ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މެލޭޝިއާއަށް ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މެލޭޝިއާގައި ފޮޓޯ:ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ރަސްމީ ދަތުރުފުޅެއްގައި މެލޭޝިޔާއަށް ވަޑައިގެންފިއެވެ. މިއީ މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ ދަޢުވަތަކަށް އެމަނިކުފާނު ކުރައްވާ ދަތުރުފުޅެކެވެ. އަދި މިއީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އެ ޤައުމަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

ރައީސުލް ޖުމްހޫރިއްޔާ މެލޭޝިއާއަށް ވަޑައިގެންނެވުން ފޮޓޯ:ރައީސް އޮފީސް
ރައީސް މުޢިއްޒު މެލޭޝިޔާއަށް ވަޑައިގަތުމުން، ކުއަލަލަންޕޫރު އިންޓަރނޭޝަނަލް އެއަރޕޯޓުގައި އެމަނިކުފާނަށް މަރުޙަބާ ދެންނެވީ މެލޭޝިޔާގެ ސިއްޙީ ވަޒީރު ޑރ. ހާޖީ ޛުލްކިފްލީ އަހުމަދާއި އެ ޤައުމުގެ ސަރުކާރުގެ އިސް ބޭފުޅުންނެވެ. މީގެއިތުރުން، ދިވެހިރާއްޖެއިން މެލޭޝިޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. މަރިޔަމް ޝަބީނާ އަހުމަދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ދަތުރުފުޅުގައި ރައީސް މުޢިއްޒު މެލޭޝިޔާގެ ބޮޑުވަޒީރާ ބައްދަލުކުރައްވައި ރަސްމީ މަޝްވަރާތައް ކުރިއަށް ގެންދަވާނެއެވެ. މި ބައްދަލުވުމުގައި، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާއި، ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާ މެލޭޝިއާއަށް ވަޑައިގެންނެވުން
މީގެ އިތުރުން، ރައީސް މުޢިއްޒު މެލޭޝިޔާގައި އިންތިޒާމުކުރާ ބިޒްނަސް ފޯރަމެއްގައި ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އޮފް މެލޭޝިޔާ (އައި.އައި.ޔޫ.އެމް) އަށް ޒިޔާރަތްކުރައްވައި ތަޤުރީރެއް ދެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ރައީސް މުޢިއްޒު މި ދަތުރުފުޅުގައި މެލޭޝިޔާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާވެސް ބައްދަލުކުރައްވާ، އެ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތަކާއި ކަންބޮޑުވުންތައް އަޑުއައްސަވާނެއެވެ. އަދި މެލޭޝިޔާގައި ތިބެގެން ދިވެހި އައިޑީ ކާޑާއި ޕާސްޕޯޓްގެ ޚިދުމަތް ހޯދޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވެފައިވެއެވެ.
ރައީސް މުޢިއްޒުގެ މި ދަތުރުފުޅުގައި، އެ މަނިކުފާނުގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ އިސްވެރިންގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ. މި ދަތުރު މި ދަތުރުފުޅުގެ ސަބަބުން ރާއްޖެއާއި މެލޭޝިޔާއާ ދެމެދު އޮތް ގާތް ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ރައީސް މުޢިއްޒު އުންމީދުކުރައްވައެވެ.