Ads by Aqeeqa Maldives

ޚަބަރު

ރައީސް މުޢިއްޒު މެލޭޝިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަނީ

ރައީސް މުޢިއްޒު މެލޭޝިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަނީ

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

24 އޭޕްރީލު 2025، 05:54

24 އޭޕްރީލު 2025، 05:54

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރް އިބްރާހީމްގެ ދަޢުވަތަކަށް، އެޕްރިލް މަހުގެ 27 އިން 30 އަށް މެލޭޝިއާއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ނިންމަވައިފިއެވެ. މިއީ އެމަނިކުފާނު ރައީސްކަމުގެ މަޤާމާ ހަވާލުވެވަޑައިގަތުމަށްފަހު މެލޭޝިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ އިސްވެރިންގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވާނެއެވެ. މި ދަތުރުފުޅުގެ މައިގަނޑު މަޤްޞަދަކީ ދެ ޤައުމުގެ ދެމެދުގައިވާ ޒަމާންވީ ބަދަހި ގުޅުން އިތުރަށް ހަރުދަނާކުރުމެވެ.

ދަތުރުފުޅުގެ ތެރޭގައި ރައީސް މުޢިއްޒު އާއި މެލޭޝިއާގެ ބޮޑުވަޒީރު އަންވަރް އިބްރާހީމް ބައްދަލުކުރައްވައި ރަސްމީ މަޝްވަރާތައް ކުރިއަށްގެންދަވާނެއެވެ. މި ބައްދަލުވުމުގައި ދެ ޤައުމުގެ އެއްބާރުލުން އިތުރުކުރުމާއި، ސަރަޙައްދީ އަދި ބައިނަލްއަޤުވާމީ މައްސަލަތަކާމެދު ޚިޔާލުބަދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން، ދެ ޤައުމުގެ ލީޑަރުންގެ ހާޒިރުގައި މުހިންމު ދާއިރާތަކުން އެއްބާރުލުންދިނުމާ ގުޅުންހުރި ފަހުމުނާމާތަކުގައި ސޮއިކުރެއްވުމާއި، ނޯޓް އެކްސްޗޭންޖްތައް ކުރިއަށްގެންދިއުމަށްވެސް ވަނީ ރޭވިފައެވެ. އަދި ރައީސް މުޢިއްޒު މެލޭޝިއާގެ އިޤްތިޞާދީ ތަރައްޤީ އާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން އިންތިޒާމުކުރާ ބިޒްނަސް ފޯރަމްގައި ބައިވެރިވެވަޑައިގަންނަވައި، މެލޭޝިއާގެ އިސް ވިޔަފާރިވެރިންނާ ބައްދަލުކުރައްވާނެއެވެ.

ދަތުރުފުޅުގެ ތެރޭގައި ރައީސް މުޢިއްޒު އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އޮފް މެލޭޝިއާ (އައި.އައި.ޔޫ.އެމް) އަށް ޒިޔާރަތްކުރައްވައި ދަރުހެއް ދެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި މެލޭޝިއާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ފަރާތްތަކުގެ ކަންބޮޑުވުންތައް އަޑުއައްސަވައި، އެ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތަކުން އަރައިގަނެވޭނޭ ގޮތްތަކެއް ހޯއްދަވައިދެއްވުމަށް މަސައްކަތްކުރައްވާނެއެވެ.


                    

މި ލިޔުން ކިޔާލުމުން

Ads by MSS