ޚަބަރު
އަޅުގަނޑު ބޭނުންވަނީ ވަރަށް ދެފުށްފެންނަ ގޮތެއްގައި ވަރަށް ޒިންމާދާރު ގޮތެއްގައި މި މައްސަލަ ބަލާ ނިމެން : ރައީސް މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮޓޯ:ރައީސް އޮފީސް
މިހާރު ކުރިމަތިވެފައިވާ މައްސަލަ ދެފުށްފެންނަ އަދި ޒިންމާދާރު ގޮތެއްގައި ނިންމުމަށް ބޭނުންފުޅުވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރް އިބްރާހީމްގެ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި އެ ޤައުމަށް ފުރާވަޑައިގަތުމުގެ ކުޑަ ވަގުތުކޮޅެއް ކުރީން ދެއްވި އިންޓަވިއުގައެވެ.
އަޅުގަނޑު މިހާރު މިވަނީ ޤާނޫނު އަސާސީގެ ދަށުން މިނިވަން ކޮމިޝަނެއް އުފައްދާފަ. މި ކޮމިޝަނަކީ އިރާދަކުރެއްވިއްޔާ ވަރަށް ރަނގަޅަށް މަސައްކަތް ކުރާނެ ކޮމިޝަނެއް
ރައީސް މުޢިއްޒު
އަދި އެމަނިކުފާނު އިތުރަށް ވިދާޅުވީ، ޤާނޫނުގައި އޮންނަ ގޮތަށް ވަރަށް ގިނަ ބާރުތައް މި ކޮމިޝަނަށް ދެއްވާފައިވާ ކަމަށެވެ.ޚާއްސަ ކޮމިޝަންގައި ހިމެނިވަޑައިގަންނަވާ ތިން ބޭފުޅުންނަކީ ޑޮކްޓަރ މުޙައްމަދު މުނައްވަރު، ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަޑް އަޙްމަދު މުޙައްމަދު، އަދި ޑޮކްޓަރ މުޙައްމަދު ޙަބީބު، އެވެ.
އެއްވެސް ކަހަލަ ހުރަހެއް ނޯންނާނެ އެއްވެސް ދިމާލަކުން ޙަޤީޤަތް ހޯދުމަށްޓަކައި ނޫނިއްޔާ ބަލަންޖެހޭ ކަމެއް ބެލުމުގައި. ހުރަހެއް ކުރިމައްޗެއްވެސް ނުކުރެވޭނެ. ސުވާލު ނުކުރެވޭނެ ފަރާތެއް ނުހުންނާނެ. ޓަކި ނުޖެހޭނެ ދޮރެއް ނުހުންނާނެ
ރައީސް މުޢިއްޒު
ބޭރު ޤައުމުތަކުގެ އެހީތެރިކަން ހޯދުމުގެ ބާރުވެސް މި ކޮމިޝަނަށް ދެއްވާފައިވާ ކަމަށް ރައީސް މުޢިއްޒު ފާހަގަކުރެއްވިއެވެ. އަދި ޕޮލިހުން ކުރިއަށްގެންދާ ތަޙުޤީޤުވެސް ހަމަ ކުރިއަށްދާނެ ކަމަށް ވިދާޅުވިއެވެ.
އަޅުގަނޑު ބޭނުންވަނީ ވަރަށް ދެފުށްފެންނަ ގޮތެއްގައި ވަރަށް ޒިންމާދާރު ގޮތެއްގައި މި މައްސަލަ ބަލާ ނިމެން. އަދި ބަލާ ނިމޭއިރު އެއްވެސް މީހަކީ ތަފާތު ކުރެވިގެންވާ މީހަކަށް ވެގެން ނުވާނެ
ރައީސް މުޢިއްޒު
މީގެއިތުރުން އުފެދޭ ހުރިހާ ސުވާލުތަކަކަށް ޖަވާބު ލިބެންޖެހޭނެ ކަމަށާއި، ޤައުމުގެ ހަމަޖެހުމާއި އިންސާފު ޤާއިމްކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
އަޅުގަނޑުމެންގެ ތެރޭގަ މިއުފެދޭ ސުވާލުތަކަކީ ޖަވާބުލިބެންޖެހޭ ސުވާލުތަކެއް ހަމަ ހުރިހާ ކަމެއް ސާފުވެގެން ދާންޖެހޭނެ އަޅުގަނޑަށް ވަރަށް މުހިންމު އަޅުގަނޑުމެން ޤައުމުގެ ހަމަޖެހުން އަޅުގަނޑަށް ވަރަށް މުހިންމު އަޅުގަނޑުމެންގެ ގައުމުގަ އިންސާފާ އަދާލަތު ޤާއިމްވެފަ އޮތުން
ރައީސް މުޢިއްޒު
ގެއެއްގެ ފުރާޅުމައްޗަށް ޒުވާން އަންހެން ކުއްޖަކު ވެއްޓިފައި އޮތް މައްސަލައަކީ މިމަހުގެ 18ވަނަ ދުވަހު ހިނގި ހާދިސާއެކެވެ. ބޮޑެތި ޒަޙަމުތައް ލިބިފައިވާ 21 އަހަރުގެ މަރިޔަމް ޔުމްނު އިތުރު ފަރުވާއަށް މިހާރުވަނީ މެލޭޝިއާއަށް ގެންގޮސްފައެވެ.