ޚަބަރު
ކުރިއަށް އޮތް ދެ ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށްފި

ރާއްޖެއަށް މޫސުން ގޯސް ދުވަހެއް ފޮޓޯ: މޯލްޑިވްސް ވޮއިސް
ކުރިއަށް އޮތް 2 ދުވަހުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން މިއަދު ވިދާޅުވެއްޖެއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ދެއްވި މަޢުލޫމާތުގައި، ކުރިއަށް އޮތް 2 ދުވަހުވެސް ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާއި، ބައެއް ރައެއް ރަށްރަށަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށް ވިދާޅުވިއެވެ. ޚާއްޞަކޮށް މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ބޮޑަށް ވިއްސާރަކުރާނެ ކަމަށް އެ އިދާރާއިން ފާހަގަކުރެއްވިއެވެ.
މި ވިއްސާރައަކީ ރާއްޖެ ސަރަހައްދުގައި އުފެދިފައިވާ ވިންޑު ކޮންވަޒޭޝަނެއްގެ ސަބަބުން ކުރަމުންދާ ވިއްސާރައެއްކަން އެ އިދާރާއިން ހާމަކުރެއްވިއެވެ. ފާއިތުވެދިޔަ 24 ގަޑިއިރުތެރޭގައި އެންމެ ގިނައިން ވާރޭވެހިފައިވަނީ ވ. ރަކީދޫއަށް ކަމަށާއި، އެ ރަށަށް 88.6 މިލިމީޓަރުގެ ވާރޭވެހިފައިވާކަމަށް އެ އިދާރާއިން ވިދާޅުވިއެވެ.
ކުރިއަށް އޮތް 24 ގަޑިއިރަށް ރާއްޖޭގެ މޫސުން ލަފާކުރައްވާފައިވާ ގޮތުގައި، އުތުރުގުތުރުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން، ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި އަދި މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެއެވެ. އަދި ވިލާ ގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށް އެ އިދާރާއިން ވިދާޅުވިއެވެ.
އުތުރު އަތޮޅުތަކުގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވާނެ ކަމަށާއި، މެދުރާއްޖެތެރެއާއި ދެކުނު އަތޮޅުތަކުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވާނެކަމަށް އެ އިދާރާއިން ފާހަގަކުރެއްވިއެވެ. އަދި ވިލާގަނޑުގައި ކަނޑުތައް ގަދަވާނެކަމަށްވެސް ވިދާޅުވިއެވެ.
މިހާރު ކުރަމުންދާ ވިއްސާރަ އަލިކުރާނެކަމަށް ލަފާކުރެވެނީ އަންނަ ބުދަދުވަހުގެ ފަހުންކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވިއެވެ. މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް އެ އިދާރާއިންވަނީ އިލްތިމާސްކުރައްވާފައެވެ.