Ads by Aqeeqa Maldives

ޚަބަރު

އެއްވެސް ރައްޔިތަކާ މެދު ތަފާތެއް ނުކުރާނަން - ރައީސް މުޢިއްޒު

އެއްވެސް ރައްޔިތަކާ މެދު ތަފާތެއް ނުކުރާނަން - ރައީސް މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

27 އޭޕްރީލު 2025، 11:28

27 އޭޕްރީލު 2025، 11:28

އިންސާފު ޤާއިމުކުރުމުގައި އެއްވެސް ނުފޫޒެއްގެ ދަށަށް ނުދާނެ ކަމަށާއި، އެމަނިކުފާނުގެ އަމާޒަކީ ޤައުމުގައި އިންސާފާއި އަދާލަތު ޤާއިމުކުރުން ކަމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު މިފަދައިން ވިދާޅުވެފައިވަނީ މެލޭޝިޔާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ފުރާވަޑައިގަތުމުގެ ކުރިން ދެއްވި ޚާއްޞަ އިންޓަވިއުއެއްގައެވެ. މި އިންޓަވިއުގައި ރައީސް އަލިއަޅުއްވާލެއްވީ މި މަހުގެ 18 ވަނަ ދުވަހު ހ. ފެންޓަނޯއީ ގޭގެ ކައިރީގައި ހުރި ގެއެއްގެ ފުރާޅުން ޒުވާން އަންހެން ކުއްޖަކު ވެއްޓުނު ހާދިސާއަށާއި، އެ މައްސަލައިގެ ތަޙުޤީޤަށެވެ.

ކޮންމެ ކަމެއްގައިވެސް އަޅުގަނޑުމެން ބޭނުންވަނީ އިންސާފު ޤާއިމުކުރުމަށް. މި ސަރުކާރަކީ އަބަދުވެސް އިންސާފުގެ މަގުން ކަންކަން ކުރުމަށް ބާރުއަޅާ ސަރުކާރެއް. އެއްވެސް ރައްޔިތަކާ މެދު ތަފާތެއް ނުކުރާނަން  

ރައީސް މުޢިއްޒު

ރައީސް އިތުރަށް ވިދާޅުވީ، އެ މަނިކުފާނަކީ އެއްވެސް އިރެއްގައި އަނިޔާވެރިކަމާއި ތަފާތުކުރުން އިސްކުރެއްވި ބޭފުޅެއް ނޫން ކަމަށެވެ. އަދި ފުރާޅުން ވެއްޓުނު އަންހެން ކުއްޖާގެ މައްސަލަ ތަޙުޤީޤުކުރުމުގައިވެސް އެމަނިކުފާނުގެ އަމާޒަކީ ކަމުގެ ޙަޤީޤަތް ހޯދައި، އިންސާފު ޤާއިމުކުރުން ކަމަށް ވިދާޅުވިއެވެ.

އިންސާފުގެ ކުރިމަތީގައި އެއްވެސް މީހަކީ އަޅުގަނޑަށް މުހިންމު މީހެއް ނޫން. އަޅުގަނޑު ބޭނުންވަނީ ކުށްކުރި ފަރާތްތައް ހޯދައި، އެއީ ކޮންމެ ފަރާތެއްވިޔަސް ޤާނޫނުގެ ތެރެއިން އަދަބު ދިނުމަށް  

ރައީސް މުޢިއްޒު

މި މައްސަލަ ތަޙުޤީޤުކުރުމަށް އުފައްދަވާފައިވާ މިނިވަން ކޮމިޝަނަށް ފުރިހަމަ ބާރުވެރިކަން ދެއްވާފައިވާ ކަމަށާއި، އެއްވެސް ހުރަހެއްނެތި ބަލަންޖެހޭ ކަންކަން ބެލުމުގެ ފުރުޞަތު އެ ކޮމިޝަނަށް ލިބިގެންވާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް މުޢިއްޒު ނިންމަވާލެއްވީ، މިއަދާ ހަމައަށްވެސް ނުފޫޒަކަށް ނުޖެހި ސަރުކާރުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވަމުން ގެންދަވާ ކަމަށާއި، ޤައުމުގެ އަމާންކަމާއި ހަމަޖެހުމާއި އިންސާފާއި އަދާލަތު ނަގާލުމުގެ ފުރުޞަތު ނުދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by MSS