ޚަބަރު
މި ދައުރުގައި ފަށާފައިވާ މަސައްކަތް ނިންމާލާނީ ކުށްކޮށްގެން ހޯދާފައިވާ މުދާ ދައުލަތަށް ނެގުމަށްފަހު: ޕޮލިސް ކޮމިޝަނަރ

ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު
ރާއްޖޭގައި ރާވައިގެން ހިންގާ ބޮޑެތި ކުށްތައް ހުއްޓުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މި ދައުރުގައި ފަށާފައިވާ މަސައްކަތް ނިންމާލާނީ އެފަދަ ގްރޫޕްތަކުގައި އިސްކޮށް އުޅޭ މީހުން ކުށްކޮށްގެން ހޯދާފައިވާ މުދާ ދައުލަތަށް ނެގުމަށްފަހު ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ވިދާޅުވެއްޖެއެވެ.
ކޮމިޝަނަރ މިހެން ވިދާޅުވީ މިރޭ ބޭއްވުނު ދިވެހި ފުލުހުންގެ ޚިދުމަތަށް 92 އަހަރު ފުރުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސީޕީ ޝުޖާޢު ވިދާޅުވީ ރައްޔިތުންގެ ޓެކްސް ފައިސާއިން ބޮޑު އަދަދެއް ކޮންމެ އަހަރަކު ފުލުހުންގެ ޚިދުމަތަށް ހޭދަކުރާއިރު، ރައްޔިތުންގެ ކަންބޮޑުވުން ހުރި މައްސަލަތަކަށް އެކަށީގެންވާ ހައްލެއް ހޯދައިނުދެވުމަކީ ފުލުހުންގެ ޚިދުމަތާމެދު ރައްޔިތުންގެ ކަތުންގެ ކަންބޮޑުވުން އޮތް ކަމެއް ކަމަށެވެ.
ސީޕީ ޝުޖާޢު އިތުރަށް ވިދާޅުވީ މި މައްސަލަތައް ހައްލުކުރުމަށް ކޮންމެ ދައުރެއްގައިވެސް މަސައްކަތް ކުރެވޭ ކަމަށާއި ނަމަވެސް މިހާތަނަށް އެކަށީގެންވާ ހައްލެއް ނުލިބޭ ކަމަށެވެ. މި ސަރުކާރުން މި މައްސަލަ ހައްލު ކުރުމަށް އަލަށް ފަށާފައިވާ މަސައްކަތަކީ ކުށްކުރާ ނެޓްވޯކްތަކުގައި މަސައްކަތް ކޮށްފައިވާ އަދި މިހާރުވެސް މަސައްކަތް ކުރަމުންދާ މީހުން ހޯދާފައިވާ މުއްސަނދިކަމަކީ ކިހިނެތް ލިބުނު މުއްސަނދިކަމެއްތޯ ބަލައި، އެ މީހުންނަށް އަމާޒުކޮށް ފައިނޭންޝަލް އިންވެސްޓިގޭޝަންތައް ފެއްޓުން ކަމަށް ވިދާޅުވިއެވެ.
މި ގޮތުން މާލެއާއި ރާއްޖޭގެ ބޮޑެތި ސިޓީތަކުގައި މި މަސައްކަތް ފަށާފައިވާއިރު ފުވައްމުލަކުގައި ހިންގި އޮޕަރޭޝަން ކާމިޔާބު ކަމަށް ސީޕީ ޝުޖާޢު ވިދާޅުވިއެވެ. ފުވައްމުލަކުގައި މަސްތުވާތަކެތީގެ ނެޓްވޯކެއް ހިންގާ 112 މީހުން ހޯދައި ދައުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށާއި، މާލޭގެ ނަންމަޝްހޫރު ކުށްކުރާ ގްރޫޕެއްގެ ފައިނޭންޝަލް އިންވެސްޓިގޭޝަން ނިމި، މިހާރު ވަނީ އެ ނެޓްވޯކްގައި އުޅޭ މީހުން ދިރިއުޅޭ ތަންތަން ބަލައި ފާސްކްކޮށްފައިވާ ކަމަށްވެސް ސީޕީ ވިދާޅުވިއެވެ.
ކޮމިޝަނަރ އޮފް އޮފް ޕޮލިސް އަލީ ޝުޖާޢު ވިދާޅުވީ ފުލުހުން މިފެށި މަސައްކަތް ނިންމާލާނީ ރާއްޖޭގައި އުފެދިފައިވާ ގްރޫޕްތަކާއި ނެޓްވޯކްތަކުގެ ބޮޑުންގެ މައްޗަށް މި ތަހުގީގު ހިންގާފައި، އެ މީސްމީހުން ކުށްކޮށްގެން ހޯދާފައިވާ މުދާތައް ދައުލަތަށް ނެގުމަށްފަހު ކަމަށެވެ.
މިތަހުގީގުތަކުން ކުރިއަށްދާންވީގޮތް އަޅުގަނޑުމެންނަށް އެނގިގެން ހިނގައްޖެ. ޖިނާޢީ އަދުލުގެ ނިޒާމާމެދު އިތުބާރު ލިބިގެން ހިނގައްޖެ
ސީޕީ ޝުޖާޢު
ދިވެހި ފުލުހުންގެ ޚިދުމަތަށް 92 އަހަރު ފުރުމާ ގުޅިގެން، ރާއްޖެއަށް ޚިދުމަތް ފުޅާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް ސީޕީ ވިދާޅުވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތާ އެއްގޮތަށް މިއަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ގާއިމުކުރެވޭނެ ކަމަށްވެސް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާޢު ވިދާޅުވިއެވެ.
މި މަސައްކަތްތަކުގެ ތެރެއިން، ފުވައްމުލަކުގައި ހިންގުނު އޮޕަރޭޝަނުގެ ނަތީޖާއެއްގެ ގޮތުން، މަސްތުވާތަކެތީގެ ނެޓްވޯކެއް ހިންގާ 112 މީހުން ހޯދައި ދައުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށް ސީޕީ ޝުޖާޢު ހާމަކުރެއްވިއެވެ. މީގެ އިތުރުން، މާލޭގެ ނަންމަޝްހޫރު ކުށްކުރާ ގްރޫޕެއްގެ ފައިނޭންޝަލް އިންވެސްޓިގޭޝަން ނިންމާ، އެ ނެޓްވޯކްގައި އުޅޭ މީހުން ދިރިއުޅޭ ތަންތަން ބަލައި ފާސްކޮށްފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"11 މީހުން ހިމެނޭ މި ނެޓްވޯކްގައި 64 މިލިޔަން ރުފިޔާ ދައުރުކުރިގޮތް ބެލުމަށް ހިންގުނު ތަހުގީގެއް. ދައުރުވެފައިވާ ފައިސާގެ ބޮޑުބައެއް އެއީ ކުށްކޮށްގެން ހޯދާފައިވާ ފައިސާކަން ވަނީ ދެނެގަނެވިފައި. މި މައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައި އެ މީހުންގެ މުދަލެއް ވާނަމަ އެ މުދާ ދައުލަތަށް ނެގުމަށް އެދޭނަން," ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާޢު ވިދާޅުވިއެވެ.