ދުނިޔެ
ޕާކިސްތާނާއި އިންޑިޔާގެ ދެމެދުގައި އުފެދިފައިވާ ހަމަނުޖެހުމާ ގުޅިގެން އިންޑިޔާގެ އެއަރލައިންތަކުން ދަތުރުތައް ބަދަލުކުރަން ނިންމައިފި

އެއަރ އިންޑިއާ
ޕާކިސްތާނުން އެ ޤައުމުގެ އެއަރ ސްޕޭސް އިންޑިޔާއަށް ބަންދުކުރުމާ ގުޅިގެން، އިންޑިޔާގެ އެއަރލައިންތަކުން ބައިނަލްއަޤްވާމީ ދަތުރުތަކުގައި ބޭނުންކުރާ ރޫޓްތައް ބަދަލުކުރަން ނިންމައިފިއެވެ. މިގޮތުން އިންޑިގޯ އަދި އެއަރ އިންޑިޔާ ފަދަ އެއަރލައިންތަކުން އިތުރު ދުރު މަގުތަކެއް ބޭނުންކުރާނެ ކަމަށް ބުރާސްފަތި ދުވަހި ދުވަހު އިޢުލާނުކޮށްފައިވެއެވެ.
އެއަރ އިންޑިޔާއިން ބުނެފައިވަނީ އުތުރު އެމެރިކާ، ޔޫކޭ، ޔޫރަޕް އަދި މެދު އިރުމަތީގެ ޤައުމުތަކަށް ކުރާ ދަތުރުތަކުގައި އިތުރު ދުރު މަގުތަކެއް ބޭނުންކުރަން ޖެހޭނެ ކަމަށެވެ. އަދި މި ކަމަކީ އެ ކުންފުނީގެ ބާރު ނުފޯރާ ކަމެއްކަމަށާއި، މި ކަމުގެ ސަބަބުން ދިމާވާ އުނދަގޫތަކަށް މަޢާފަށް އެދޭ ކަމަށްވެސް ބުނެފައިވެއެވެ.
IMPORTANT UPDATE:
— Air India (@airindia) April 24, 2025
Due to the announced restriction of Pakistan airspace for all Indian airlines, it is expected that some Air India flights to or from North America, UK, Europe, and Middle East will take an alternative extended route. Air India regrets the inconvenience caused…
މި ހަމަނުޖެހުން އުފެދިފައިވަނީ ޕާހަލްގާމް ޓެރަރިސްޓް ހަމަލާއާ ގުޅިގެން އިންޑިޔާއިން އިންޑަސް ވޯޓަރ ޓްރީޓީ ހުއްޓާލުމާއި ޑިޕްލޮމެޓިކް ގުޅުން ދަށްކުރުމާ ގުޅިގެންނެވެ. މިކަމާ ގުޅިގެން ޕާކިސްތާނުން ވަނީ އިންޑިޔާއާއެކު ވެފައިވާ ސިމްލާ އެއްބަސްވުން ހިމެނޭ ގޮތަށް ދެ ފަރާތުގެ ދެމެދުގައިވާ އެއްބަސްވުންތައް ހުއްޓާލުމަށާއި، އެއަރ ސްޕޭސް ބަންދުކުރުމަށް ނިންމާފައެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފްގެ އިސްނެންގެވުމުގެ ދަށުން ބޭއްވުނު ބައްދަލުވުމެއްގައި މި ނިންމުންތައް ނިންމާފައިވާއިރު، އިންޑަސް ވޯޓަރ ޓްރީޓީގެ ދަށުން ޕާކިސްތާނަށް ލިބެންޖެހޭ ފެން އެހެން ދިމާލަކަށް ބަދަލުކުރުމަކީ ހަނގުރާމައިގެ ޢަމަލެއްގެ ގޮތުގައި ބެލެވޭނެ ކަމަށްވެސް އެ ޤައުމުން ބުނެފައިވެއެވެ.