ޚަބަރު
މަސްޖިދުލްނަބަވީގެ އިމާމު ރާއްޖޭގައި ދެއްވި ދަރުހުގައި މުހިންމު 12 ވަޞިއްޔަތެއް ކުރައްވައިފި

އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލްބުދައިރު
މިރޭ އިސްލާމީ މަރުކަޒުގައި މަސްޖިދުލްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލްބުދައިރު ދެއްވި ދަރުހުގައި މުހިންމު 12 ވަޞިއްޔަތެއް ކުރައްވައިފިއެވެ. މިހާރު ރާއްޖެއަށް ޒިޔާރަތްކުރައްވަމުންގެންދަވާ އިމާމު ދެއްވި މި ދަރުސް ބޭއްވުނީ ޢިޝާ ނަމާދަށްފަހުއެވެ.
ޑރ. ޞަލާޙުލްބުދައިރު ކުރެއްވި ފުރަތަމަ ވަޞިއްޔަތަކީ އިސްލާމީ ޝަރީޢަތުގެ އަސާސްތަކާއި އިސްލާމީ ޢަޤީދާއާއި ޝަރީޢަތާއި އަޚުލާޤާއި އަދަބާއި ސުލޫކުގައި ހިފަހެއްޓުމެވެ. އިމާމު ވިދާޅުވީ އިންސާނާއަށް ބާއްޖަވެރިކަން އޮތީ މިކަންކަމުގައި ހިފަހައްޓައިގެން ކަމަށެވެ.
ދެވަނަ ވަޞިއްޔަތަކީ ޤަޟާޤަދަރަށް އިމާންވުމެވެ. ތިންވަނަ ވަޞިއްޔަތަކީ ނަމާދަށް ރައްކާތެރިވުމެވެ. މީގެ އިތުރުން، ދޭދޭ ފަރުދުންގެ މެދުގައި ސުލްޙަވެރިކަން ދެމެހެއްޓުމާއި، ޢިލްމު ފެތުރުމާއި، މާތް ﷲގެ ޒިކުރުގެ މަޖިލިސްތަކުގައި ބައިވެރިވުމަށް އިމާމު އިލްތިމާސްކުރެއްވިއެވެ.
އަދި ރިވެތި އަޚުލާޤު ޚިޔާރުކުރުމާއި، ހަސަދަވެރިކަމާ ދުރުވުމާއި، ދޫ ރައްކާތެރިކުރުމާއި، ކުށްތައް ވަންހަނާ ކުރުމަށްވެސް އިމާމު ވަޞިއްޔަތްކުރެއްވިއެވެ. މީހުންނަށް ހުތުރު އެއްޗެހި ގޮވުމުން ދުރުހެލިވުމަށާއި، އޯގާވެރިކަމަށް ބާރުއެޅުމާއި، އުރެދުމުގެ އަހުލުވެރީންނާ ދުރުވުމަށްވެސް އިމާމު އިރުޝާދު ދެއްވިއެވެ.
އެންމެ ފަހު ވަ ވަޞިއްޔަތެއްގެ ގޮތުގައި ޑރ. ޞަލާޙުލްބުދައިރު ކުރެއްވީ ހެޔޮލަފާ މީހުންނާ އެކު އުޅުމެވެ. މި ދަރުހުގެ ދިވެހި ތަރުޖަމާ އިއްވަވައިދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.