ޚަބަރު
ތިނަދޫ ސިޓީގެ 200 ހައުސިންގ ޔުނިޓް ދޫކުރުމަށް ކައުންސިލުން ކުރި އިޢުލާން ބާޠިލްކޮށްފި

ތިނަދޫ ފޮޓޯ:މޯލްޑިވްސް ވަރޗުއަލް ޓުއަރ
ތިނަދޫ ސިޓީގައި ސަރުކާރުން އިމާރާތްކުރަމުންދާ 200 ހައުސިންގ ޔުނިޓް ދޫކުރުމަށް ތިނަދޫ ސިޓީ ކައުންސިލުން ކުރި އިޢުލާނަކީ ހުއްދަ ނެތި ކުރި އިޢުލާނެއް ކަމަށް ބުނެ، އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާއިން އެ އިޢުލާން ބާޠިލްކޮށްފިއެވެ. އަދި މި އިޢުލާނުގެ ދަށުން ކުރެވޭ އެއްވެސް މަސައްކަތެއް ބަލައިނުގަންނާނެ ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެފައިވެއެވެ.
ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާއިން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހައުސިންގ ޔުނިޓްތައް އިމާރާތްކޮށް، އެ ޔުނިޓްތައް ޙަވާލުކުރުމަށް އުސޫލުތައް ކަނޑައެޅުމުގެ މަސައްކަތްތައް އެ ވުޒާރާގެ މެންޑޭޓްގެ ދަށުން ކުރަމުންގެންދާ ކަމަށެވެ. އަދި ތިނަދޫ ސިޓީގައި ސަރުކާރުން އިމާރާތްކުރަމުންދާ 200 ހައުސިންގ ޔުނިޓްގެ މަޝްރޫޢަކީވެސް މިގޮތަށް ކުރިއަށްގެންދާ މަޝްރޫޢެއް ކަމަށް އެ ވުޒާރާއިން ވިދާޅުވެފައިވެއެވެ.
ވުޒާރާގެ ބަޔާނުގައި ވިދާޅުވެފައިވާ ގޮތުގައި، މިއަހަރުގެ ޖެނުއަރީ މަހުގެ 29 ވަނަ ދުވަހު ތިނަދޫ ސިޓީ ކައުންސިލުން އެ ސިޓީގައި ތަރައްޤީކުރަމުންދާ ހައުސިންގ ޔުނިޓުތައް ދޫކުރުމަށް އިޢުލާންކޮށްފައިވަނީ ވުޒާރާގެ ހުއްދައެއް ނެތިއެވެ. އެހެންކަމުން، ޖެނުއަރީ 30 ވަނަ ދުވަހު ކައުންސިލަށް އަންގައި، އެ އިޢުލާން ބާޠިލްކުރުމަށާއި ޔުނިޓްތައް ލިބޭފަރާތްތައް ކަނޑައެޅުމަށްޓަކައި ބޭނުންވާ އުސޫލު އެކުލަވާލުމަށްފަހު އެންޑޯސްކުރުމަށް ހުށަހެޅުމަށް އަންގާފައިވާ ކަމަށް ވުޒާރާއިން ވިދާޅުވެފައިވެއެވެ.
ނަމަވެސް، މިއަދާ ހަމައަށްވެސް ތިނަދޫ ސިޓީ ކައުންސިލުން އެ އެންގުމާ އެއްގޮތަށް ޢަމަލުކޮށްފައި ނުވާތީ، އެ ކައުންސިލުން ކުރި އިޢުލާނުގެ ދަށުން ކުރެވޭ އެއްވެސް މަސައްކަތެއް ބަލައިނުގަންނާނެ ކަމަށް ވުޒާރާއިން ވިދާޅުވެފައިވެއެވެ. އަދި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން އިންސާފުވެރިކަމާއި ހަމަހަމަކަމާއެކު ހައުސިންގ ޔުނިޓްތައް ލިބޭ ފަރާތްތައް ކަނޑައެޅުމަށް އެކުލަވާލަންޖެހޭ އުސޫލުތައް އެކުލަވާލުމަށްފަހު ވީ އެންމެ އަވަހަކަށް އިޢުލާން ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެފައިވެއެވެ.
ސަރުކާރުން އެންމެ އިސްކަންދޭ އެއް ސިޔާސަތަކީ ކޮންމެ ރައްޔިތަކަށް އަސާސީ ބޯހިޔާވަހިކަން ފޯރުކޮށްދިނުން ކަމަށްވާއިރު، އެ ސިޔާސަތު ތަންފީޒުކުރުން މަތިކޮށްފައިވަނީ ގެދޮރުވެރިކަމާބެހޭ ވުޒާރާއާއެވެ. މި ވުޒާރާގެ މެންޑޭޓްގައި، ރާއްޖޭގެ ހިޔާވަހިކަމާބެހޭ ޤައުމީ ސިޔާސަތުގެ ދަށުން ހިޔާވަހިކަމުގެ ޕްރޮގްރާމްތައް ރާވައި ހިންގުމާއި، އެފަދަ ޕްރޮގްރާމްތަކުގެ މަސައްކަތްތައް ވިލަރެސްކުރުން ހިމެނެއެވެ.
މީގެ އިތުރުން، ރާއްޖޭގެ ހިޔާވަހިކަމާބެހޭ ޤައުމީ ސިޔާސަތުގެ ދަށުން ކަނޑައެޅޭ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކޮންމެ ރައްޔިތަކަށްވެސް ދިރިއުޅުމަށް އެކަށޭނެ ފެންވަރުގެ ހިޔާވައްސެއް ލިބިދެވޭނެ ގޮތްތައް ރާވައި، އެކަމަށް މަގުފަހިކުރެވޭނެ ގޮތަށް ކަމާބެހޭ އުސޫލުތައް އެކުލަވައިލައި އެ އުސޫލުތައް ހިންގުންވެސް މި ވުޒާރާގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެއެވެ.