ޚަބަރު
ކޮމިޝަނަރ އޮފް ޕޮލިސް ޝުޖާއު އިސްތިއުފާ ދެއްވައިފި

ކޮމިޝަނަރ އޮފް ޕޮލިސް ޝުޖާއު
ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުން ޢަލީ ޝުޖާޢު އިސްތިޢުފާ ދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ޙީނާ ވަލީދު ވިދާޅުވީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު، އެ މަޤާމުން އިސްތިއުފާ ދެއްވުމަށް އެދި ހުށައަޅުއްވާފައިވާތީ، އޭނާގެ އިސްތިއުފާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޤަބޫލުފުޅުކުރައްވާފައިވާ ކަމަށެވެ.
ޝުޖާއު އިސްތިއުފާ ދެއްވާފައި މިވަނީ ގެއެއްގެ ނުވަ ވަނަ ބުރިން ހައްވާ ޔުމްނު ރަޝީދު ނަމަކަށް ކިޔާ ޒުވާނަކު ވެއްޓުނު މައްސަލައިގެ ތަހުގީގާ މެދު ފުލުހުންނާ ދޭތެރޭ އާންމުންގެ ނުރުހުން ބޮޑުވެފައި އޮތް ދަނޑިވަޅެއްގައެވެ.
ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު މަަޤާމުގެ އިސްތިޢުފާ ހުށައެޅުއްވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިސްތިޢުފާ ޤަބޫލުފުޅު ކުރައްވައިފި.
— Heena Waleed (@MvSpokesperson) April 26, 2025
އެންމެ ފަހުން ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝުޖާއު ވިދާޅުވީ ފުލުހުން ތަހުގީގު ކުރިއަށް ގެންދަނީ އުސޫލުތަކުގެ ތެރެއިން ކަމަށެވެ. މިދިޔަ ބުރާސްފަތިދުވަހުގެ ރޭ ހ. ފެންޓެނޯއީގޭގެ ކުޑަދޮރުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދަށް އިންސާފު ހޯދައިދިނުމަށް އެދި މާލޭގައި ދަނީ މުޒާހަރާ ކުރަމުންނެވެ. މި މުޒާހަރާތަކުގައި ކޮމިޝަނަރ އޮފް ޕޮލިސް ޝުޖާއު، ހޯމް މިނިސްޓަރ އިހްސާން އަދި ޓްރާންސްޕޯޓް މިނިސްޓަރ އަމީންގެ އިސްތިއުފާއަށް ގޮވާފައިވެއެވެ.