ޚަބަރު
ޔުމްނު ވެއްޓުނު މައްސަލަ: ރައުދު އަޙްމަދު ޛިލާލް އިތުރު 5 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފި

ރައުދު އަޙްމަދު ޛިލާލް
މިމަހުގެ 18 ވަނަ ދުވަހުގެ ފަތިހު މާލޭގެ ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮތްވާ ފެނުނު އަންހެން މީހާގެ މައްސަލައިގައި ހައްޔަރުކުރެވުނު ރައުދު އަޙްމަދު ޛިލާލް އިތުރު 5 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފިއެވެ.
ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދެއްވިގޮތުގައި، ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނު މައްސަލައާ ގުޅިގެން ހައްޔަރުކުރެވުނު ގ. އެރިއަދޫ، އުމުރުން 21 އަހަރުގެ ރައުދު އަޙްމަދު ޛިލާލްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 5 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ.
މި މައްސަލައާ ގުޅިގެން ރައުދު އަޙްމަދު ޛިލާލް ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ ބުރާސްފަތި ދުވަހުއެވެ. ފުލުހުން ވިދާޅުވިގޮތުގައި، އަންހެން މީހާ ވެއްޓުނު ކަމަށް ބެލެވޭ އިމާރާތުގައި އެވަގުތު އޭނާއާއެކު ރައުދު އުޅުނުކަމާއި، ރައުދުއާއި ވެއްޓުނު އަންހެންމީހާ އެ ގޭގައި އުޅޭ މަންޒަރު ފެންނަ ވީޑިއޯ ފުޓޭޖްތައް ފުލުހުން ވަނީ އާންމުކޮށްފައެވެ.
އިތުރަށް ފުލުހުން ހާމަކުރެއްވި ގޮތުގައި، ރައުދުއާއި ވެއްޓުނު އަންހެން މީހާ އެރޭ އިތުރު ދެ ގެއަކަށް ގޮސްފައިވާ ކަމަށާއި އެ ދެ މީހުންނާއެކު އެ ރޭ އިތުރު ބަޔަކުވެސް އުޅުނުކަމަށެވެ. މި މައްސަލައިގައި ހިމެނޭ ހުރިހާ ފަރާތްތަކެއްގެ ބަޔާން ނަގައި، އެ މީހުންނަށް ރާއްޖެއިން ބޭރަށް ނުދެވޭގޮތަށް ޕާސްޕޯޓް ވަނީ ހިފަހައްޓާފައެވެ.
މީގެ އިތުރުން، ވެއްޓުނު 21 އަހަރުގެ އަންހެން މީހާ ހިމެނޭހެން 7 މީހެއްގެ ފޯނުވެސް ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ ހިފަހައްޓާފައެވެ. އަދި މި މައްސަލައާ ގުޅިގެން އަންހެން މީހާ އެރޭ ހަރަކާތްތެރިވިކަމަށް ބެލެވޭ މއ. މާންދޫގެ ދެކުނުގޭގެ ޓެރަސްއާއި އެގޭ ދެވަނަ އަދި ހަތަރުވަނަ ފަންގިފިލާ އަދި ގ. ކަށިވެލިގޭގެ ތިންވަނަ ފަންގިފިލާ ބަލައި ފާސްކޮށްފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލައިގެ ތަޙްޤީޤު ދަނީ ކުރިއަށެވެ.