ޚަބަރު
ގަރލްގައިޑްސް އެސޯސިއޭޝަންގެ އަހަރީ ޖަލްސާ ޗީފް ގައިޑް ޝަރަފުވެރިކޮށްދެއްވައިފި

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި ޗީފް ގައިޑް، މެޑަމް ސާޖިދާ މުޙައްމަދު
މޯލްޑިވްސް ގަރލްގައިޑްސް އެސޯސިއޭޝަންގެ 2024 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި ޗީފް ގައިޑް، މެޑަމް ސާޖިދާ މުޙައްމަދު މިއަދު ޝަރަފުވެރިކޮށްދެއްވައިފިއެވެ. ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން (ސީ.އެޗް.އެސް.އީ) ގައި ބޭއްވުނު މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މެޑަމް ސާޖިދާ ވިދާޅުވީ ގަރލްގައިޑްސް ހަރަކާތަކީ ދިވެހީންގެ ދިރިއުޅުމުގެ ތެރޭގައި އޮތް ރަނގަޅު އިޖުތިމާޢީ ސިފަތައް ދަމަހައްޓައިދޭ ވިޔުގައެއްކަމަށެވެ.
ޗީފް ގައިޑް އިތުރަށް ފާހަގަކުރެއްވި ގޮތުގައި ގަރލްގައިޑްސް ހަރަކާތަކީ އިސްނެގުމާއި، ޒިންމާދާރުވުމާއި އިންސާނީ ކުލުނުވެރިކަމުގެ މަދަރުސާއެކެވެ. އަދި މި ހަރަކާތުން އިންސާނީ ކަރާމާތުގެ އަގުގެ މަތިވެރިކަން ދަސްކޮށްދޭކަމަށާއި، ދޭދޭ ގުޅުންތަކުގެ އަގު ވަޒަންކުރަން އުނގަންނައިދޭކަމަށް އެކަމަނާ ވިދާޅުވިއެވެ.
ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މެޑަމް ސާޖިދާ ޤައުމު ބިނާކުރުމުގައި އަންހެނުންގެ ދައުރުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. "އަންހެނުންގެ ފުރިހަމަ ބައިވެރިވުން ނެތި ޤައުމެއް ބިނާކުރުމަކީ ކުރެވޭނެކަމެއް ނޫން," އެކަމަނާ ވިދާޅުވިއެވެ. އަދި ދިވެހި އަންހެނުން ދީނީ ގޮތުން ހޭލުންތެރި، ޤައުމީ ރޫހު އާލާކުރާ، އަދި ޒަމާނީ ޢިލްމުތަކަށް އަހުލުވެރި ބަޔަކަށްވުމަށް އެކަމަނާ ބާރުއެޅުއްވިއެވެ.
މި ޖަލްސާގައި ޗީފް ގައިޑް ވަނީ މޯލްޑިވްސް ގަރލްގައިޑްސްގެ ވެބްސައިޓް އިފްތިތާޙުކޮށްދެއްވާފައެވެ. އަދި ގަރލްގައިޑްސް އެސޯސިއޭޝަނަށް ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި ފަރާތްތަކަށާއި، އަލަށް ޗީފް ކޮމިޝަނަރގެ މަޤާމާ ހަވާލުވެވަޑައިގެންނެވި ޢާއިޝަތު ނަޝީދާއަށް ސެޓްފިކެޓާއި ބެޖު ހަވާލުކޮށްދެއްވާފައެވެ.