއެވެ. އަދި މިކަމުގެ ސަބަބުން އެބައެއްގެ ތެރޭގައި އޮންނަ އަދުލު އިންސާފުގެ ނިޒާމަށް ރައްޔިތުންގެ އިތުބާރު ގެއްލޭގޮތް ވާނެއެވެ.
މީގެ އިތުރުން، ގިނަ މީހުންނަކީ ސޯޝަލް މީޑިއާގައި މަޢުލޫމާތު ހޯދާ ފެތުރުމަށް ނުހަނު ބޮޑު ޝައުގެއް ހުންނަ ބަޔަކަށްވާއިރު، ހަމަ މަޢުލޫމާތެއް ލިބުމާއެކު އެކަމުގެ ޙަޤީޤަތް ނުބަލާ އެ ވާހަކަތައް ދައުރުކުރަން ފަށައެވެ. މިކަމުގެ ސަބަބުން މައްސަލައެއްގައި ތުޙުމަތުކުރެވޭ ފަރާތްތަކާ ދެކޮޅަށް ސާބިތު ހެކި ހޯދުމުގައި އުނދަގޫވުމުގެ އިތުރުން، މުޅި މުޖުތަމަޢަށް ވެސް މިކަމުގެ ނޭދެވޭ އަސަރު ފޯރާނެއެވެ.
އެގޮތުން 2013 ވަނަ އަހަރުގެ ބޮސްޓަން މެރެތަންގައި ބޮން ގޮއްވާލި ހާދިސާއަކީ މިފަދަ މިސާލެކެވެ. އެ ހާދިސާގައި ބައެއް ބޮޑެތި ނޫސް އެޖެންސީތަކުން ބްރޭކިން ނިއުޒް ގެނެސްދިނުމުގައި އަވަސްކޮށްލުމުން، މި ހަމަލާގައި ތުހުމަތު ކުރެވޭ މީހުން އޮޅި، ބައެއް އާންމުންގެ ފުރާނައަށް ނުރައްކާވާ ޙާލަތަށް ކަންތައްތައް ގޮސްފައިވެއެވެ.
މީޑިއާ އެތިކްސްގެ ޕްރޮފެސަރެއް ކަމުގައިވާ ލައުރާ ބެންސަން ހާމަކޮށްފައިވާ ގޮތުގައި، ދޮގެއް ފެތުރުމާއެކު އޭގައި ދިރުމެއް ވާނެއެވެ. އޭގެ މާނައަކީ އެ ވާހަކަ ވައިރަހެއްހެން ފެތުރޭލެއް އަވަސްވާނެކަމެވެ. އެހެންކަމުން، ޙާއްސާކޮށް ކުއްލި ނުރައްކަލުގެ ޙާލަތްތަކުގައި މަޢުލޫމާތު ހާމަކުރުމުގެ ކުރިން އެކަމުގެ ސައްޙަކަން ޔަޤީން ކުރުމަކީ، ކުށެއް ނެތް ބައެއްގެ ފުރާނަ ސަލާމަތްކުރުންފަދަ މުހިންމު ކަމެކެވެ.
ކަންމިހެން އޮތް ނަމަވެސް، މައްސަލައެއްގެ ތަޙުޤީޤުގެ ކުރީކޮޅުގައި ވިޔަސް، ބައެއް މަޢުލޫމާތު ހާމަކުރުމަކީ އެ މައްސަލައެއް ޙައްލު ކުރުމަށް އެހީވެދޭނެ ބާރުގަދަ ހަތިޔާރެކެވެ. އެހެންކަމުން، ވަކި ބާވަތެއްގެ މައްސަލައަކާ ގުޅިގެން އާންމުންގެ އެހީތެރިކަން ހޯދުމަށް، ތުޙުމަތު ކުރެވޭ މީހުންގެ ފޮޓޯ އާއި ސީސީޓީވީ ފުޓޭޖުފަދަ ތަކެތި ހަމަ އެ ދުވަހު ވެސް ހާމަކުރުވިދާނެއެވެ. އެއީ މިސާލަކަށް ތަނަކަށް ގެއްލުން ދިނުން ނުވަތަ ވައްކަމުގެ މައްސަލައެއްގައި ހިމެނޭ މީހަކު ނުވަތަ ބަޔަކު ހޯދުމުގައި ގިނަ ފަހަަރަށް އެހީވެދޭ ކަމެކެވެ. މިގޮތަށް މަޢުލޫމާތު ހާމަކުރާއިރު އެކަމުގެ މަޤުސަދަކަށް ވާންވާނީ ޚަބަރު ފަތުރާ ވަސީލަތްތައް ލިޔެލާނެ ޚަބަރެއް ދިނުމެއް ނޫނެވެ، ނަމަވެސް މައްސަލަ ޙައްލު ކުރުމަށް އާންމުންގެ އެހީ ހޯދުމެވެ.
އެހެންކަމުން މަޢުލޫމާތު ފެތުރުމުގެ ވަސީލަތްތައް އެތައްގުނައަކަށް އިތުރު މި ޒަމާނުގައި އެންމެ އުނދަގޫ އެއް ކަމަކީ ހާމަކަން ބޮޑު ގޮތެއްގައި ތަޙުޤީޤު ހިންގުމާއި، ތަޙުޤީޤާ ގުޅޭ ސިއްރު ހިފެހެއްޓުމާއި ދެމެދު ހަމަހަމަކަމެއް ގެންގުޅުމެވެ. މިއީ މި ޒަމާނުގައި ތަޙުޤީޤީ އަދި ތަންފީޒީ އިދާރާތަކަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމެވެ. ތަޙުޤީޤީ މަރުހަލާތައް އިސްކަންދޭންޖެހެނީ އިންސާފު ޤާއިމު ކުރުމަށެވެ. މިކަން އެންމެ ފުރިހަމައަށް ކުރެވޭނީ ތަޖުރިބާ އާއި ޚިދުމަތްތެރިކަމާއި ފުރިހަމަ ރޭވުންތެރިކަމާއެކުއެވެ. ބުނެވޭ އެންމެ ބަހަކުން ނުވަތަ އެެކަށޭނަ ނޫން ދަނޑިވަޅެއްގައި ހާމަކުރެވޭ ކުޑަ މަޢުލޫމާތަކުން ތަހުޤީޤަށް ބޮޑު ހުރަހެއް ކުރިމަތިވެދާނެއެވެ.
ނޯޓު: މި ލިޔުމުގެ ބައެއް މަޢުލޫމާތަކީ ޖާރނަލް ތަކުން ނަގާފައިވާ މަޢުލޫމާތެވެ. އޭގެތެރޭގައި ހިމެނެނީ ލޯ އެންފޯސްމެންޓް ޖާރނަލް (2018)، ޖާރނަލް އޮފް ލީގަލް ސައިކޮލޮޖީ (2021)، ފޮރެންސިކް ޖާރނަލް (2019)، ގްލޯބަލް މީޑިއާ އެތިކްސް ރިވިއު (2020)، ޕޮލިސިން ސްޓަޑީޒް ކުއާރޓާލީ (2019) އަދި ކޮމިއުނިޓީ ޕޮލިސިން ޖާރނަލް (2022) އެވެ.