ޚަބަރު
ޤުރުއާން ކިޔަވައިދިނުމަށް މިސްކިތު ޤާރީ ކިލާސްތައް ހިންގަން 34 ފަރާތަކަށް ހުއްދަ ދެވިއްޖެ

މިސްކިތު ޤުރުއާން ކިލާސް ފޮޓޯ:ޕީއެސްއެމް
ރާއްޖޭގެ 29 އަށްވުރެ ގިނަ ރަށުގެ މިސްކިތްތަކުގައި މިހާރު ހިންގަމުންދާ މިސްކިތު ޤާރީ ކިލާސްތައް ހިންގުމަށް މިހާތަނަށް 34 ފަރާތަކަށް ހުއްދަ ދީފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މިއަދު ހާމަކޮށްފިއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި، މިސްކިތު ޤާރީ ކިލާސް ހިންގުމުގެ ހުއްދަ ދެވިފައިވާ 34 ފަރާތުގެ ތެރޭގައި 23 ރަށަކާއި، 3 ޖަމްޢިއްޔާއެއްގެ އިތުރުން މާލެ ސަރަހައްދުގެ 5 މިސްކިތް ހިމެނެއެވެ. އަދި މި ތަންތަނުގެ ތެރެއިން ގިނަ ތަންތަނުގައި ކިލާސްތައް މިހާރު ވަނީ ފަށާފައެވެ.
ވުޒާރާއިން އިތުރަށް ވިދާޅުވި ގޮތުގައި، ރަށްރަށުގައި ޤުރުއާން ކިޔަވައިދެއްވަން ބޭނުންވާ އިމާމުން ގިނަ ނަމަވެސް، އެ އިމާމުންނަށް ދިމާވާ ދަތިކަމަކީ ޤުރުއާން ކިޔަވައިދޭނެ ޖާގަ ނެތުމެވެ. އެހެންކަމުން މި ކިލާސްތަކަކީ އެ އިމާމުންނަށް ފުރުޞަތު ފަހިވެގެންދާނެ ކިލާސްތަކެއް ކަމަށް ވުޒާރާއިން ފާހަގަކުރެއްވިއެވެ.
ރަށްރަށުގައި ކީރިތި ޤުރުއާން ކިޔެވޭނެ އިންތިޒާމް އެންމެ ފުރިހަމައަށް ހަމަޖެއްސުމަކީ މި ސަރުކާރުގެ ވަޢުދެއް ކަމަށާއި، އިސްލާމް ދީނަށް ލޯބިކުރާ ދިވެހިވަންތަ ޤައުމިއްޔަތެއް ބިނާކުރުމަކީ ރައީސް މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވާ ކަމެއް ކަމަށް ވުޒާރާއިން ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހިލޭ ކީރިތި ޤުރުއާން ކިޔެވޭނެ ކިލާސްތައް އިތުރު ކުރައްވާއިރު، އެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރެވޭނެ ކަމަށް ވިދާޅުވެފައެވެ. މީގެ ކުރިން މާލެ އާއި ބައެއް ރަށްރަށުގައި މިފަދަ ކިލާސްތައް ހިންގި ނަމަވެސް، ދެމެހެއްޓެނިވި ގޮތެއްގައި ހިލޭ ކިލާސްތައް ހިންގިފައި ނުވާކަން ފާހަގަކުރެވެއެވެ.