Ads by Aqeeqa Maldives

ޚަބަރު

ބުރުނުބޮމަ ސްޕޯޓްސް ފިޝިން މުބާރާތުގައި ބައިވެރިވާ 9 ޓީމު ތަޢާރަފުކޮށްފި

ބުރުނުބޮމަ ސްޕޯޓްސް ފިޝިން މުބާރާތުގައި ބައިވެރިވާ 9 ޓީމު ތަޢާރަފުކޮށްފި

އެމްއެމްޕީއާރްސީގެ މެނޭޖިންގ ޑައިރެކްޓަރ ޝިއުރީ ފޮޓޯ: އިންޓަނެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

27 އޭޕްރީލު 2025، 11:56

27 އޭޕްރީލު 2025، 11:56

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ކުރިއަށްގެންދާ ބުރުނުބޮމަ ސްޕޯޓްސް ފިޝިން މުބާރާތުގައި ބައިވެރިވާ 9 ޓީމު ރޭ ބޭއްވުނު ޚާއްސަ ހަފްލާއެއްގައި ވަނީ ތަޢާރަފުކޮށްފައެވެ.

މި ހަފްލާގައި ބައިވެރިވާ ޓީމުތަކުގެ ދިދަތައް ދައްކާ، ޓީމުތައް ތަޢާރަފުކުރުމުގެ އިތުރުން ބޮޑުމަސް ބޭނުމުގެ ދިވެހި ސަގާފީ ކުޅިވަރާއި ސަގާފީ ބޮޑުބެރާއި ނެށުންތައްވެސް ދައްކާލާފައިވެއެވެ. އަދި މި ހަރަކާތް ބަލާލަން ދިޔަ މީހުންނަށް މި މުބާރާތާ ގުޅޭ މުހިންމު މަޢުލޫމާތުތަކެއް ހިއްސާކޮށްފައިވެއެވެ.

މި މުބާރާތުގައި ބައިވެރިވާ 9 ޓީމަކީ ސައިރެން އޮފް ދި ސީ، ސައިލެންޓް ހަންޓަރ، ޓީމް ދުބާއީ، އިފުރު މޯލްޑިވްސް، ބަރޮސް މޯލްޑިވްސް، ޝުރުނޯ، މަލަހިނި، ކެޕްޓަން ބޯޓު ކްލަބު އަދި ޑޭޝް މޯލްޑިވްސްއެވެ. މި ޓީމުތަކުގެ ތެރޭގައި ޢާންމު ފަރުދުންގެ ގުރޫޕުތަކާއި ރިސޯޓްތައް ހިމެނެއެވެ.

ބުރުނުބޮމަ ސްޕޯޓްސް ފިޝިން މުބާރާތަކީ ބައިނަލްއަޤްވާމީ ސްޕޯޓްސް ފިޝިން ކޮމިއުނިޓީގައި ރާއްޖޭގެ ކަނޑުގެ މާހައުލަށް ޝައުޤުވެރިކަން އިތުރުކޮށް، ދެމެހެއްޓެނިވި މަސްވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ މަޤްބޫލުކަން އިތުރުކުރުމަށް ބާއްވާ މުބާރާތެކެވެ. މި މުބާރާތުގެ ގްލޯބަލް އެމްބެސެޑަރެއްގެ ގޮތުގައި މަޝްހޫރު އިންޓަނެޓް ޕާސަނަލިޓީ، ފްލައި ނަވާރޯ ވަނީ ހަމަޖައްސާފައެވެ.

މި މުބާރާތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ސްޕޯޓްސް ފިޝިންގައި ހަރަކާތްތެރިވާ ފަރާތްތަކުން ބައިވެރިވެ، ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ހިބަރު، ކަންނެލި އަދި ފިޔަލަ ފަދަ ބޮޑެތި ގޭމް ފިޝް ބާވަތްތަކަށް އަމާޒުކޮށްގެން ވާދަވެރި މަސްވެރިކަމެއް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެމްއެމްޕީއާރުސީން މަޢުލޫމާތު ދީފައިވާ ގޮތުގައި މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 2 ވަނަ ދުވަހުން ފެށިގެން 4 ވަނަ ދުވަހާ ހަމައަށެވެ. މި މުބާރާތަކީ ފަތުރުވެރިކަމުގެ މަޤުބޫލު މަންޒިލެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓް ކުރުމަށް އެމްއެމްޕީއާރުސީން ކުރަމުންދާ ގިނަ މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by MSS